ޚަބަރު

ސްޓޫޑެންޓް ލޯނަށް އެދި 1700 އަށް ވުރެ ގިނަ އެޕްލިކޭޝަން


  • ޖުމްލަ 1709 އެޕްލިކޭޝަން ހުށަހަޅާފައިވޭ

  • މިހާރު ކުރިއަށްދަނީ ފޯމުތައް ޗެކް ކުރުމުގެ މަސައްކަތް

  • ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުދޭން ސަރުކާރުން ވަނީ ނިންމަވާފައި

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ހުޅުވާލި ފުރުސަތުގެ ތެރޭގައި 1700 އަށް ވުރެ ގިނަ ދަރިވަރުން ލޯނަށް އެދި ފޯމް ހުށަހަޅާފައިވާކަން މަތީ ތަޢުލީމާއި މަސައްކަތްރިކަމާއި ހުނަރު ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް އެ ވުޒާރާއިން ވިދާޅުވީ، މިދިޔަ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު ހުޅުވާލި ފުރުޞަތުގެ ސުންގަޑި މިއަދު މެންދުރު 13:30 އާ ހަމައަށް ހަމަވެފައިވެފައިވާކަމަށާއި، ސުންގަޑި ހަމަވިއިރު 1709 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. އެ ވުޒާރާއިން ވިދާޅުވީ ދެން އޮންނާނީ ލިބުނު އެޕްލިކޭޝަންތައް ބަލައި ޗެކް ކުރުން ކަމަށެވެ.

މިއަހަރު މަތީ ތަޢުލީމުގެ ލޯނަށް 1700 އަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލާފައިވާއިރު ސަރުކާރުން ފުރަތަމަ ހުޅުވާލީ 500 ޖާގަ ދިނުމަށެވެ. ނަމަވެސް މިހަފްތާގެ ހޯމަ ދުވަހު ސަރުކާރުގެ ވަޒީރުންގެ ސުވާލުކުރުމަށް ރައްޔިތުންނަށް ފުރުސަތު ދިނުމަށް ބާއްވަމުންދާ އަހާ ފޯރަމުގެ ތެރެއިން، ވަނީ ސްޓޫޑެންޓް ލޯނު ޝަރުތުހަމަވާ އެންމެންނަށް ދިނުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވާފައިވާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

މި ލޯނު ސްކީމްގެ ދަށުން އެ ދަރިވަރަކު ބޭނުން ޤައުމަކަށް ކިޔަވަންދެވޭނެއެވެ. އަދި ލޯނު ނަގައިގެން ކިޔެވުމުގެ ފުރުޞަތު ދެނީ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށް ޚާއްސަކޮށްގެންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ހިމެނޭގޮތަށް އިމާރާތް ކުރުމުގެ ދާއިރާއާއި އޭވިއޭޝަންގެ ދާއިރާއާއި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ޤައުމަށް ކޮންމެހެން ބޭނުންވާ ދާއިރާތަކަށް ޚާއްސަކޮށްފައިވާކަން ވަޒީރު މީގެ ކުރިން ވަނީ ފާހަގަކުރައްވާފައެވެ.

މިފަހަރުގެ ލޯން ސްކީމްގައިވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޖާގަތަކެއް ޚާއްސަކޮށްފައިވާއިރު، އެކުދިންގެ ހާލަތަށް ރިޢާޔަތްކޮށް ކޯސް ފުރިހަމަ ކުރުމަށް ބޭނުންވާ ޚަރަދުތައް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި މިހާރުވެސް ކޯހުގައި ކިޔަވަމުންދާ ދަރިވަރުން ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ކުރުމަށްވެސް މިފަހަރުގެ ލޯން ސްކީމްގެ ތެރެއިން ފުރުޞަތު ދެއްވާނެކަމަށާއި، ހިލޭ ޑިގްރީގައި ކިޔަވަމުންދާ ދަރިވަރުންވެސް އިތުރު ޚަރަދުތައް ހަމަޖެއްސުމަށް ލޯނަށް އެދެވޭނެކަމަށް މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.