ޚަބަރު

ޙައްޤުތަކުން މަޙުރޫމުވެފައި ތިބި ޣައްޒާގެ ކުޑަކުދިންގެ މަތިން ހަނދާންކުރަންޖެހޭ!


  • ޣައްޒާގައި 25,000 އަށްވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން ޝަހީދުކޮށްލާފައިވޭ

  • ޣައްޒާގައި އުޅޭ ކުދިންނަށް ރައްކާތެރި މާޙައުލެއްގައި އުޅުމުގެ ޙައްޤު ވަނީ ބީވެފައި

  • ކުޑަކުދިންގެ ޙައްޤުތައް ފުރިހަމައަށް ފޯރުކޮށްދޭ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭ

ކުޑަކުދިންނަކީ މައިންބަފައިންގެ ލޮލުގެ ފިނިކަމޭ ބުނާ ބީދައިން އެ ކުދިންނަކީ ޤައުމުގެ ލޮލުގެ ފިނިކަންވެސްމެއެވެ. އެހެނީ ކާމިޔާބުގެ މަގުން ކައްސާނުލައި ކާމިޔާބާ ދިމާލަށް ޤައުމު ގޮވައިގެން ދާނީ އަދުގެ ކުޑަކުދިންކަމުގައިވާތީއެވެ.

ޤައުމުގެ މުސްތަޤުބަލު އުޖާލާކުރުމަށް އެ ކުދިންނަށް ލޯތްބާއި ކުލުނާއި އަޅާލުން ބޭނުންވެއެވެ. އަދި އެ ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދީ، ތަޢުލީމީ ގޮތުންނާއި ވިސްނުމުގެ ގޮތުންނާއި ޢަމަލީ ގޮތުން ޤާބިލު ބަޔަކަށް ހަދަންޖެހެއެވެ. މި ހުރިހާ ކަމެއްވެސް ކުރެވޭނީ ކުޑަކުދިންގެ ޙައްޤުތައް އެ ކުދިންނަށް އެންމެ ފުރިހަމައަށް ކަށަވަރުވެގެންނެވެ.

އެގޮތުން އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް ބަލާލާއިރު ކިޔެވުމާއި އުނގެނުމުގެ ޙައްޤު ކޮންމެ ކުއްޖަކަށްވެސް ލިއްބައިދެނީ ޤާނޫނީ ބާރުވެރިކަމާއެކުއެވެ. 2020 ވަނަ އަހަރު ޢަމަލުކުރަން ފެށި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ކުޑަކުދިންނަށް އަޅާލުމާއި ހިމާޔަތް ލިއްބާދީފައިވެއެވެ. އަދި އަމިއްލަ ރައުޔު ނުވަތަ ތިމާ ދެކޭ ގޮތް ހާމަކުރުމުގެ ޙައްޤުވެސް މި ޤާނޫނުގެ ދަށުން ލިއްބައިދެއެވެ. ދިރިހުރުމުގެ ޙައްޤާއި ޖިންސީ ގޯނާއިން ރައްކާތެރިކަން ލިބުމުގެ ޙައްޤުވެސް މި ޤާނޫނުގެ ދަށުން ވަނީ ލިއްބައިދީފައެވެ.

ރާއްޖޭގައި ފުރިހަމަ ޤާނޫނަކުން ކުޑަކުދިންނަށް އެ ކުދިންގެ ޙައްޤުތައް ލިއްބައިދީފައިވީނަމަވެސް، ޙައްޤުތަކުން މަޙުރޫމްވެފައިވާ އެތައް ކުއްޖެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެއެވެ. ކާނެ އެއްޗެއް ނެތި، ލާނެ އެއްޗެއް ނެތި، ކިޔެވޭނެ ގޮތެއް ނެތި ރެފިޔުޖީންގެ ގޮތުގައި އެތައް ކުއްޖެއް ދިރިއުޅެއެވެ. މިފަދަ ޙާލުގައި ދިރިއުޅޭ ކުދިންގެ އެންމެ ލާމަސީލު އެއް މިސާލަކީ ފަލަސްޠީނުގެ ޣައްޒާގައި މިހަރު ދިރިއުޅެމުންދާ ކުޑަކުދިންނެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާޢީލުގެ ޖައްބާރު ޔަހޫދީން، ޣައްޒާގެ ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ ޢުދުވާނީ ޙަމަލާތަކުގައި އެތައް ކުޑަކުއްޖެއް ޝަހީދުކޮށްލާފައިވެއެވެ.

އެގޮތުން ޣައްޒާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި 25,000 އަށްވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. މި އަދަދުތަކުން ދޭހަވަނީ އެންމެ ކުޑަމިނުން ދިރިހުރުމުގެ ޙައްޤުންވެސް ފަލަސްޠީނުގެ ކުޑަކުދިން މަޙުރޫމްވެފައިވާކަމެވެ.

މީގެ އިތުރުން ފަލަސްތީނުގައި ދިރިހުރި ކުއްޖަކަށްވެސް އިންސާނަކަށްވީތީ ލިބެންޖެހޭ އަސާސީ އެތައް ޙައްޤަކުން މިއަދު ވަނީ މަޙްރޫމުވެފައެވެ. އެގޮތުން ކައިބޮއެ އުޅުމުގެ ޙައްޤާއި ދިރިއުޅޭނެ ސާފު ރައްކާތެރި މާޙައުލެއް ލިބުމުގެ ޙައްޤު ހިމެނެއެވެ. މީގެ އިތުރުން އެކުދިން ވަނީ ކިޔެވުމުގެ ޙައްޤުންވެސް މަޙުރޫމްވެފައެވެ.

ފަލަސްތީނުގައި އުޅޭ ކުޑަކުދިންނަށް މި ޙައްޤުތައް ކަށަވަރުކޮށްދިނުމަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މީހުންނާއި ޖަމިއްޔާތަކުން ދަނީ މަސައްކަތްކުރަމުންނެވެ.

ދިވެހިރާއްޖޭގައިވެސް ކުޑަކުދިންގެ ޙައްޤުތައް އެންމެ ފުރިހަމައަށް އަދިވެސް ކަށަވަރުނުވާކަން ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކޮންމެ މަހަކުހެން އެ ވުޒާރާއަށް ހުށަހެޅޭ ތަފާތު މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނާގުޅުންހުރި ތަފާތު މައްސަލަތައް ހިމެނެއެވެ. މީގެ ތެރޭގައި ޖިސްމާނީ އަދި ނަފްސާނީގޮތުން އެކުދިންނަށް ކުރާ އެކި އަނިޔާގެ ތަފާތު މައްސަލަތައް ހިމެނެއެވެ. މިއީ މުޖުތަމަޢުއެއްގެ ގޮތުގައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވިސްނާ ފިކުރުކުރަންޖެހޭކަމެކެވެ.

ކުޑަކުދިންގެ ދުވަސް މިއަދު ފާހަގަކުރާއިރު އަޅުގަނޑުމެން ވިސްނަންވީ އެކުދިންނަށް އަޅާލާ އެ ކުދިންނާމެދު ކުލުނުވެރިކަން ބެހެއްޓުމަށެވެ. އަދި އޯގާތެރިކަމާއި ކުޑަކުދިންގެ ޙައްޤުތައް އެންމެ ފުރިހަމައަށް އެ ކުދިންނަށް ފޯރުކޮށްދޭ މުޖުތަމަޢަކަށް، ދިވެހި މުޖުތަމަޢު ހެދުމަކީ މިއަދު އަޅުގަނޑުމެންގެ އަމާޒަކަށް ހަދަންޖެހެއެވެ.