ޚަބަރު

ބޮޑު އަޣްލަބިއްޔަތުގެ ނާޖާއިޒު ފައިދާ ސަރުކާރުން ނުނަގާނެ: ޝިޔާމް


  • ކުރީ ސަރުކާރު ސުޕަ-މެޖޯރިޓީއާއެކު ވެސް ފެއިލްވި

  • 19 ވަނަ މަޖިލީހުގައި މައިނޯރިޓީއަށް ދަތިތަކާ ކުރިމަތިކުރުވި

  • 20 ވަނަ މަޖިލީހުން ފެންނާނީ ޒިންމާދާރު މަސައްކަތްތަކެއް

މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތެއް ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ކޮންގްރެސް ޕާޓީގައި އޮތް ނަމަވެސް އޭގެ ނާޖާއިޒު ފައިދާ ނުނަގާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާ ބެހޭ ވަޒީރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުން މަޖިލީހުގެ ސުޕަ-މެޖޯރިޓީއާއެކުވެސް ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ފެއިލްވި ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުންވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ފެނިގެންދިޔައީ ސަރުކާރަށް ދަތިކުރުމުގެ މަސައްކަތްކަމަށް ވަޒީރު ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މައިނޯރިޓީ ޕާޓީގެ ގޮތުގައި ޕީޕީއެމް އަދި ކޮންގްރެސް ޕާޓީއަށް ބޮޑެތި ދަތި އުނދަގުލާ ކުރިމަތިވިކަމަށެވެ. އެގޮތުން، ބިލުތަކަށް ބަހުސްކޮށް ބިލު ހުށަހަޅާއިރު ވެސް މެޖޯރިޓީގައި ތިއްބެވި މެންބަރުންގެ ފަރާތުން ދަތިތަކާ ފުރައްސާރައާ ކުރިމަތިވިކަމަށް ވިދާޅުވިއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން 20 ވަނަ މަޖިލީހުގައި އެ މަންޒަރުތައް ނުފެންނާނެ ކަމަށް ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރުކަން ކުރެއްވި އަދި މިހާރުގެ މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

"މި ހިނގާ 19 ވަނަ މަޖިލީހުގައި އަޅުގަނޑުމެން ފެށިއިރު ވަރަށް އުނދަގޫ، ވަރަށް މަދު މެންބަރުންކޮޅެއް އަޅުގަނޑުމެންގެ ތިބީ. އަޅުގަނޑުމެން ބިލަކަށްވެސް އަދި ބޮޑު މުހިންމު އިޝޫއަކަށް ވާހަކަދައްކަން ފަށާއިރު ހަމަ ހަ ފަރާތުން ހަޅޭއްލަވާ، ފުރައްސާރަ ކުރާ މަންޒަރު ފެނިގެންދިޔައީ. އެއީ މިއަދު ރާއްޖޭގެ ރައްޔިތުން ބަލަން ބޭނުންވާ މަންޒަރެއް ނޫން. އަޅުގަނޑުމެން މި ޔަގީންކުރަނީ އަޅުގަނޑުމެންގެ ސަރުކާރެއް ނިސްބަތްވާ ޕާޓީއެއްގެ ސުޕަ މެޖޯރިޓިއެއްގެ ފައިދާ އަޅުގަނޑުމެން ނުނަގާނެ،" އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ 20 ވަނަ މަޖިލީހުގައި މައިނޯރިޓީއަށް އިހުތިރާމް ކުރާ މެޖޯރިޓީއެއް ފެނިގެންދާނެ ކަމަށެވެ. އަދި ރައްޔިތުން ސަރުކާރަށް މެޖޯރިޓީ ދިނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދެވުމަށް މަޖިލީހުން އެއްބާރުލުން ދިނުމަށް ކަމަށާއި މަޖިލީހުގައި ޒިންމާދާރު މަސައްކަތްތަކެއް ކުރާތަން ފެނިގެންދާނެ ކަމަށްވެސް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.