ޚަބަރު

ކުޑަކުދީން ތަރުބިއްޔަތު ކުރަންވާނީ، އިސްލާމްދީނާއި ޤައުމު އިސްކުރާ ޖީލެއްގެ ގޮތުގައި: ރައީސް


  • ޒިންމާދާރު ޖީލެއް ބިނާކުރުމަކީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަން ފާހަގަކުރެއްވި

  • ކުޑަކުދިންނަށް ރީތި ނަމޫނާ ދައްކާ ބަޔަކަށްވުމަށްވެސް ގޮވާލެއްވި

ކުޑަކުދީން ތަރުބިއްޔަތު ކުރާންވާނީ، އިސްލާމީ އުޞޫލުތަކަށް ކަމޭހިތައި، ދިވެހިވަންތަކަމަށް ލޯބިކުރާ، ޤައުމު އިސްކުރާ، ޖީލެއްގެ ގޮތުގައި ކަމަށާއި، މިއީ އެންމެންގެ ޒިންމާއެއްކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހުރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ކުޑަކުދީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ކުޑަކުދީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާބެހޭ ބައިނަލްއަޤްވާމީ މުހިންމު މުޢާހަދާތަކުގައި ރާއްޖެެއިން ބައިވެރިވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ކުޑަކުދީންނަށް ޙިމާޔަތާއި، ދިރިއުޅުމުގެ ފަހި ފުރުޞަތުތަކަށްޓަކައި ބޭނުންވާނެ ޤާނޫނުތައް ހަދައި، އިދާރާތައް އުފައްދައި، ނިޒާމުތައް ޤާއިމުކުރުމުގައިވެސް ބޮޑެތި އަދި މުހިންމު އެތައް މަސައްކަތެއް ރާއްޖޭގައި ފުރިހަމަކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މި ހުރިހާ ކަމަކާއެކު، ކޮންމެ ބޮޑު މީހެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިންމު ދީނީ، އިންސާނީ، އަދި ޤައުމީ މަސްއޫލިއްޔަތެއް އެބައޮތް ކަމަށެވެ. އެއީ، ކުޑަކުދީންނަށް ރައްކައުތެރިކަންދީ، ރީތި ނަމޫނާ ދައްކާ، ހެޔޮމަގަށް އެކުދީންގެ ސުލޫކު ބައްޓަންކުރަން މަގުދައްކައިދިނުމުގައި ހަމަ ކޮންމެ މީހަކުވެސް ދެމިހުރުން ކަމަށެވެ.

ރައީސް ވިދަޅުވީ ދިވެހި ލޮބުވެތި ކުޑަކުދީން ބޮޑެތި ކުރާންވާނީ، އިސްލާމީ އުޞޫލުތަކަށް ކަމޭހިތައި، ދިވެހިވަންތަކަމަށް ލޯބިކުރާ، ޤައުމު އިސްކުރާ، ގޮތްހުރި އުޅުންހުރި ޖީލެއްގެ ގޮތުގައިކަމަށެވެ. މިއީ، އަޅުގަނޑުމެން އެންމެންގެ ޒިންމާއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ އެކި ރަށްރަށަށް ކުރާ ޒިޔާރަތްތަކުގައި ވަރަށް ގިނަ ކުޑަކުދީން، އެކުދީން ކުޅިވަރުކުޅެ އުޅޭނެ ޒަމާނީ ޕާކެއް ރަށުގައި ބިނާކޮށްދިނުމަށް އެދޭކަމަށެވެ. އަދި ސަރުކާރުން ކުޑަކުދީންނަށާއި ޢާއިލާތަކަށް ބޭނުންވާނެ އެފަދަ ޕާކުތައް، ރާއްޖޭގެ ހުރިހާ ރަށެއްގައި ބިނާކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުތުބުޚާނާތައް ބިނާކުރަން ފަށައި، ކުޑަކުދީންގެ ސިކުނޑިތަކަށް ޢިލްމާއި މަޢުލޫމާތުން ކާނާ ލިބޭނެ މަގުތައް އިތުރުކޮށްދޭނަން. ބަވަނަވަމުން މިދާ ދުނިޔެއަށް ހަލުވިކަމާއެކު އަންނަ ބަދަލުތަކާއި، ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކަށް ދަރީން އަހުލުވެރިކުރުވަން ވާނީ އަޅުގަނޑުމެން ނުހަނު ހުޝިޔާރުވެ ތިބެ." ރައީސް ވިދަޅުވިއެއެވެ.

