ޚަބަރު

ފުލުހުންގެ ޚިދުމަތުގައި އަންހެނުންގެ ދައުރު މިހާރަށްވުރެ ބޮޑުކުރަންޖެހޭ: ކޮމިޝަނަރ


  • އަންހެން ފުލުހުންގެ ގޮތުގައި ތިބީ ފުލުހުންގެ 15 އިންސައްތަ ފުލުހުން

  • އަންހެނުންގެ ދައުރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރެއްވި

ދިވެހި ފުލުހުންގެ ޚިދުމަތުގައި އަންހެން މުވައްޒަފުން އަދަދު މަދު ކަމަށާއިގާބިލް އަންހެން މުވައްޒަފުން ފުލުހުންގެ ޚިދުމަތަށް ބޭނުންވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ "މޯލްޑިވްސް ވިމެން އިން ޕޯލިސިންގ ކޮމިޓީ"ގެ ދެވަނަ ދައުރު އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މަސައްކަތުގެ މާހައުލުގައި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތު ލިބިފައިވާކަން ޔަގީން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރެއް ކަމަށާއި އެކަން ހަގީގަތަކަށް ހެދުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ. އެގޮތުން، ކުރިއަށް އޮތް ފަސް އަހަރަށް ތައާރަފުކުރާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން އެކަމަށް ހާއްސަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގައި ތިބި މުވައްޒަފުންގެ ތެރެއިން އަންހެނުން މުވައްޒަފުންގެ އަދަދު އުޅެނީ 15 އިންސައްތަައިގައިކަން ފާހަގަކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ ފުލުހުންގެ ޚިދުމަތުގައި އަންހެނުންނަށް އަދާކުރެވޭނީ ވަކި ކަހަލަ ދައުރެއްކަމަށް ޤަބޫލުކުރާ ސަޤާފަތެއް އޮންނަކަމަށެވެ. އެހެންކަމުން އެކަންކަން ބަދަލުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި، އަދި އެކަމުގެ ނަތީޖާވެސް ފެންނަމުންދާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

"މާލެއާއި އަތޮޅުތެރޭގެ ޕޮލިސް ސްޓޭޝަންތަކުގައި އަންހެން އޮފިސަރުން، ވެރިންގެ ގޮތުގައި މަސައްކަތް ކުރޭ. ސީރިއަސް ބޮޑެތި މައްސަލަތައް ބަލާ ޑިޕާޓްމަންޓުތައް ލީޑުކުރުމުގައާއި ތަހުގީގުގައި އަމަލީ ގޮތުން ބައިވެރިވާ އަންހެން އޮފިސަރުން އެބަތިބި. ފޮރެންސިކް އެނަލިސްޓުންގެ ގޮތުގައި އަދި ސީން އޮފް ކްރައިމްސް އޮފިސަރުންގެ ގޮތުގައި އަންހެން އޮފިސަރުން ހަރަކާތްތެރިވޭ. ޕޮލިސް އެނަލިސްޓުންގެ ގޮތުގައި އަންހެން އޮފިސަރުން ހަރަކާތްތެރިވޭ. އަންހެނުންނާއި ކުޑަކުދިންގެ މައްސަލަތައް ތަހުގީގު ކުރާ ގިނަ އޮފިސަރުންނަކީ އަންހެން އޮފިސަރުން." ސީޕޫ ވިދާޅުވިއެވެ،

ދިވެހި ފުލުހުންގެ ޚިދުމަތަކީ އަންހެނުންނަށް ރައްކާތެރި އަދި ކުރިމަގު އޮތް މުއައްސަސާއަކަށް ހެދުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ. އެގޮތުން މިހާރު ޚިދުމަތުގައި ތިބި އަންހެން ފުލުހުންނަށް ދިމާވާ ދަތިތައް ހައްލުކުރަން މަސައްކަތްކުރައްވާކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

ކޮމިޝަނަރ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް ދިރާސާތައް ހަދަންޖެހޭ ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތުގެ އަންހެނުންގެ ދައުރު ބޮޑުކުރުމަށް ކުރަމުންދާ މަސައްކަތުގައި ފުލުހުންގެ ލީޑަރޝިޕްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ޔަގީންކުރައްވާކަމަށްވެސް ކޮމިޝަަނަރ ވިދާޅުވިއެވެ.