ޚަބަރު

ބަންދުގައި ކުދިންގެ ސްކްރީން ވަގުތު މަދުކުރުމަށް ނައިބު ރައީސްގެ އަނބިކަނބަލުން އިލްތިމާސްކުރައްވައިފި


  • މުޖުތަމައަށް ފައިދާހުރި ދަރިން ބިނާކުރުމުގައި ދެމިތިބުމަށް އެދިވަޑައިގެންނެވި

  • ކުދިންގެ ވަގުތުތައް ފައިދާހުރި ގޮތުގައި ހޭދަކުރުމަށް ބާރުއެޅުމަށް އެދިވަޑައިގެންނެވި

ކުރިއަށް އޮތް ސްކޫލް ބަންދު ދުވަސްތަކުގައި ކުދިންގެ ސްކްރީން ވަގުތު މަދުކުރުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު ބެލެނިވެރިންނަށް އިލްތިމާސްކުރައްވައިފިއެވެ.

ނައިބުގެ އަނބިކަނބަލުން އަފްރީން މިގޮތަށް އިލްތިމާސްކުރެއްވީ ކިންޑަރ ޕްރީސްކޫލުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު ވަނީ މުޖުތަމައަށް ފައިދާ ހުރި ދަރިންތަކެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގައި ދެމިތިބުމަށް ބެލެނިވެރިންގެ ފަރާތުން އެދިވަޑައިގެންފައެވެ. އަދި ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ކުދިންގެ "ސްކްރީން ޓައިމް" މަދުކުރުމަށް މަސައްކަތްކުރުމަށާއި އެކުދިންގެ ވަގުތުތައް ފައިދާހުރި ގޮތުގައި ހޭދަކުރުމަށް ބާރުއެޅުމަށް ބެލެނިވެރިންގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ވަނީ މުދައްރިސުން ޤައުމުގެ މުސްތަޤުބަލު ބިނާކުރުމަށް ކުރަމުން އަންނަ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި އެ މުދައްރިސުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދަރިވަރުން މައިންބަފައިންނާއި މުދައްރިސުންގެ ހެޔޮބަސް އަހައި އެގޮތަށް އުޅުން ބައްޓަންކުރުމަށް ބާރުއެޅުއްވިއެވެ.

މީގެ އިތުރުން އެކަމަނާ ވަނީ އަޚްލާޤު ރަނގަޅު ދީނުގެ ކަންކަމަށް ފަރުވާތެރިވާ ދީނަށް ލޯބިވާ ކުދިންތަކަކަށްވުމަށް ކުދިންނަށް ނަޞޭހަތްތެރިވެވަޑައިގެންފައެވެ.

ކިންޑަރ ޕޮރީސްކޫލުން ދަސްވެނިވި 55 ދަރިވަރުންނަށް ދަސްވެނިވިކަމުގެ ލިޔުމާއި، ސޭޝް އަދި ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުންނެވެ. އަދި އެކަމަނާ ވަނީ އަންމާފޮތް ޙިފްޛުކޮށްފައިވާ 13 ދަރިވަރުންނަށް ސްކޫލުގެ ފަރާތުން ދޭ ޓްރޮފީ ވެސް ހަވާލުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ކިންޑަރ ޕްރީސްކޫލުގެ ފަރާތުން ހަނދާނީ ފިލާއެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުންނަށް ދެއްވިއެވެ.

ކިންޑަރ ޕްރީސްކޫލުގައި މިހާރު 257 ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދެއެވެ.