ޚަބަރު

8 ސަފީރަކަށް މަޖިލީހުން ރުހުން ދީފި


  • 2 ސަފީރަކަށް ރުހުން ދިނުމުގެ މައްސަލަ ނުނިމޭ

އެކި ޤައުމުތަކަށް ސަރުކާރުން ކަނޑައަޅުއްވާ ސަފީރުންނަށް ރުހުން ދިނުމަށް މަޖިލީހަށް ފޮނުވުމުން 8 ސަފީރަކަށް މަޖިލީހުން މިއަދު ރުހުން ދީފިއެވެ. ވަކިވަކިން ސަފީރުންނަށް ރުހުން ދިނުމަށް މިއަދު ވަނީ ވޯޓަށް އަހާފައެވެ.

މަޖިލީހުން 8 ސަފީރަކަށް ރުހުން ދީފައިވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން އެ ބޭފުޅުންނަށް ރުހުންދިނުމަށްފަހު ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުންނެވެ. އެގޮތުން މެންބަރުންގެ އަޣުލަބިއްޔަތުން އަށް ސަފީނުންނަށް ވެސް ވަނީ ރުހުން ދީފައެވެ.

ރުހުން ދީފައިވާ ސަފީރުން

  • އެކުވެރި އަރަބި އިމާރާތް: މުޙައްމަދު ހުސައިން ޝަރީފް
  • އިނގިރޭސިވިލާތް: ޑރ. އިރުތިޝާމް އާދަމް
  • އދ. އަށް ކަނޑައަޅާ ދާއިމީ މަންދޫބު: ޑރ. އަލީ ނަސީރު މުޙައްމަދު
  • ސްރީލަންކާ: މައްސޫދު އިމާދު
  • މެލޭޝިއާ: ޑރ. މަރިޔަމް ޝަބީނާ އަހުމަދު
  • ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަން: ގީލާ އަލީ
  • ޖެނީވާގައި ހުންނަ އދ.ގެ އޮފީސްތަކަށް ކަނޑައަޅާ ދާއިމީ މަންދޫބު: ޑރ. ސަލްމާ ރަޝީދު
  • ސިންގަޕޫރު: މުޙައްމަދު ލުވައިޒް

އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ސަރުކާރުން ކަނޑައަޅުއްވާ ސަފީރުންނަށް ރުހުން ދީފައިމިވަނީ ސަފީރުންނަށް ރުހުން ނުދީ ގިނަ ދުވަސްވެގެންދާތީ އެކަމާމެދު ސަރުކާރުން އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.

ސަރުކާރުން 10 ސަފީރަކު އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވިއެވެ. ނަމަވެސް އަދި ދެ ސަފީރަކަށް ރުހުން ދިނުމުގެ މައްސަލަ ޚަރިޖީ ގުޅުންތަކުގެ ކޮމިޓިން ނުނިންމައެވެ. އެއީ ޗައިނާގައި ހުންނަވާ ދިވެހި ސަފީރުކަމަށް އައްޔަންކުރައްވަން ފޮނުއްވާފައިވާ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބާއި ބަންގްލަދޭޝްގައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރައްވަން ފޮނުއްވާފައިވާ ޝިއުނީން ރަޝީދުގެ ނަމެވެ.