ވިޔަފާރި

ރާއްޖޭގެ މަހުގެ އުފެއްދުންތައް ޗައިނާއަށް ބޭރުކުރަނީ


ރާއްޖޭގައި ތައްޔާރުކުރާ މަހުގެ އުފެއްދުންތައް ޗައިނާއަށް ބޭރުކުރަން ހުއްދަދިނުމުގެ ކުރިން ބަލަންޖެހޭ ކަންތައްތައް ޗައިނާގެ ފަރާތުން ބަލައި، ދިރާސާކުރަން ފަށައިފިއެވެ. 

މިކަން ކުރަނީ ރާއްޖޭގައި މިހާރު ޙަރަކާތްތެރިވާ ޗައިނާގެ ޚާއްޞަ ވަފްދަކުންނެވެ. ޗައިނާއަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ ކޮލިޓީ ބަލަހައްޓާ އިދާރާ އޭ.ކިއު.އެސް.އައި.ކިޔުގެ ބޭފުޅުން ވަނީ ރާއްޖޭގައި މަސް އުފައްދާ ތަންތަނަށް ޒިޔާރަތްކުރައްވައި، މިމަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލައްވާފައެވެ. އަދި މިވަފްދުގެ ބޭފުޅުން ވަނީ ރާއްޖޭގައި މަހުގެ ބާވަތްތައް އުފައްދާ ކުންފުނިތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވައި މިމަސައްކަތްތައް ކުރިޔަށްދާ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯއްދަވާފައެވެ. 

މީގެއިތުރުން ރާއްޖޭގެ ކާބޯތަކެތީގެ ބާވަތްތައް މޮނީޓަރކޮށް ބަލަހައްޓަވާ އިދާރާ، ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ބޭފުޅުންނާވެސް މިވަފްދުގެ ބޭފުޅުން ބައްދަލުކުރައްވައި، މަޢުލޫމާތު އޮޅުންފިލުއްވާފައިވެއެވެ.