ޚަބަރު

ގެޒެޓްކުރާތާ ތިން މަސް ދުވަހުން ގޯތި ހަވާލުކުރާގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފި


  • ރަޖިސްޓަރީ ވަކި މުއްދަތެއްގައި ހަވާލުކުރަންޖެހޭ ގޮތަށް ވެސް ގާނޫނަށް ވަނީ އިސްލާހު ގެނެސްފައި

ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ މީހުން ކަނޑައަޅައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި އެ ގޯތި ހަވާލުކުރަން ޖެހޭގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފިއެވެ.

ގޯތި ދޫކުރި އިދާރާއަކުން އެ ގޯއްޗެއް ލިބުނު މީހުންނަށް 3 މަސް ދުވަހުގެ ތެރޭގައި ގޯތި ހަވާލުކުރަންޖެހޭ ގޮތަށް ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. ކޮމިޓީން ގެނައި އިސްލާހުތަކާއެކު މި ބިލް މަޖިލީހުން ފާސްވީ 35 މެންބަރުންގެ ވޯޓުންނެވެ.

މެންބަރު މީކާއީލް ހުށަހެޅުއްވި ބިލުގައި ވަނީ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ގެޒެޓްކުރާ ތާރީޚުން ފެށިގެން 6 މަސް ތެރޭގައި ގޯތި ހަވާލުކުރާ ގޮތަށެވެ. ނަމަވެސް ބިލު ދިރާސާކުރުމުގެ މަރުހަލާގައި ވަނީ އެ މުއްދަތު ތިން މަސް ދުވަހަށް ކުޑަކުރުމަށް ނިންމައި އެގޮތަށް ފާސްކޮށްފައެވެ.

ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ގެޒެޓްގައި ޝާއިއުކޮށް ރަޖިސްޓަރީ ވަކި މުއްދަތެއްގައި ހަވާލުކުރަންޖެހޭ ގޮތަށް ވެސް ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ. އެގޮތުން ބަދަލުދޭން ނުޖެހޭ ހާލަތެއްގައި ހުރި ބިންތަކުގެ ރަޖިސްޓްރީ ތިން މަސް ދުވަހުގެ ތެރޭގައި އަދި ބަދަލުދޭންޖެހޭ ހާލަތުގައި ހުރި ބިންތަކުގެ ރަޖިސްޓަރީ އެއް އަހަރުގެ ތެރޭގައި ހަވާލުކުރަންޖެހޭ ގޮތަށް ވަނީ ގާނޫނަށް އިސްލާހު ގެނެސް މަޖިލީހުން ފާސްކޮށްފައެވެ.