ޚަބަރު

ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުދޫކުރުމަށް ރައީސް ނިންމަވައިފި


  • ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ ފެބްރުއަރީމަހު

  • ސްޓޫޑެންޓް ލޯނަށް ކުރިމަތިލުމުގެ ސުންގަޑި މެއި 2 އަކަށް ހަމަވާނެ

  • ރާއްޖެއަށް މުހިންމު ދާއިރާތަކުން ކިޔެވުމަށް އިސްކަންދެއްވާނެ

ސްޓޫޑެންޓް ލޯނަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިކަން އިޢުލާންކުރެއްވީ މިހާރު ކުރިއަށްދާ އަހާ ފޯރަމްގެ ތެރެއިން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ މަރްޔަމް މާރިޔާއެވެ.

މިއަހަރުގެ ސްޓޫޑެންޓް ލޯނަށް ކުރުމަތިލުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލީ މިދިޔަ ފެބްރުއަރީމަހުގެ 29 ވަނަ ދުވަހުއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހުޅުވާލެއްވި ފުރަތަމަ ސްޓޫޑެންޓް ލޯނެވެ.

މި ލޯނަށް އެދުމުގެ ފުރުޞަތު ފުރަތަމަ ހުޅުވާލީ މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ފަހުން ވަނީ މި ސުންގަޑި އަންނަމަހުގެ 2 ގެ ނިޔަލަށް ސަރުކާރުން އިތުރުކޮށްދެއްވާފައެވެ. މި ލޯން ސްކީމްގެ ދަށުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް އޭރު ހުޅުވާލީ 500 ފުރުޞަތަށެވެ.

ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތަކާގުޅޭގޮތުން އާއްމުންނަށް ސުވާލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ "އަހާ" ފޯރަމްގެ ތެރެއިން އާއްމު ރައްޔިތަކު ވަނީ ސްޓޫޑެންޓް ލޯނާގުޅޭގޮތުން ސުވާލުކޮށްފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ މަރްޔަމް މާރިޔާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ސްޓޫޑެންޓް ލޯނުގެ ކަންކަން ވީހާވެސް ފަސޭހަކޮށްދީ، މަތީ ތަޢުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހުރި ދަތިތަކަށް ހައްލު ހޯދައިދިނުންކަމަށެވެ. އެގޮތުން ސްޓޫޑެންޓް ލޯނަށް މިބުރުގައި ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދޫކުރާގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަން މި ފޯރަމްގެ ތެރެއިން ވަޒީރު ވަނީ އިޢުލާންކުރައްވާފައެވެ.

މި ލޯނު ސްކީމްގެ ދަށުން އެ ދަރިވަރަކު ބޭނުން ޤައުމަކަށް ކިޔަވަންދެވޭނެއެވެ. އަދި މި ލޯނު ނަގައިގެން ކިޔެވުމުގެ ފުރުޞަތު ދެނީ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށް ޚާއްސަކޮށްގެންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ހިމެނޭގޮތަށް އިމާރާތް ކުރުމުގެ ދާއިރާއާއި އޭވިއޭޝަންގެ ދާއިރާއާއި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ޤައުމަށް ކޮންމެހެން ބޭނުންވާ ދާއިރާތަކަށް ޚާއްސަކޮށްފައިވާކަން ވަޒީރު މީގެ ކުރިން ވަނީ ފާހަގަކުރައްވާފައެވެ.

މިފަހަރުގެ ލޯން ސްކީމްގައިވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޖާގަތަކެއް ޚާއްސަކޮށްފައިވާއިރު، އެކުދިންގެ ހާލަތަށް ރިޢާޔަތްކޮށް ކޯސް ފުރިހަމަ ކުރުމަށް ބޭނުންވާ ޚަރަދުތައް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި މިހާރުވެސް ކޯހުގައި ކިޔަވަމުންދާ ދަރިވަރުން ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ކުރުމަށްވެސް މިފަހަރުގެ ލޯން ސްކީމްގެ ތެރެއިން ފުރުޞަތު ދެއްވާނެކަމަށާއި، ހިލޭ ޑިގްރީގައި ކިޔަވަމުންދާ ދަރިވަރުންވެސް އިތުރު ޚަރަދުތައް ހަމަޖެއްސުމަށް ލޯނަށް އެދެވޭނެކަމަށް މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ އަލަށް ކިޔަވަން ފަށަން ބޭނުންވާ ދާއިރާތަކުން 370 ފުރުޞަތު ޚާއްސަކޮށްފައިވެއެވެ. އަދި ކިޔަވަމުންދާ ކެޓަގަރީއަށް ޚާއްސަކޮށްފައިވަނީ 130 ފުރުޞަތެވެ.

މީގެ އިތުރުން މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށް ވެސް ނިންމާފައިވެއެވެ. އެގޮތުން މި ލޯނު ސްކީމުގެ ދަށުން ޓޮޕްއަޕް ލޯނު ދިނުމަށް ހަމަޖެހިފައިވަނީ 7 ލައްކަ ރުފިޔާއަށް ވުރެ ބޮޑުނުވާ އަދަދަކަށްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.