ޚަބަރު

ސަރުކާރު ކުންފުނިތައް ރިފޯމްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ: މާލީ ވަޒީރު


  • ކުންފުނިތައް ރިފޯމްކުރަން ހަދަންޖެހޭ ދިރާސާތައް ވަނީ ނިމިފައި

  • ސަބްސިޑީ ދިނުން ހައްލު ކުރަންޖެހޭ

  • އާސަންދަވެސް ރިފޯމް ކުރަންޖެހޭ

ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމްކުރުން ނުވަތަ އިސްލާހުކުރުމަށް ފިޔަވަޅު އެޅުމަށް ކުރިއަށްގެންދާ ޕްރޮގްރާމް ވަރަށް އަވަހަށް ފަށާނެކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

މާލީ ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީގު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތައް ހިނގަމުންދަނީ އެންމެ ހަރުދަނާކޮށް ނޫން ކަމަށެވެ. ރައްޔިތުންނަށް އަދި ސަރުކާރަށް ފައިދާވާ ގޮތަށް ހިންގާ ކުންފުނިތައް ނިސްބަތުން މަދުކަމަށާއި އެފަދަ ކުންފުނިތައް ރިފޯމްކުރުމަކީ ރައްޔިތުންވެސް ބޭނުންވާ ގޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކުންފުނިތައް ރިފޯމް ކުރުމުގެ މަސައްކަތުގެ ދަށުން ވަޒީރުންގެ މަޖިލީހަށް ކަރުދާހެއް ހުށަހަޅައި ފާސްވެފައިވާކަން ފާހަގަކުރައްވައި މާލީ ވަޒީރު ވިދާޅުވި އެސްއޯއީ ރިފޯމް ޕްރޮގްރާމަށް ތައްޔާރުވުމަށް ހަދަން ޖެހޭ ދިރާސާތައް ހަދައި ނިމިފައިވާ ކަމަށެވެ. އެ މަސައްކަތް ވަރަށް އަވަށް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުން ނުވޭ ބައެއް ކުންފުނިތަކަށް ލިބޭ އާމްދަނީއަށްވުރެ ބޮޑު ޚަރަދެއް ކުރެވި، ދައުލަތުން އެ ކުންފުނިތަކަށް ކޮންމެ މަހަކު ވަރަށް ބޮޑެތި ޚަރަދުތައް ކުރަމުންދަނީ. ހަގީގަތުގައި ދައުލަތަށް ލިބެން ޖެހޭ ނަފާ އެ ކުންފުނިތަކުގެ ފަރާތުން ވޭތޯ. ނުވާކަމަށްވަންޏާ ދައުލަތަށް ގެއްލުންވާގޮތަށް އެ ކުންފުނިތައް ހިންގުމަކީ ކޮށްގެންވާނެ ކަމެއް ނޫން،" މާލީ ވަޒީރު ވިދާޅުވިއެވެ.

ކުންފުނިތަކުގެ އިތުރުން ދައުލަތުން ސަބްސިޑީ ދިނުން ވެސް ހައްލު ކުރަން ޖެހޭ ކަމަށާއި އެކަމަށްވެސް ރިފޯމް ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އާސަންދަވެސް މިހާރު އޮތްގޮތުން އިސްރާފު ބޮޑު ކަމަށާއި އެ ނިޒާމުވެސް އިސްލާހު ކުރުމަށް ސަރުކާރުން ބޭނުންވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ދައުލަތަށް ލިބޭ އާމްދަނީ ޚަރަދު ކުރަން ޖެހޭނީ ޒިންމާދާރު ކަމާއެކުގައި ކަމަށާއި އެހެންވެ ވީހާވެސް ބޮޑަށް އިސްރާފު ކުޑަކުރުމަށް އިސްކަން ދޭންޖެހޭކަމަށްވެސް މާލީ ވަޒީރު ޑރ.މުޙައްމަދު ޝަފީގު ވިދާޅުވިއެވެ.