ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 50 އޯވަރުގެ ގައުމީ ކްރިކެޓް މުބާރާތުގެ ފައިނަލަށް މިލާން ކްރިކެޓް އެކެޑަމީ ދަތުރުކޮށްފިއެވެ.
ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި އިއްޔެ ހެނދުނު ކުޅުނު މެޗުން މިލާން މޮޅުވީ ފުވައްމުލައް ކްރިކެޓް އެކެޑަމީއާ ވާދަކޮށް ހަ ވިކެޓުންނެވެ.
މި މެޗުގެ ގުރު ދިމާވުމުން ފުވައްމުލައް ކްރިކެޓް އެކެޑަމީ އެންމެ ފުރަތަމަ ކުޅެން އަރައި 35.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 102 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 28 ބޯޅައިން 24 ލަނޑު ހެދި މުޙައްމަދާއި، 60 ބޯޅައިން 24 ލަނޑު އެއްކުރި އަޙްމަދު ނީޝަމެވެ. ޖަވާބުގައި މިލާން ކުޅެން އަރައި 16.2 އޯވަރުގެ ތެރޭގައި ވަނީ ހަތަރު ކުޅުންތެރިން ނުބައިވެގެން 103 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 25 ބޯޅައިން 33 ލަނޑު ހެދި އިބްރާހީމް ނަޝާތާއި، ނުބައިނުވެ 41 ބޯޅައިން 30 ލަނޑު އެއްކުރި ޔޫސުފް އަޒިޔާނެވެ.
މީގެ އިތުރުން މި މުބާރާތުގައި ހުކުރު ދުވަހުގެ ހެނދުނު ކުޅުނު މެޗުން މާލޭ ވެޓެރަންސް މޮޅުވީ ނިއު ސްޓާއާ ބައްދަލުކޮށް 16 ލަނޑުންނެވެ.
މި މެޗުގެ ގުރުދިމާވުމުން މާލޭ ވެޓެރަންސް އެންމެ ފުރަތަމަ ކުޅެން އަރައި 41.2 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ވަނީ 221 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 38 ބޯޅައިން 44 ލަނޑު ހެދި އަސްކަރު ހުސެއިން އާއި، 57 ބޯޅައިން 43 ލަނޑު އެއްކުރި ސަމިތަ ފެނާންޑޯއެވެ. ޖަވާބުގައި ނިއު ސްޓާ ކުޅެން އަރައި 37.2 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 205 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 75 ބޯޅައިން 87 ލަނޑު ހެދި މުޙައްމަދު ރިޝްވާނެވެ.
މި ނަތީޖާތަކާއެކު ފަސް ޓީމު ވާދަކުރާ މި މުބާރާތުގެ އެއްވަނައިގައި އޮތް މިލާން ފައިނަލަށް ދަތުރުކުރިއިރު، އެ ޓީމަށް ވަނީ ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގައި އޮތް މާލޭ ވެޓެރަންސް އާއި ތިންވަނައިގައި އޮތް ސީބީއެލް ސްޕޯޓްސްއަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފައެވެ. އަދި ފުލުގައި އޮތް ދެ ޓީމު ކަމަށްވާ ނިއު ސްޓާ އާއި ފުވައްމުލައް ކްރިކެޓް އެކެޑަމީއަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މި މުބާރާތުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހެވެ. އެ ދުވަހުގެ ހެނދުނު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ މާލޭ ވެޓެރަންސް އާއި ސީބީއެލްއެވެ.