ކުޅިވަރު

މައްސަލަތައް ފެންމަތިވުމުން ހައިރާންވި، ބޭނުންވަނީ އަވަސް ހައްލެއް: ޒަޔާން


ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް އަޑުއިވުމުން ހައިރާންވި ކަމަށާއި، ބޭނުންވަނީ މިހާރު ހުރި މައްސަލަތަކަށް އަވަސް ހައްލެއް ކަމަށް ގައުމީ ބެންޑްމިންޓަން ޓީމުގެ ކުޅުންތެރިޔާ ޒަޔާން ޝަހީދު ޒަކީ ބުނެފިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން މިދިޔަ މާޗު މަހުގެ 22 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި އިންތިޚާބެއް ބާއްވަން މަސައްކަތްކުރި ނަމަވެސް، އެ އިންތިޚާބު ފަސްކުރަން ޖެހުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެންގުމަކާއެކުއެވެ. އަދި އޭގެ ކުރިން އެ އިންތިޚާބުގެ ކަންކަން މަޑުޖައްސާލަން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލްވެސް ވަނީ ދެ ފަހަރެއްގެ މަތިން އަންގަވާފައެވެ. ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ބެޑްމިންޓަން އެސޯސިއޭޝަނުގެ ވެރިންގެ މައްޗަށް އަމާޒުވެފައިވާތީ، އޭސީސީގެ ތަހުގީގީ ޓީމެއް މީގެ ކުރިން އެ އެސޯސިއޭޝަނަށް ވަދެފައިވާއިރު، އެ މައްސަލަ އަދިވެސް އަންނަނީ ބަލަމުންނެވެ.

ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަމުން ޒަޔާން ބުނީ މިހާރު ހައްލުނުވެ ހުރި ކަންކަމަށް ހައްލު ހޯދައި، އެ ކުޅިވަރުގައި އަވަހަށް ކުރިއަށްދެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ. އަދި އެސޯސިއޭޝަނުގެ ވެރިންނާ މެދު ކުރެވޭ ތުހުމަތުތަކުގެ މައުލޫމާތު އެއްގޮތަކަށްވެސް ނޭނގޭ ކަމަށްވެސް ވަނީ ބުނެފައެވެ. ޒަޔާން ބުނީ އެންމެ ބޮޑު މައްސަލައަކީ ޒިންމާތައް ނުނެގުން ކަމަށާއި، ރައްޔިތުންގެ ޓެކްސް ފައިސާ ތަންތަން ހިނގާ ނުހިނގާ ގޮތް ބަލައި، ޒިންމާ ނަގަން ތިބި ފަރާތްތަކުން ފިޔަވަޅުވެސް އަޅެންޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"
ވަރަށް ޓްރާންސްޕޭރެންޓް ވާންޖެހޭ ހުރިހާ ފަރާތްތަކުންވެސް. އަޅުގަނޑަށް ހިވާނީ އޯވާ ޓައިމް ވޭހެން. ކަންތައްތައް މި ލެވެލަށް ދެވިގެންދާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުވޭ. އަޅުގަނޑަށް މައުލޫމާތެއް ލިބިފައެއް ނެތް ކޮން ލެވެލެއްގެ ކިހާ ކަންތައްތަކެއް ކަމެއް ހިގަނީ.
ޒަޔާން ޝަހީދު ޒަކީ - ގައުމީ ޓީމުގެ ކުޅުންތެރިޔާ

ޒަޔާން ބުނީ މިހާތަނަށް ކޮންމެވެސް ސަބަބުތަކާ ހުރެ އިންތިޚާބަށް މަޑުޖެހިފައިވާ ކަމަށެވެ. އެ ގޮތަށް ކަންކަން މަޑުޖެހިގެންދާ ކަމުގައިވާނަ، އެއީ ރާއްޖޭގެ ބެޑްމިންޓަނަށް ލިބިގެންދާ ވަރަށް ބޮޑު ދެރައެއް ކަމަށްވެސް ބުންޏެވެ. އެންމެ ފަހުން ބެޑްމިންޓަން އޭޝިއާގެ އަހަރީ ބައްދަލުވުން ބޭއްވިގެން ދިޔައީ ރާއްޖޭގެ ބައިވެރިވުމެއް ނެތިކަން ފާހަގަކުރަމުން ޒަޔާން ބުނީ ގެއްލިގެން އެ ދިޔައީ ރާއްޖޭގެ އެތުލީޓުންނަށް ވަރަށް ގިނަ ފުރުސަތުތަކެއް ކަމަށެވެ.

ޒަޔާން ބުނީ ކޮންމެ ބަޔަކު އެސޯސިއޭޝަން ތިބި ނަމަވެސް އެންމެން މަސައްކަތްކުރަނީ އެއް އަމާޒަކަށް ކަމަށާއި، ހުޅުވާލެވިފައިވާ މާހައުލެއްގައި ހުރި މައްސަލަތަކާ މަދު ވާހަކަދެކެވެން ޖެހޭ ކަމަށެވެ. މީގެ އިތުރުން ޒަޔާން ވަނީ މިހާރު ހުރި މައްސަލަތައް އަވަހަށް ހައްލުކުރުމަށް ސަރުކާރަށާއި އެސޯސިއޭޝަނަށް ގޮވާލާފައެވެ.

"
އޭޖީއެމްގައި ބައިވެރިވުމަކީ މުހިންމުކަމެއް. އެތުލީޓުންނަށް ލިބެގެންދާނެ ވަރަށް ބައިވަރު ފުރުސަތު. މީތި މިގޮތަށް ކޮޅެއްގައި ނުޖެހި ގިނަ ދުވަސް ވާނަމަ، ހުރިހާ ގެއްލުމެއް ވާނީ އެތުލީޓުންނަށް.
ޒަޔާން ޝަހީދު ޒަކީ - ގައުމީ ޓީމުގެ ކުޅުންތެރިޔާ

ބެޑްމިންޓަން އެސޯސިއޭޝަނުގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، މި މަހުގެ ކުރީކޮޅު ސްޕޯޓްސް ކޮމިޝަނުން ވަނީ ބެޑްމިންޓަން އެސޯސިއޭޝަނަށް 20 ދުވަހުގެ ތެރޭގައި ވަކި އުސޫލެއްގެ ތެރެއިން އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިޔުމަށް ފުރުސަތުދީފައެވެ. އެއީ އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ (ބީޑީސީ) ތަކަށް ނުދޭ ގޮތަށެެވެ. އަދި ބީޑީސީތަކަށް އިންތިޚާބުގެ ވޯޓުގައި ބައިވެރިވެވޭނީ، އެ ކޮމިޓީތައް ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްގެން ކަންްވެސް ވަނީ އަންގާފައެވެ.