ޚަބަރު

މަޝްރޫޢުތައް އަވަސްކުރަން އިންޑިއާއެކު އެކަށީގެންވާ މަޝްވަރާތަކެއް ކުރިން: ވަޒީރު


  • ވަޒީރު އެންމެ އިސްކަންދެއްވި އެއްކަމަކީ މަޝްރޫޢުތައް އަވަސްކުރުމަށް މަޝްވަރާކުރެއްވުން

  • ޚާރިިޖީ ވަޒީރު އިންޑިއާއަށްކުރެއްވީ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެއް

އިންޑިއާ ސަރުކާރުގެ ލޯނު އެހީއާއި ހިލޭ އެހީގައި ރާއްޖޭގައި ފަށާފައިވާ މަޝްރޫޢުތައް އަވަސްކުރުމަށް އެކަށީގެންވާ މަޝްވަރާތަކެއް ކުރެވިފައިވާކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރުގެ ދަޢުވަތަކަށް އެޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށްދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު އިންޑިއާ ސަރުކާރުގެ ލޯނު އެހީއާ ހިލޭއެހީގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވަނީ ތަފާތު މަޝްރޫޢުތަކެއް ފަށާފައެވެ. އޭގެ ތެރެއިން ބައެއް މަޝްރޫޢުތައް ކުރިއަށްނުގޮސް މަޑުޖެހިފައިވާތީ އެމަޝްރޫޢުތައް އަލުން ފަށައި ވީހާވެސް އަވަހައް ނިންމާލައި ރައްޔިތުންނަށް އޭގެ ފައިދާ އަވަހައްލިބޭނެ ގޮތްތައް ތަނަވަސްކުރަން އިސްކަންދޭނެކަން ސަރުކާރުންވަނީ ހާމަކުރައްވާފައެވެ. އަދި ޚާރިޖީ ވަޒީރުގެ އިންޑިއާ ދަތުރުފުޅުފައްޓަވަމުންވެސް ވަނީ އެކަމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަން ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ ބުރާސްފަތި ދުވަހު ދެ ވަޒީރުން ބޭއްވި ބައިލެޓްރަލް ބައްދަލުވުމުގައި މަޝްރޫޢުތައް އަވަސްކުރަން މުހިއްމު މަޝްވަރާތަކެއް ކުރެވުނުކަމަށެވެ.

"އަޅުގަނޑަށް އެކަށީގެންވާ ގޮތުގައި މަސައްކަތްކުރެވެނު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއެކު މަޝްވަރާކުރެވުނު މިކަންކަމުގައި. އަދި މަސައްކަތްތައް ކުރިއަށްގެންދިއުމައްޓަކައި އެކަމަށް އެކުލަވާލާފައިވާ ކޮމިޓީތަކުގެ މަސައްކަތްތައް އިތުރަށް ބަލަންވެސް މަޝްވަރާކުރެވުނު" ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރުގެ މިދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ މެދުގައި ބޭއްވި ރަސްމީ ވާހަކަތަކުގެ ތެރޭގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުވެސް ވަނީ ރައްޔިތުންނާ ގުޅޭ މަޝްރޫއުތައް ރައްޖޭގައި އެޤައުމުން ކުރިއަށްގެންދާ ކަމަށާއި އެއީ މުހިއްމު މަޝްރޫޢުތަކެއްކަން ފާހަގަކުރައްވާފައެވެ.