ޚަބަރު

ކުއްޖަކަށް ގަދަކަމުން އެންޓިބަޔޮޓިކް ދޭން އުޅުނު ވާހަކަ އައިޖީއެމްއެޗްއިން ދޮގުކޮށްފި


  • މެޑިކަލް ޕްރެކްޓިސްގައި އަމަލުކުރަމުން އަންނަ އުސޫލުތަކާ އެއްގޮތަށް އަމަލުކުރާކަމަށް ބުނި

  • ބޭސް ދިނުމާއި ފަރުވާއާ ގުޅުން ހުރި އެހެނިހެން ކަންކަން އާޢިލާއަށް ހިއްސާކުރާކަން ފާހަގަކުރި

އައިޖީއެމްއެޗުގައި ތުއްތު ކުއްޖަކަށް ގަދަކަމުން އެންޓިބަޔޮޓިކް ދޭން އުޅުނު ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކޮށްފިއެވެ.

މިކަން ދޮގުކޮށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ، އެ ހޮސްޕިޓަލުގައި ވިހެއި ތުއްތު ކުއްޖަކަށް ފަރުވާ ދިނުމުގައި އެކަށީގެން ނުވާ ގޮތްތަކަކަށް އަމަލުކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަދި މެއިންސްޓްރީމް މީޑިއާގައި ހަގީގަތާ ޚިލާފަށް ވާހަކަތައް ދެކެވެމުން ދާތީ ހިތާމަކުރާ ކަމަށެވެ. އަދި ބަލި މީހުންނަށް ފަރުވާ ދިނުމުގައި އެ ހޮސްޕިޓަލުން އަމަލުކުރަނީ މެޑިކަލް ޕްރެކްޓިސްގައި އަމަލުކުރަމުން އަންނަ އުޞޫލުތަކާ އެއްގޮތަށްކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

އައިޖީއެމްއެޗްގެ ބަޔާނުގައި ބަލި މީހެއްގެ ހާލަތާއި ފަރުވާއާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ވަކި ގޮތަކަށް ވާހަކަ ދެއްކިނަމަވެސް ބަލި މީހުންގެ ބަލީގެ ހާލަތާއި ދީފައިވާ ފަރުވާގެ ތަފުސީލުތަކަކީ އާންމުކޮށް ސޯޝަލް މީޑިއާގައި ހޮސްޕިޓަލުން ހާމަކުރާ މައުލޫމާތުތަކެއް ނޫންކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ މައްސަލާގައިވެސް ބޭސް ދިނުމާއި ފަރުވާއާ ގުޅުން ހުރި އެހެނިހެން ކަންކަން ވެސް ބަލި މީހާގެ އާއިލާއާ މަޝްވަރާކޮށް، ތަފުސީލުކޮށް ކިޔައިދީފައި ވާނެ އައިޖީއެމްއެޗްއިން ވިދާޅުވިއެވެ.

ފަރުވާދޭއިރު ހިތްހަމަނުޖެހޭ ގޮތަކަށް ނުވަތަ ރަނގަޅު ނޫން ގޮތަކަށް ފަރުވާގެ ކަމެއް ކުރިއަށް ދާހެން ބަލި މީހަކަށް ނުވަތަ އެހީތެރިންނަށް ހީވާ ނަމަ ނުވަތަ އެ ކަހަލަ ކަމެއް ފާހަގަކުރެވޭ ނަމަ އެ ކަންކަން އިތުރަށް ސާފުކޮށް އޮޅުންފިލުވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާނެ ކަމަށް އައިޖީއެމްއެޗުން ވިދާޅުވިއެވެ. އަދި އޭގެ ފަހުންވެސް މައްސަލައެއް އޮތް ނަމަ ހޮސްޕިޓަލުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅޭނެ އިންތިޒާމުވެސް ހަމަޖައްސާފައި ވާނެކަން އައިޖީއެމްއެޗްއިން ފާހަގަކުރައްވައެވެ.

ހިތްހަމަނުޖެހޭ ހާލަތްތަކުގައި އަމަލުކުރަން އޮންނަ އުޞޫލާ ޚިލާފަށް ސޯޝަލް މީޑިއާގައި ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކައި، ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް ހެދުމަކީ އެ ބޭފުޅުންގެ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭނެ އަމަލުތަކަކަށް ވާތީ އައިޖީއެމްއެޗުގެ ބަޔާނުގައި ވަނީ އެކަން ކުށްވެރިކުރައްވާފައެވެ. އަދި އެފަދަ ހާލަތްތަކުގައި ހޮސްޕިޓަލުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އައިޖީއެމްއެޗްގެ ބަޔާނުގައި ވިދާޅުވިއެވެ.