ޚަބަރު

ފުރަތަމަ ކުއާޓަރުގައި ދިރާގަށް 698 މިލިއަން ރުފިޔާގެ އާމްދަނީއެއް


  • މޯބައިލް ޚިދުމަތްތައް ފޯރުކޮށްދީގެން 376 މިލިއަން ރުފިޔާގެ އާމްދަނީއެއް

  • ފިކްސްޑު ބްރޯޑްބޭންޑު ޚިދުމަތްތަކުން 300 މިލިއަން ރުފިޔާގެ އާމްދަނީއެއް

  • ސާފު ފައިދާގެ ގޮތުގައި 218 މިލިއަން ރުފިޔާ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް 698 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި ލިބުނު 684 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު، 2 އިންސައްތަ އިތުރު އަދަދެކެވެ.

ދިރާގުން އާމްދަނީ ހޯދަނީ މައިގަނޑު 2 ދާއިރާއަކުންނެވެ. އެއީ މޯބައިލް ޚިދުމަތްތަކާއި ފިކްސްޑް ލައިން، ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށެވެ. ދިރާގުން އާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރގެ މާލީ ރިޕޯޓުގައިވާގޮތުން މޯބައިލް ޚިދުމަތްތައް ފޯރުކޮށްދީގެން ވަނީ 376 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފައެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި މޯބައިލް ޚިދުމަތްތަކުން ލިބިފައިވަނީ 365 މިލިއަން ރުފިޔާއެވެ.

ފިކްސް ބްރޯޑްބޭންޑު ޚިދުމަތުން ލިބުނު އާމްދަނީއަށްވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައިވަނީ ކުރިއެރުން ލިބިފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ފުރަތަމަ ކުއާޓަރުގައި ފިކްސްޑު ބްރޯޑްބޭންޑު ޚިދުމަތްތަކުން 300 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ފިކްސް ބްރޯޑްބޭންޑް އާމްދަނީގެ ގޮތުގައި ދިރާގަށް ލިބިފައިވަނީ 298 މިލިއަން ރުފިޔާއެވެ.

ފުރަތަމަ ކުއާޓަރުގައި ކުންފުނީގެ ހިންގުމުގެ ޚަރަދު ހުރީ 303 މިލިއަން ރުފިޔާގައެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ދިރާގަށް ވަނީ 218 މިލިއަން ރުފިޔާ ލިބިފައެވެ.