ކުޅިވަރު

އިންޑިއާގެ އެލްއޯސީގައި ހިމެނޭ މަޝްރޫއުތައް ވަކިކޮށް އަވަސްކުރަނީ


އިންޑިއާއިން ހަމަޖެއްސި 40 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ލޯނު އެހީގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއުތައް އެއްކޮށް ފެށުމުގެ ބަދަލުގައި، އެ މަޝްރޫއުތައް ވަކިކޮށް އަވަހަށް ފެށޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގައި މިއަދު މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ރާއްޖޭގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް މިދިޔަ ސަރުކާރުން ހަމަޖެއްސި ލޯނު އެހީގެ ތެރެއިން، ބޮޑުބައި ޚަރަދުކުރަން ކަނޑައެޅީ ގަލޮޅު ފުޓްބޯޅަ ދަނޑުގެ މަޝްރޫއަށެވެ. އަދި އޭގެ އިތުރުން މާލޭގައި ބާސްކެޓްބޯޅަ ކޯޓަކާއި، ޓީޓީ ހޯލެއް އަދި ވޮލީ ކޯޓެއް ގާއިމުކުރުމަށް ހިމަނާފައިވާއިރު، ރާއްޖޭގެ ހަތަރު ރަށެއްގައި ސިންތެޓިކް ޓްރެކް ގާއިމުކުރަންވެސް ވަނީ ކަނޑައަޅާފައެވެ.

ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުޙައްމަދު ދީދީ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރާފިޢު ވިދާޅުވީ އެ ސިޓީގައި ގާއިމުކުރާ ސިންތެޓިކް ޓްރެކް ސްޓޭޑިއަމުގެ މަސައްކަތް ގުޅިފައި އޮތީ އިންޑިއާގެ އެލްއޯސީއާ ކަމަށެވެ. އަދި އެލްއޯސީގައި ގިނަ މަޝްރޫއުތަކެއް ހިމެނޭއިރު، އެ ހުރިހާ ކަމެއް ފެށުމަށް މީގެ ކުރިން ނިންމާފައިވަނީ އެއް މަޝްރޫއެއްގެ ގޮތުގައި ކަމަށާއި، އެހެންކަމުން އެ މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"
މި ހުރިހާ ކަމަކީ އެއް ޕްރޮޖެކްޓެއްގެ ގޮތުގައި ހިމެނިފައި އޮތް ކަމެއް. އެހެންވީމަ އެ ބޭފުޅުން ބޭނުންވަނީ މި ހުރިހާ ޕްރޮޖެކްޓެއް އެއް ފަހަރާ ނުފެށޭ ކަމަށް ވެއްޖިއްޔާ މަޑުޖައްސާލަން.
ޢަބްދުﷲ ރާފިޢު - ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު

އެކަމަކު ރާފިޢު ވިދާޅުވީ އެކަން ބަދަލުކުރަން މި ސަރުކާރުން އިސްނަގާފައިވާ ކަމަށާއި، އެގޮތުން އިންޑިއާގެ ފޮރިން އަންޑަ ސެކްރެޓަރީއާ ދާދި ފަހުން ބައްދަލުކުރިއިރު، އެ މަޝްރޫއުތައް ވަކިކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ. އަދި އެ އެދުމުގެ މަތިން އެ މަޝްރޫއުތައް ވަކިވަކިން ގެންދެވޭނެ ގޮތަށް ހައްދަވާނެ ކަމަށް އެ ބޭފުޅުން ދެންނެވި ކަމަށާއި، އޭރުން ކުރެވެން ހުރި މަސައްކަތްތައް އަވަހަށް ފެށުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެލްއޯސީގެ ދަށުން އަޅާ ސިންތެޓިކް ޓްރެކް ގާއިމުކުރަން ހަމަޖެހިފައި އޮތީ ފުވައްމުލައް ސިޓީ އާއި، އައްޑޫ ސިޓީ ހިތަދޫ އާއި، ހދ. ކުޅުދުއްފުށި އަދި ގދ. ތިނަދޫގައެވެ. ރާފިޢު ވިދާޅުވީ މި ޓްރެކްތަކުގެ މަސައްކަތް އަވަސް ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ފޮރިން މިނިސްޓްރީގެ ތެރެއިންވެސް ކުރަމުން އަންނަ ކަމަށެވެ.

"
މި ދެންނެވި ފަސް ޕްރޮޖެކްޓް ވަކިވަކިން ކުރެވޭނަމަ އަޅުގަނޑުމެންނަށް ވަރަށް ފަސޭހަވާނެތީވެ، އެކަން އިންޑިއާ ސަރުކާރާ ވާހަކަ ދައްކައިގެން އެކަން މި އޮތީ މަގުފަހިވެފައި.
ޢަބްދުﷲ ރާފިޢު - ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު

މީގެ ކުރިން މިދިޔަ މާޗު މަހުގެ ތެރޭގައި ވަޒީރު ވަނީ އެލްއޯސީގެ ދަށުން ރާއްޖޭގައި އެޅުމަށް ކުރީ ސަރުކާރުން މަސައްކަތްކުރި ހަތަރު ސިންތެޓިކް ޓްރެކުގެ މަސައްކަތް، މި ސަރަކާރުން ކުރިއަށްގެންދަން ނިންމައި، އެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.