ޚަބަރު

ރައްޔިތުންގެ ނިންމުމަށް އިޙުތިރާމްކޮށް މަސްރަޙު ހަލަބޮލިނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި


  • އީސީގެ އިންތިޒާމްތައް ޖުމްލަކޮށް ރަނގަޅުކަމަށް އެޗްއާރްސީއެމްއިން ފާހަގަކުރޭ

މަޖިލިސް އިންތިޚާބުގައި ރައްޔިތުން ނިންމެވި ނިންމެވުމަށް އިޙުތިރާމްކޮށް ޤައުމުގެ ސިޔާސީ މަޝްރަޙު ހަލަބޮލިނުވާނޭހެން ހުރިހާ ފަރާތްތަކުންވެސް އަމަލުތައް ބެހެއްޓެވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމުން ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުމުގެ އެންމެހައި ކަންކަން ކުރިއަށްގޮސްފައިވަނީ ސުލްހަވެރިކަމާ އަމާންކަމާއެކުގައިކަން ފާހަގަކުރައްވައި އެޗްއާރުސީއެމުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މަޖިލިސް އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ކުރައްވާފައިވާ މަސައްކަތްތަކާއި ތައްޔާރީތައް އިންތިޒާމުތައް ޖުމްލަގޮތެއްގައި ރަގަޅުކަން ފާހަގަކުރެވޭކަމަށެވެ.

އެހެންކަމުން އިންތިޚާބުގެ ވޯޓު ގުނުމުގެ މަސައްކަތްތައް ކުރިއަށް ދާއިރު، ދިމިޤްރާޠީ އުޞޫލުން ރައްޔިތުން ބައިވެރިވެ ނިންމާ ނިންމުން ބަލައިގަތުމަށާއި އެ ނިންމުމަށް އިޙްތިރާމުކޮށް ޤައުމުގެ ސިޔާސީ މަޝްރަޙު ހަލަބޮލިނުވާނޭހެން އަމަލުތައް ބެހެއްޓެވުމަށް އެންމެހާ ފަރާތްތަކަށް އެކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ އިންތިޚާބުގެ ވޯޓު ގުނުމުގެ މަސައްކަތްތައް ނިމުމުން، އެ ކޮމިޝަނުން އިންތިޚާބު އޮބްޒަރވް ކުރުމުގައި ފާހަގަކުރެވުނު ކަންކަމުގެ ރިޕޯޓު އާންމު ކުރާނެކަމަށެވެ.

މިއަދު ކުރިއަށްދިޔަ މަޖިލިސް އިންތިޚާބުގައި އެޗްއާރުސީއެމުން ވަނީ ޖުމްލަ 263 ވޯޓު ފޮށި މޮނިޓަރކޮށްފައެވެ، އަދި މާލެ ތެރެއާއި ރަށްރަށުގެ ވޯޓުލާ މަރުކަޒުތަކުގެ މާޙައުލު މޮނިޓަރކުރުމުގެ މަސައްކަތް އެކިމިޝަނުންވަނީ ކުރައްވާފައެވެ.

މަޖިލިސް އިންތިޚާބުގެ މިހާތަނަށް ގުނިފައިވާ ވޯޓުތަކުގެ ނަތީޖާދައްކާގޮތުން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ވަނީ އިންތިޚާބު ކާމިޔާބުކޮށްފިއެވެ.