ދުނިޔެ

ދެކުނު ކޮރެޔާގެ ރައީސް އީރާނަށް ވަޑައިގެންފި


ދެކުނު ކޮރެޔާގެ ރައީސް ޕާކް ގުން ހޭ ރަސްމީ ދަތުރުފުޅެއްގައި އީރާނަށް ވަޑައިގެންފިއެވެ. 

މިދަތުރުފުޅުގެ ސަބަބުން ދެކުނު ކޮރެޔާއަށް އިޤްތިޞާދީ މަންފާތަކެއް ލިބޭނެ ކަމަށާއި، ކޮރެޔަން ޕެނިންސުލާއަކީ ނިއުކްލިއަރ ހަތިޔާރުނެތް ސަރަޙައްދަކަށް ހެދުމަށް ދެކުނު ކޮރެޔާއިން ކުރާ މަސައްކަތަށްވެސް އިތުރު ބާރެއް ލިބޭނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ދެކުނު ކޮރެޔާގެ ރައީސް ޕާކް ގުން ހޭ އަކީ ފާއިތުވި ފަންސާހަކަށް އަހަރުތެރޭގައި އިރާނަށް ޒިޔާރަތްކުރެއްވި ދެކުނު ކޮރެޔާގެ ފުރަތަމަ ރައީސްއެވެ. އެކަމަނާ ވަނީ އީރާންގެ ރައީސް ޙަސަން ރޫޙާނީ އާ ހޯމަދުވަހު ބައްދަލުކުރައްވާ ދެޤައުމު ދެމެދުގައި އެއްބާރުލުން އިތުރުކުރުމަށް ނަވާރަ އެއްބަސްވުމެއްގައި ސޮއި ކުރައްވާފައެވެ. މިއެއްބަސްވުންތަކުގެ ދަށުން ދެޤައުމުގެ ދެމެދުގައި މާލީ ދާއިރާއިންނާ ފަތުރުވެރިކަމާއި، ތަޢުލީމާއި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހި ކުރެވިގެންދާނެއެވެ. މީގެ އިތުރުން އީރާނުން ދެކުނު ކޮރެޔާއަށް ނެޗުރަލް ގޭސް ފޯރުކޮށް ދިނުމާބެހޭ އެމްއޯޔޫއެއްގައިވެސް ވަނީ ދެ ރައީސުން ސޮއިކުރައްވާފައެވެ. 

ޔުނިވަރސިޓީ އޮފް ތެހެރާންގެ ޕްރޮފެސަރއެއް ކަމަށްވާ މުހަންމަދު މަރަންދީ ވިދާޅުވީ ދެކުނު ކޮރެޔާއިން އީރާނާއެކު ގުޅުން ބަދަހި ކުރުމުން އެކަމުގެ ފައިދާ ދެކުނު ކޮރެޔާއަށް ބޮޑުކަމުގައެވެ. މިއެއްބަސްވުންތަކުގެ ސަބަބުން އީރާނުގެ އިތުރުން އަފްޣާނިސްތާން ފަދަ ޤައުމު ތަކުގެ ބާޒާރުތައް ދެކުނު ކޮރެޔާއަށް ހުޅުވިގެންދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ދެކުނުކޮރެޔާއާއި ޤާއިމުކުރެވިގެންދާ ގުޅުމުގެ ސަބަބުން އީރާނުން ހުޅަގަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދެކުނު ކޮރެޔާގެ ރައީސް ޕާކްގުން ހޭ އިރާނަށް ވަޑައިގެންފައި މިވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލިތާ މާގިނަދުވަހެއް ނުވަނީހެވެ.