ޚަބަރު

މެދުކެނޑުމަކަށްފަހު ރާއްޖެއާއި ލަންކާއާ ދެމެދު މޯލްޑިވިއަނުން ދަތުރުތައް ފަށައިފި


  • ދަތުރުތައް ކުރަނީ ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު

  • ބޭސްފަރުވާއަށްދާ ދިވެހިންނަށް ލުއިފަސޭހަ ގޮތްތަކެއް މޯލްޑިވިއަނުން ވަނީ ފަހިކޮށްދީފައި

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު މޯލްޑިވިއަނުން ރާއްޖެއާއި ލަންކާ ދެމެދު ދަތުރުތައް އަލުން ފަށައިފިއެވެ.

މިދަތުރުތައް ރަސްމީކޮށް ފަށްޓަވައިދެއްވީ މިކަމަށްޓަކާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން އާއި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާސް އެވެ. މިދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ލަންކާގެ ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.

މިދަތުރުތައް ފެށުމާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ، ދަތުރުތައް ފަށަނީ ގިނަ ލުއިތަކާއެކު ކަމަށާއި މިކަމަށް ވަރަށް ބޮޑަށް އެކުންފުނިން ތައްޔާރު ވެފައިވާކަމަށެވެ. ސަލީމް ވިދާޅުވި ގޮތުގައި ދަތުރުތައް ރޭވިފައިވާ ގޮތުން ހަފްތާ ބަންދަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަކަމާއެކު ދަތުރު ކުރެވޭނެކަމަށެވެ. މީގެ އިތުރުން ބޭސްފަރުވާއަށް ލަންކާއަށް ދާ ދިވެހިންނަށް ލަންކާގެ ނަވަލޯކާ ހޮސްޕިޓަލުން ފަނަރަ އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ފަރާތުން މި ދަތުރުތައް ރާވާފައިވަނީ ހަފްތާއަކު ދެދުވަހު ކުރާ ގޮތަށެވެ. އެއީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހުއެވެ. މިފްލައިޓުތަކާއެކު މޯލްޑިވިއަންއިން ރާއްޖޭގެ އެތެރޭގެ ހުރިހާ މަންޒިލަކަށް ކަނެކްޝަން ފަސޭހައިން ލިބޭނެކަން އެކުންފުނިންވަނީ ހާމަކޮށްފައެވެ.

ލަންކާއާއި ރާއްޖެއާ ދެމެދު މޯލްޑިވިއަންގެ ދަތުރުތައް އަލުން ފަށާފައިވާއިރު، ކުރިއަށް އޮތްތަނުގައި ވައިޑް ބޮޑީ އޮޕަރޭޝަންތައް ފެށިގެން ދިއުމުން އިތުރު އެހެން މަންޒިލްތަކަށްވެސް ދަތުރުތައް ފެށޭނެ ކަމަށް އެކުންފުނިން ބުނެއެވެ.