ކުޅިވަރު

ބަންގްލަދޭޝް އިންވިޓޭޝަނަލް މުބާރާތުގައި ޒުވާން ޓީމުގެ ފަރާތުން އުއްމީދީ ކުޅުމެއް


ބަންގްލަދޭޝްގައި ކުރިއަށްދާ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް އިންޓަރނޭޝެނަލް ވޮލީބޯޅަ މުބާރާތުން ރާއްޖޭގެ ޒުވާން ގައުމީ ފިރިހެން ވޮލީ ޓީމު ރަނގަޅު ތަޖުރިބާއެއް ހޯދައިފިއެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރީ ޕޮލިސް ކުލަބުގެ ފަރާތުންނެވެ. އެ ޓީމުގެ ކޯޗަކީ ފަތުހުﷲ ވަހީދު (ފައްލޯ) އެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ނޭޕާލާ ބަންގްލަދޭޝްގެ ޓީމުތައް ވަނީ ވާދަކޮށްފައެވެ.

ބަންގްލަދޭޝްގެ ދެ ޓީމެއް މުބާރާތުގައި ވާދަކުރިއިރު، ފުރަތަމަ މެޗުގައި މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ ވަނީ ބަންގްލަދޭޝްގެ ރެޑް ޓީމު އަތުން ސީދާ ތިން ސެޓުން ބަލިވެފައެވެ. އެއީ 25-19، 25-20 އަދި 25-21 އިންނެވެ. އަދި އިއްޔެ ކުޅުނު ދެވަނަ މެޗުގައި ބަންގްލަދޭޝްގެ ގްރީން ޓީމު އަތުންވެސް ސީދާ ތިން ސެޓުން ބަލިވިއިރު، އެ މެޗުގެ ސެޓުތައް ދިޔައީ 25-19، 25-18 އަދި 25-17 އިންނެވެ.

މީގެ އިތުރުން އިއްޔެ ކުޅުނު ތިންވަނަ މެޗުގައި ރާއްޖެ ވަނީ ނޭޕާލް އަތުން 3-1 ސެޓުން ބަލިވެފައެވެ. އެ މެޗުގެ ފުރަތަމަ ސެޓު ރާއްޖެއިން ވަނީ 25-23 އިން ކާމިޔާބުކޮށްފައެވެ. އެކަމަކު ނޭޕާލް ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް، އަނެއް ތިން ސެޓު ކާމިޔާބުކޮށްފައެވެ. އެ ސެޓުތައް ނޭޕާލުގެ ޓީމުން ގެންގޮސްފައިވަނީ 25-19، 25-21 އަދި 25-22 އިންނެވެ.

ބަންގްލަދޭޝް އިންވިޓޭޝަނަލް މުބާރާތުގައި ކުޅުނު ތިން މެޗުންވެސް ރާއްޖޭގެ ޒުވާން ޓީމު ބަލިވި ނަމަވެސް، އެ މުބާރާތުގައި ޒުވާން ޓީމުގެ ފަރާތުން އުއްމީދީ ކުޅުމެއް ފެނިގެންދިޔަ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މައުލޫމާތުދެއެވެ. އަދި އެ މުބާރާތުގައި ރާއްޖެއިން ވާދަކުރީ މި އަހަރު އޮންނަ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ 20 އަހަރުން ދަށުގެ ވޮލީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކަމަށްވެސް ވަނީ މައުލޫމާތުދީފައެވެ.