ޚަބަރު

ކޮމިޓީ ރިޕޯޓްތަކުގެ މަސައްކަތް އަވަސްކުރުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންފި


  • 19 ވަނަ މަޖިލީހުގެ ފަހު ޖަލްސާ ތާވަލުކޮށްފައިވަނީ މެއި 13 އަށް

  • ވަޒީރުންނާ ކުރާ 21 ސުވާލެއްގެ މަސައްކަތް ނުނިމޭ

  • 322 ޝަކުވާގެ ސިޓީއަކަށް ޖަވާބު ނުދެވޭ

އެންމެ ލަސްވެގެން އަންނަ ހުކުރު ދުވަހު ކޮމިޓީ ރިޕޯޓުތައް މެންބަރުންނަށް ފޮނުވޭވަރަށް ކޮމިޓީތަކުގެ މަސައްކަތްތައް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ އަންނަ ހޯމަ ދުވަހަށް މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ ތާވަލުކޮށްފައިވާތީ އެ ޖަލްސާގައި މަޖިލީހުގެ މަސައްކަތްތައް ނިންމުމުގެ ގޮތުންނެވެ.

ނަވާރަ ވަނަ މަޖިލީހުގެ ދައުރު މި މަހުގެ 15 ވަނަ ދުވަހަށް ހަމަވާއިރު އެންމެ ފަހު ޖަލްސާ 13 ވަނަ ދުވަހު ބޭއްވުމަށް މަޖިލީހުން ވަނީ ނިންމަވާފައެވެ. ނަމަވެސް އަދިވެސް ނުނިމި މަސައްކަތްތަކެއް ހުރުމުން އަންނަ ބުރާސްފަތި ދުވަހާއި އާދީއްތަ ދުވަހުވެސް މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ހުރަހެއް ނެތްކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އަންނަ ހުކުރު ދުވަހު މެންބަރުންނަށް ނުފޮނުވާ އެއްވެސް ކޮމިޓީ ރިޕޯޓެއް ހޯމަ ދުވަހު ބާއްވާ ފަހު ޖަލްސާއަށް ތާވަލު ނުކުރެވޭނެ ކަމަށެވެ. ގަވާއިދު ބުނާގޮތުން ކޮމިޓީތަކުގެ ރިޕޯޓް މެންބަރުންނަށް ފޮނުވައި އެ މައްސަލަތައް މަޖިލިސް ތަޅުމަށް އެޖެންޑާ ކުރެވޭނީ މެންބަރުންނަށް 3 ދުވަހުގެ މުއްދަތެއް ދިނުމަށްފައެވެ. އެހެންކަމުން، ކޮމިޓީތަކުން ނިންމަން ޖެހޭ ހުރިހާ ކަމެއް ބުރާސްފަތި ދުވަހުގެ ނިޔަލަށް ނިންމައި ރިޕޯޓުތައް ހުކުރު ދުވަހު މެންބަރުންނަށް ފޮނުވޭ ގޮތް ހެދުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވިއެވެ.

އަސްލަމް ވިދާޅުވި ގޮތުގައި މިހާތަނަށް ވަޒީރުންނާ ކުރުމަށް 21 ސުވާލެއް މަޖިލީހުގެ ތަޅުމުގައި އެބައޮތް ކަމަށެވެ. އޭގެ ތެރެއިން 1 ސުވާލަކީ ލިޔުމުން ޖަވާބު ހޯދަން ޖެހޭ ސުވާލަކަށްވާއިރު ބާކީ ހުރި ސުވާލުތައް، ވަޒީރުންނާއި މެންބަރުންނަށް ހާޒިރުނުވެވުމުގެ ސަބަބުން އެޖެންޑާ ނުކުރެވޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން ސުވާލު ހުށަހަޅުއްވާފައިވާ މެންބަރުން މަޖިލީހަށް ހާޒިރުވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން އާންމުން މަޖިލީހަށް ހުށަހަޅާފައިވާ 322 ޝަކުވާގެ ސިޓީތަކަށް ޖަވާބު ނުދެވޭކަން ފާހަގަކުރައްވަމުން އަސްލަމް ވަނީ ކޮމިޓީތަކުން އެ ސިޓީތަކުގެ މަސައްކަތްވެސް ނިންމެވުމަށް އެދިވަޑައިގެންފައެވެ. އެގޮތުން، މި ދައުރު ނިމުމުގެ ކުރިން އެ ސިޓީތަކަށް ކޮންމެވެސް ޖަވާބެއް ދެވޭގޮތަށް މަސައްކަތްތައް ނިންމުމަށް ކޮމިޓީތަކުގެ މުގައްރިރުންނަށް އެމަނިކުފާނު އިލްތުމާސްކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރު މި މަހުގެ 15 ވަނަ ދުވަހު ހަމަވާއިރު އަލަށް އިންތިޚާބު ކުރެވުނު މެންބަރުން ހުވާކުރުން މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް މަޖިލީހުން ވަނީ ތާވަލުކޮށްފައެވެ.