ޚަބަރު

އެސްޓީއޯއަށް ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 4.5 ބިލިއަން ރުފިޔާ


  • ފައިދާގެ ގޮތުގައި 617 މިލިއަން ރުފިޔާ ލިބިފައިވޭ

  • ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 308 މިލިއަން ރުފިޔާ

  • ޓެކުހަށް ކެނޑުމަށްފަހު ސާފުފައިދާގެ ގޮތުގައި 195 މިލިއަން ރުފިޔާ ލިބިފައިވޭ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއަށް 4.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެސްޓީއޯއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީއަކީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ވަނީ އެ ކުންފުނީގެ ވެބްސައިޓްގައި ޢާއްމުކޮށްފައެވެ.

އެސްޓީއޯއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 4.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ވިއްކާފައިވާ ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުންގެންދާ އެހެނިހެން ވިޔަފާރި ރަނގަޅު ވެފައިވުމެވެ.

އާމްދަނީ އިތުރުވުމާއެކު ފައިދާގެ ގޮތުގައިވަނީ 617 މިލިއަން ރުފިޔާ ވަނީ ކުންފުންޏަށް ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާ ބަލާއިރު 18 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 308 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 19 އިންސައްތައިގެ ކުރިއެރުމެކެވެ.

ޓެކްސްއަށް ކެނޑުމުގެ މިދިޔަ އެކުއާޓަރުގެ ސާފު ފައިދާއަކީ 235 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލައި 46 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީވެސް ކުންފުނިން ކުރަމުންގެންދާ ވިޔަފާރިތައް ރަނގަޅުކުރެވި ޖުމްލަ ފައިދާ އިތުރުކުރެވިފައި ވުމާއިއެކު، ހިންގުމުގެ ހަރަދު ކުޑަކުރުންކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 195 މިލިއަން ރުފިޔާ ލިބިފައެވެ.

އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގިނަ ވިޔަފާރިތަކެއް ހިންގާ ކުންފުންޏެކެވެ. އެގޮތުން ތެލާއި ބޭހާއި އަދި ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ކެއިން ބުއިމުގެ ބާވަތްތަކުގެ ވިޔަފާރިވެސް އެކުންފުނިން ކުރެއެވެ.