ޚަބަރު

ރައީސަށް އިތުބާރުކޮށް ރައްޔިތުން ޕީއެންސީއަށް ސުޕަރ މެޖޯރިޓީ ދީފި


  • ކޮންގްރެސް ޕާޓީއަށް 71 ގޮނޑި ކާމިޔާބުކުރެވިފައިވާކަމަށް ވަގުތީ ނަތީޖާ ދައްކާ

  • އެމްޑީޕީއަށް ކާމިޔާބުކުރެވިފައިވާކަމަށް ދައްކަނީ 12 ގޮނޑި

  • އެމްޑީޕީން ކުރިން ދިފާޢުކުރާ ގިނަ ދާއިރާތަކެއް އެޕާޓީއަށް ވަނީ ގެއްލިފައި

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހާސިލުކޮށް 20 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ، ސަރުކާރު ހިންގާ މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ކޮންގްރެސް ޕާޓީ)އިން ކާމިޔާބުކޮށްފިއެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ކޮންގްރެސް ޕާޓީއަށް 20 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިވަނީ 71 ގޮނޑި ކާމިޔާބުކޮށްގެންނެވެ. މި އިންތިޚާބުގައި ޖުމްލަ 93 ދާއިރާއަކަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.

އާދީއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިޚާބުގައި މިހާރު މަޖިލީހުގައި ތިއްބެވި ގިނަ މެންބަރުންތަކަކަށްވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. މީގެ ތެރޭގައި މިހާރުގެ މަޖިލީގެ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމާއި، މަޖިލީހުގެ ނައިބު ރައީސް، ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމްވެސް ހިމެނިވަޑައިގަންނަވައެވެ. ދެ ބޭފުޅުން ވާދަކުރެއްވި ގޮނޑިތައް ކާމިޔާބު ކުރެއްވީ ކޮންގްރެސް ޕާޓީންނެވެ.

މީގެ ކުރިން އަބަދުވެސް އެމްޑީޕީން ކާމިޔާބު ކުރަމުން އައި ގޮނޑިތަކާއި އެމްޑީޕީން މެޖޯރިޓީ ނަގާ ސިޓީތައްވެސް އެ ޕާޓީއަށް ވަނީ މި އިންތިޚާބުގައި ގެއްލިފައެވެ. އެމްޑީޕީގެ ރީނދޫ ކުލަ އެ ސިޓީތަކުން އެއްކޮށް ފަނޑުވެ ވިލު ނޫކުލައި ފަވާލާފައެވެ. އެގޮތުން، އައްޑޫ ސިޓީ އާއި މާލެ ސީޓީގެ ގިނަ ގޮނޑިތައް ކޮންގްރެސް ޕާޓީން ކާމިޔާބުކޮށްފައިވާއިރު ކުޅުދުއްފުށި ސިޓީ އާއި ފުވައްމުލައް ސިޓީގެ ހުރިހާ ގޮނޑިއެއް ވެސް ކާމިޔާބު ކުރީ ކޮންގްރެސް ޕާޓީންނެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އޮތް އެމްޑީޕީއަށް، ވަގުތީ ނަތީޖާ ދައްކާގޮތުން ކާމިޔާބު ކުރެވިފައިވަނީ އެންމެ 12 ގޮނޑިއެވެ. އަދި އެ ޕާޓީގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި ހަތަރު ބޭފުޅަކު މި އިންތިޚާބުގައި ވާދަކުރެއްވިއިރު އޭގެ ތެރެއިން އެއްވެސް ބޭފުޅަކަށް އިންތިޚާބު ކާމިޔާބުނުކުރެވުނެވެ.

މި އިންތިޚާބުގައި ސަރުކާރާއެކު މަސައްކަތް ކުރަމުން އަންނަ ތިން ޕާޓީ ކަމަށްވާ އެމްޑީއޭ އާއި އެމްއެންޕީ އަދި ޖުމްހޫރީ ޕާޓީން ވެސް ވަނީ ގޮނޑިތައް ކާމިޔާބުކޮށްފައެވެ. އެގޮތުން ތިން ޕާޓީގެ ލީޑަރުން ވެސް ވަނީ ގޮނޑި ކާމިޔާބު ކުރައްވާފައެވެ. އެމްޑީއޭއަށް ދެ ގޮނޑި މި އިންތިޚާބުގައި ކާމިޔާބުކުރެވުނެވެ.

އިންތިޚާބުގައި ވާދަކުރި އަދާލަތު ޕާޓީއަށާއި، ދަ ޑިމޮކްރެޓްސްއަށް އެއްވެސް ދާއިރާއެއްގެ ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި 20 ވަނަ މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި 6 ކެންޑިޑޭޓުން އިންތިޚާބު ކާމިޔާބުކޮށްފައިވެއެވެ.