ރައީސް ވިދާޅުވީ ޒަމާނީ ކޮންމެ އޮއިވަރަކާއެކު އަންނަ ނުކިއްސަރު ކަންކަމުން ދަރީން ދަފަރާ ކުރާން ހޭލުންތެރިވެ ތިބެން ޖެހޭ ކަމަށެވެ. އަދި މި ހުރިހާ ކަމެއްގައި މައިންބަފައިންނާއި، ބެލެނިވެރީންނާއި، ސަހަރޯވެރީންނާވެސް އެއްބާރުލައި އަތުގުޅާލައިގެން ސަރުކާރުން މަސައްކަތްކުރާނެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒުވަނީ ކުޑަކުދީންގެ ދުވަހެއްގައި، ހިތަށް ވެރިވާ އުފާވެރި އަދި އުންމީދީ އިޙްސާސްތަކާއެކު، ހިތާމަވެރި އަސަރުކުރުވާކަމެއްވެސް އެބައޮތްކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަކީ ފަލަސްޠީނުގެ ބިމުގައި އަނިޔާ ލިބި، ބިކަ ހާލުގައި ޖެހެމުންދާ އެތައް ހާސް ކުޑަކުދީންކަމަށް ވިދާޅުވިއެވެ.

"އިޒްރޭލުގެ އަނިޔާވެރި އަތްތަކުގެ ޝިކާރައަކަށްވެ، ޙަޔާތުގެ ޅަނދޮޅު ފޯވަހީގެ އެންމެ ހިތްފަހި ދުވަސްތަކުގެ އުފަލާއި، ތަޢުލީމާއި، ޢާއިލީ ލޯބިން މަޙްރޫމްވަމުން އެދާ މަޢުޞޫމް ކުދީންނަކީ ހަމަ އަޅުގަނޑުމެންގެވެސް ދަރީން. އެ ކުދީންގެ ތެރެއިން ޝަހީދުވާ ކޮންމެ ކުއްޖަކަށް ސުވަރުގޭގައި ކީރިތިﷲ ވަޢުދުވެވޮޑިގެންފައިވާ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި." ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ދިވެހިރާއްޖޭގެ އުސްތާޛުލްޖީލް މަރުޙޫމް މުޙައްމަދު ޖަމީލުދީދީ "ހައްތާވެސް ދަރީންނެވެ." މި ނަމުގައި 1981ވަނަ އަހަރު ޝާއިޢުކުރައްވާފައިވާ ކުރުވާހަކައަކަށް އިޝާރަތްކުރައްވާ، އެ ވާހަކައިން ލިބޭ އެންމެ ބޮޑު އެއް ޢިބްރަތަކީ، އުފަން ދަރީން ނޫނަސް، ކޮންމެ ކުޑަކުއްޖަކީވެސް ދަރިއެއްކަމުގައި ދެކި އޯގާތެރިކަމާއި އެހީތެރިކަމާއެކު ދިރިއުޅެން ފަށައިފި މީހެއްގެ ނަފްސާއި ރޫޙަށް ލިބޭނެ ހަމަޖެހުން ފާހަގަކުރައްވާފައެވެ. އަދި މިފަދަ ދުވަހެއްގައި މިއީ، ވިސްނައިލުން މުހިންމު ނުކުތާއެއްކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސްގެ ޙިޠާބު ނިންމަވާލެއްވީ، މި ޤައުމުގެ ކުރިމަގަށް ކުރާ ފާގަތި އުންމީދާއި، މާދަމާގެ ވިޔަވަތިކަމަށް އެދި ރެޔާދުވާލު މިކުރާ މަސައްކަތުގެ މިލްކުވެރީންނަކީ އަދި ވާރުތަވެރީންނަކީ، މިއަދުގެ ކުޑަކުދީންކަން ފާހަގަކުރައްވާފައެވެ. އަދި މިކުދީންގެ ޙައްޤުގައި މިއަދު ކުރި މަސައްކަތަކުން ނޫނީ މި ޤައުމަށް އުޖާލާ މުސްތަޤްބަލެއް ހޯދައެއް ނުދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.