ޚަބަރު

ބީއެމްއެލްއިން ހައުސިންގއަށް އައު ލޯނާއި ފައިނޭންސިންގ ތަޢާރަފްކޮށްފި


  • އަލަށް ތަޢާރަފްކުރީ ހޯމް ބިލްޑް ލޯނާއި ހޯމް އިކުއިޓީ ލޯނު

  • ހޯމް ބިލްޑް ލޯނު އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް

  • ހޯމް އިކުއިޓީ ލޯނު އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ހައުސިންގ އަށް އަމާޒުކޮށް އައު ލޯނު ޕްރޮޑަކްޓްތަކެއް ތަޢާރަފްކޮށްފިއެވެ.

ގެދޮރު އިމާރާތްކުރުމާއި މަރާމާތު ކުރުމަށް ކަސްޓަމަރުންގެ އޮތް ޑިމާންޑަށް ބަލައި ބޭންކުން ތަޢާރަފް ކުރީ ހޯމް ބިލްޑް ލޯނާއި ހޯމް އިކުއިޓީ ލޯނެއެވެ.

އަލަށް ތަޢާރަފްކުރި ހޯމް ބިލްޑް ލޯން ފަރުމާކޮށްފައިވަނީ އެއްވެސް ރަހުނަކާ ނުލައި 1 މިލިއަން ރުފިޔާއާ ހަމަޔަށް އަމިއްލަ ފަރުދުންނަށް ލޯނު ނެގޭގޮތަށްކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭއިރު، މިއީ ގެދޮރު މަރާމާތުކުރުމަށާއި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް ގެދޮރު އެޅުމަށް އެކަށީގެންވާ ޕްރޮޑަކްޓެއްގެގޮތުގައި އެ ބޭންކުން ފާހަގަކުރެއެވެ.

މީގެ އިތުރުން ކުރިން ހޯމް ލޯނާއި ފައިނޭންސިންގ ނަގާފައިވާ ކަސްޓަމަރުންނަށް އަމާޒުކޮށް ބީއެމްއެލްއިން ވަނީ ހޯމް އިކުއިޓީ ލޯން ތަޢާރަފްކޮށްފައެވެ. އަލަށް ތަޢާރަފްކުރި މި ލޯނު މެދުވެރިކޮށް ކަސްޓަމަރުން ނަގާފައިވާ ލޯނަށް ދައްކާފައިވާ އަދަދާ ހަމަޔަށް ލޯނު ދޫކުރެވޭނެއެވެ.

މިގޮތުން ހޯމް އިކުއިޓީ ލޯނަކީ 50،000 ރުފިޔާއަށްވުރެ މަތީ އަދަދަކުން ލޯނު ނަގާ ފަރާތްތަކަށް ދޫކުރާ ލޯނެކެވެ. މި ލޯނު އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެކަމަށް ބޭންކުން ބުނެއެވެ.

އަލަށް ތަޢާރަފުކުރި މި ދެ ލޯނާއި ގުޅޭގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ، މިއީ މުޅި ރާއްޖޭގައި ތިބި އެ ބޭންކުގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިނޭންސިންގ ލިބޭނެގޮތް މަގުފަހިކޮށްދިނުމަށް ތަޢާރަފްކުރި ޕްރޮޑަކްޓްތަކެއްކަމަށެވެ.

"އަލަށް ތަޢާރަފްކުރި ހޯމް ބިލްޑް ލޯނު ނަގަން އިތުރު ރަހުނެއް ބޭނުންނުވާއިރު، ކަސްޓަމަރުންނަށް މިހާރުގެ މާކެޓްގައި އެންމެ ރަނގަޅު އަގުގައި ގެދޮރު ހެދުމާއި މަރާމަތުގެ މަސައްކަތް ކުރެވޭނެ. އަޅުގަނޑުމެން މި ދޫކުރާ ހޯމް އިކުއިޓީ ލޯނުން މިހާރު ހޯމް ފައިނޭންސިންގ ނަގާފައިވާ ކަސްޓަމަރުންނަށް %10 ރޭޓުގައި ލޯނު ލިބޭނެ." މޫސާ ނިމާލް ވިދާޅުވިއެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުގެ ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް ހޯމް ބިލްޑް ފައިނޭންސިންގ އަދި ހޯމް އިކުއިޓީ ފައިނޭންސިންގ ލިބޭނެކަމަށެވެ.