ޚަބަރު

75 އިންސައްތަ މީހުން މަޖިލިސް އިންތިޚާބުގައި ވޯޓްލާފައިވޭ


  • 215000 އަށްވުރެ ގިނަ މީހުން ވޯޓުލި

  • ވޯޓުލުމުގެ ޙައްގު ލިބުނީ 284663 މީހުންނަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ތެރެއިން 75 އިންސައްތަ މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 284663 މީހުންނަށް ލިބިފައިވާއިރު، 215000 އަށްވުރެ ގިނަ މީހުން ވޯޓުލާފައިވާކަމަށެވެ.

ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ 75 އިންސައްތަ ވޯޓުލާފައިވީނަމަވެސް، އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބާއި އަޅާބަލާއިރު ވޯޓްލީ މީހުންގެ އަދަދު މަދުކަން ހަސަން ޒަކަރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން މިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ 85 އިންސައްތަ ވޯޓުލާފައިވެއެވެ.

މީގެއިތުރުން އާދިއްތަދުވަހު ބޭއްވި އިންތިހާބުގައި ވޯޓްލީ މީހުންގެ އަދަދު މީގެކުރިން މަޖިލިސް އިންތިހާބުތަކުގައި ވޯޓްލާފައިވާ އަދަދާއި އަޅާބަލާއިރުވެސް މަދުކަން ފާހަގަކުރެވެއެވެ.

އެގޮތުން، 2009 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި 78 އިންސައްތަ މީހުން ވޯޓުލާފައިވާއިރު 2014 ވަނަ އަހަރު، 77 އިންސައްތަ އަދި 2019 ވަނަ އަހަރު 81 އިންސައްތަ މީހުން ވޯޓުލާފައިވެއެވެ.

ހަސަން ޒަކަރިއްޔާ ވިދާޅުވީ މި އިންތިޚާބު ކުރިއަށްދިޔައީ ވަރަށް އަމާންކަމާއެކު ކަމަށާއި އިންތިޚާބުގެ ސައްޙަކަމުގެ ޔަގީންކަން އިންތިޚާބުގެ ކަންކަން ބަލަމުންދިޔަ ބައިނަލްއަގުވާމީ އޮބްޒާވަރުންވެސް ދެއްވާފައިވާ ކަމަށެވެ.

އިންތިޚާބު ކުރިއަށްދިޔައިރު 15 ވަރަކަށް ޝަކުވާ ކޮމިޝަނަށް ލިބުނުއިރު ބޮޑު ޝަކުވާއެއް ލިބިފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ ލިސްޓުގައި ނަން ނެތުމުގެ ޝަކުވާތަކާއި ކެންޑިޑޭޓުންގެ ކުދި ޝަކުވާތަކެއްކަން ހަސަން ޒަކަރިއްޔާ ފާހަގަކުރެއްވިއެވެ. އެ ޝަކުވާތަކުގެ ސަބަބުން ނަތީޖާއަށް ބަދަލު އަތުވެދާނެ ފަދަ އެއްވެސް ޝަކުވާއެއް ނެތްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.