ޚަބަރު

އައު މަޖިލިސް ވެގެންދާނީ ތަހުޒީބު މަޖިލީހަކަށް: ޢަބްދުއްރަޙީމް


  • ސިޔާސީ ހަމަނުޖެހުމެއްގެ ތެރޭގައި ރާއްޖެ އޮންނަން ރައްޔިތުން ބޭނުން ނުވޭ

  • އުއްމީދުތައް ހާސިލްކުރުމަށް ރައްޔިތުން ތިބީ ކެތްމަދުވެފައި

  • ރައްޔިތުން އުންމީދުކުރާ މަޖިލީހަށް އައު މަޖިލިސް ވާނެ

އަލަށް އިންތިޚާބުވި ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ތަހުޒީބު މަޖިލީހަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބުގައި ސަރުކާރަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ޖަލްސާގައި، ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުން އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މަޖިލިސް އިންތިޚާބުން ފެނިގެންދިޔައީ ސިޔާސީ ހަމަނުޖެހުމެއްގެ ތެރޭގައި ރާއްޖެ އޮންނަން ރައްޔިތުން ބޭނުން ނުވާ ކަމެވެ. އަދި މިދިޔަ ފަސް މަހުގެ ތަޖުރިބާއަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ރައްޔިތުންނާއެކު ކުރިއަށްދެވޭނެ ވެރިއެއްކަމަށް ރައްޔިތުން ގަބޫލުކުރާކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ ނިންމުމަކީ މިނިވަން، މުސްތަގިއްލު ޤައުމެއް ބިނާކޮށް ފުދުންތެރިކަމާއި ތަރައްގީ ބޭނުންވާކަން އެނގިގެންދިޔަ ނިންމުމެއް ކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ކުރައްވާ ކަންކަމަށް 20 ވަނަ މަޖިލީހުގެ ފުރިހަމަ އެއްބާރުލުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެކަމަށް ވިދާޅުވިއެވެ.

"މި ލިބުނު މެޖޯރިޓީއާއެކު ފެނިގެންދާނީ ތަހުޒީބު މުޖުތަމައުގައި ރައްޔިތުންގެ މަޖިލީހުގައި ކަންކުރާ އުސޫލުން ކަންކުރާތަން. ރައީސް ޚިދުމަތް ކުރުމަށް ފުރިހަމަ އެއްބާރުލުން ދޭނެ މަޖިލީހެއް. އަމާޒު ހިފާނީ ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރަން،" ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެޑްވައިޒަރު އަބްދުއްރަޙީމް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންގެ ބޮޑެތި އުއްމީދުތަކާއެކުގައި ކަމަށެވެ. މަޖިލިސް އިންތިޚާބުން ފެނިގެންދިޔައީ އެ އުއްމީދުތައް ހާސިލްކުރުމަށް ރައްޔިތުން ކެތްމަދުވެފައިވާ މަންޒަރު ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރައީސް ވަޑައިގެންނެވީ ތިން އަސާސަކާއެކުގައި. އެއީ ޤައުމުގެ ހަމަޖެހުމާއި ރައްކާތެރިކަމާއި އިގްތިސާދީ ކުރިއެރުން. އެ އަސާސްތައް ރައްޔިތުން ބަލައިގަތީ. ގައުމުގެ ހަމަޖެހުމުގެ މުހިންމުކަން ރައްޔިތުންނަށް އެނގޭ،" މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.

ރާއްޖެ ތަރައްގީ ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތު ފުރިހަމަ ކުރުމަށް އިންވެސްޓްކުރުމުގައި ދުނިޔޭގެ އެކި ޤައުމުތަކުން އެމަނިކުފާނާއެކު މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމަށްވެސް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.