ޚަބަރު

2 މަސްތެރޭ އެއަރ އެމްބިއުލާންސްގެ 124 ދަތުރު، އެވްރެޖްކޮށް ދުވާލަކު 2 ދަތުރު


  • މި ޚިދުމަތް ރާއްޖޭގައި ފެށީ މަރިޗް މަހުގެ 1 ވަނަ ދުވަހު

  • އޭޕްރިލް 15އިން ފެށިގެން ސީ ޕްލޭންވެސް ވަނީ ބޭނުންކުރަން ފަށާފައި

  • މި ޚިދުމަތް ދެނީ ވަރަށް އަސާސީ އިންސާނީ ޚިދުމަތެއްގެ ގޮތުގައި

އެއަރ އެމްބިއުލާންސް ޚިދުމަތް ފޯރުކޮށްދޭން ފެށިފަހުން މިހާތަނަށް 124 ދަތުރުކޮށްފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ. ސަރުކާރުން މި ޚިދުމަތް ދެނީ ޤައުމީ އެއަރލައިން، މޯލްޑިވިއަން މެދުވެރިކޮށެވެ.

ވައިގެމަގުން ބަލިމީހުން އުފުލުމަށް ޚާއްސަ މަތިންދާބޯޓު "އެއަރ އެމްބިއުލާންސް"ގެ ޚިދުމަތް ރާއްޖޭގައި ފެށީ މަރިޗް މަހުގެ 1ވަނަ ދުވަހުއެވެ. މި ޚިދުމަތުގައި ފުރަތަމަ ބޭނުންކުރަން ފަށާފައިވަނީ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. އަދި އޭޕްރިލް 15 އިން ފެށިގެން މި ޚިދުމަތުގައި ސީ ޕްލޭންވެސް ވަނީ ބޭނުންކުރަން ފަށާފައެވެ. އެއީ ޑީއެވްސީ-6 ޓްވިން އޮޓަރ އެކެވެ.

މޯލްޑިވިއަންގެ ދަތުރުތަކުގައި ބޭނުންކުރުމަށް އިތުރު އޭޓީއާރު ބޯޓެއް ގެނައުން ފާހަގަކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ހަފްލާގައި މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ އެއަރ އެމްބިއުލެންސްގެ ޚިދުމަތަކީ ރައްޔިތުންނަށް ވަރަށް މުހިއްމު ޚިދުމަތެއް ކަމަށެވެ.

މިވީ 2 މަސް ދުވަސްތެރޭ 124 ދަތުރު ކުރެވިފައިވާއިރު، މިއީ އެވްރެޖްކޮށް ދުވާލަކަށް 2 ދަތުރު ކަމަށް އިޔާސް ވިދާޅުވިއެވެ.

"މިއީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް މުހިއްމު ޚިދުމަތެއް، އަސާސީ، އަދި މީހުންގެ ފުރާނަ ރައްކާތެރިކުރުމުގައި ލިބޭ ވަރަށް ބޮޑު އެހީތެރިކަމެއް، މި ޚިދުމަތް ފޯރުކޮށްދެނީ ވަރަށް އަސާސީ އިންސާނީ ޚިދުމަތެއްގެ ގޮތުގައި." އިޔާސް ވިދާޅުވިއެވެ.

އެއަރ އެމްބިއުލާންސްގެ ޚިދުމަތަކީ ވައިގެ މަގުން ބަލިމީހުން އުފުލުމަށް ޚާއްސަކޮށް ރާއްޖޭގައި ފެށި ފުރަތަމަ ޚިދުމަތެކެވެ. މި މަސައްކަތްފެށީ ސަރުކަރުން އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ.

އެގޮތުން ބޭނުންކުރަމުންދާ 2 ބޯޓަކީ، ބަލިމީހުން ފަސޭހައިން އުފުލޭގޮތަށް އެތެރެ ފަރުމާކޮށްފައިވާ ބޯޓުތަކެވެ. އަދި ޚިދުމަތް ދިނުމުގައި އުޅަނދުތައް އަބަދުވެސް އޮންނާނީ ތައްޔާރީ ޙާލަތުގައެވެ.

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށްޓަކާ ޚާއްސަކޮށް 15 މީހުންގެ ޓީމެއް ވަނީ ތަމްރީންކޮށްފައެވެ. އޭގެތެރޭގައި ޑޮކްޓަރުން، ނަރުހުން އަދި އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނެއެވެ.