ޚަބަރު

ރަމަޟާން މަހު ބޭނުންކުރި ކަރަންޓަށް ޑިސްކައުންޓް ދޭން ސްޓެލްކޯއިން ނިންމައިފި


  • ޑިސްކައުންޓް ދޭން ނިންމި ނިންމުމާ އެއްގޮތަށް އޭޕްރީލް މަހުގެ ކަރަންޓްބިލް އަދާހަމަކޮށް ފޮނުވާނެ

  • ރޯދަމަހުގެ ކަރަންޓު ބިލު ޕްކޮށް މިދިޔަ މަހުވެސް ބިލުތަކަށް ޑިސްކައުންޓް ދިން

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާއެއްގޮތަށް، ރަމަޟާން މަހު ބޭނުން ކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓުދޭން ސްޓެލްކޯއިން ނިންމައިފިއެވެ.

މިކަން ހާމަކޮށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ނިންމާފައިވާކަމަށެވެ. މިއާއެކު މިހާރު ފޮނުވާފައިވާ ބިލްތައް އެ ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީއެންމެ އަވަހަށް ކަސްޓަމަރުންނަށް ފޮނުވާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވިއެވެ.

ރަމަޟާންމަހުގެ ކަރަންޓު ބިލު ކެޕް ކުރުމަށް ސަރުކާރުން ނިންމަވައި، ރަމަޟާންމަހުގެ ބިލުތަކަށް ޑިސްކައުންޓް ވެސް ވަނީ ދީފައެވެ. އެގޮތުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާއި އެއްގޮތަށް ރަމަޟާން މަހުގެ ކަރަންޓު ބިލް އާންމު މަސްތަކަށްވުރެ އިތުރު ނުވާނެ ގޮތަށް ޑިސްކައުންޓު ދީ ކެޕް ކުރިއެވެ. އެއީ މާރިޗު މަހުގެ ކަރަންޓު ބިލެވެ.

އޭޕްރީލް މަހުގެ 10ގައި ރަމަޟާން ނިމުނުއިރު އޭޕްރީލް މަހުގެ ކަރަންޓު ބިލުތައް ބޮޑުކަމުގެ ޝަކުވާ އާންމުން ދަނީ ކުރަމުންނެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވަނީ މިމަހު ކަރަންޓު ބިލުތައް ބޮޑުވެފައިވަނީ ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެފައިވާތީ ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ރާއްޖޭގައި އެކަނިވާ ކަމެއްނޫންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ސްޓެލްކޯއިން ވަނީ ރޯދަ މަހުގެ ކުރިންވެސް ކަރަންޓު އިޤްތިޞާދު ކުރުމަށް އިރުޝާދު ދެއްވާފައެވެ. އެގޮތުން އާންމު މަސްތަކަށްވުރެ 10 މެގަވޯޓު އިތުރަށް ކަރަންޓު ރޯދަމަހު ބޭނުން ކުރާ ކަމަށް ސްޓެލްކޯ އިން ފާހާގަ ކުރެއެވެ.