ޚަބަރު

އީސީއިން އެދެނީ ވިހާވެސް އަވަހަށް ވޯޓުލާ، ވޯޓުގެ ކަންކަން ނިންމުމަށް


  • ވޯޓުލުން ކުރިއަށްދާނީ 08:00 އިން 17:30އަށް

  • 603 ވޯޓު ފޮށި ބަހައްޓާ

  • 93 ދާއިރާގެ ވޯޓުލުން ކުރިއަށްދާނެ

ވީހާވެސް އަވަހަށް ނިކުމެ ވޯޓުގެ ކަންކަން ކުރިއަށް ގެންގޮސް، އަވަހަށް ނިންމުމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް އެދިވަޑައިގެންފިއެވެ.

ވޯޓުގެ އެންމެ ފަހުގެ ތައްޔާރީތަކާއި ގުޅޭ މަޢޫލޫމާތު ޙިއްސާކުރުމަށް އީސީން މިރޭ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މާދަމާ އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ފަށާނީ ހެނދުނު 08:00 ގައެވެ.

މި އިންތިޚާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށާކާއި، 34 ރިސޯޓް، ޖަލުތަކާއި ސިނާޢީ ރަށްތަށް އަދި ރާއްޖެއިން ބޭރުގައި 3 ޤައުމެއްގައި ވޮޓު ފޮށި ބަހައްޓައެވެ. ޖުމްލަ 603 ވޯޓު ފޮށި ބަހައްޓާކަމަށް އިލެކްޝަން ކޮމިޝަންއިން މަޢުލޫމާތުދެއެވެ.

ފުއާދު ވިދާޅުވީ، ވޯޓުލާ މަރުކަޒުތައް ތައްޔާރުކުރުމާއި އިދާރީގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކަށް އިލެކްޝަން ކޮމިޝަނުން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ. މާދަމާގެ ރައްޔިތުންގެ އެންމެ ބޮޑު ޒިންމާއަކަށް ވާންވާނީ އަވަހަށް ގޮސް، ވޯޓުލުމުގެ ކަންކަން ނިންމުންކަމަށް ފުވާދު ވިދާޅުވިއެވެ.

އީސީން ވަނީ އެއް ފޮށްޓަކަށް ވޯޓު ލާ މީހުންގެ އަދަދު މަދުކޮށްފައެވެ. މިހާރު ކަނޑައަޅާފައިވާގޮތުން ފޮށްޓަކަށް ގިނަވެގެން ވޯޓު ލާނީ 500 މީހުންނެވެ. މިއީވެސް ގިނައިރު މީހުން ކިއުގައި މަޑުކުރަން ނުޖެހި ވޯޓު ލެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ގެނެސްފައިވާ ބަދަލެއްކަމަށް ފުއާދު ވިދާޅުވިއެވެ.

"8 ޖަހާއިރު، ވޯޓުލުން ފަށާނެ. 17:30އަށް ފޮށިތައް ބަންދުކުރާނެ. ގަޑި އިތުރެއް ނުކުރާނަން. އެހެންވީމަ ވަގުތުގައި ގޮސް ވޯޓުލާންވާނެ." ފުއާދު ތައުފީޤް ވިދާޅުވިއެވެ.

އިންތިޚާބު އަމަންކަމާއެކު ގެންދިއުމަށް އަމާން އަމާންކަން ބެލެހެއްޓުމަށް ފުލުހުންގެ ޚިދުމަތުންވެސް ފުރިހަމައަށް ވަނީ ތައްޔާރުވެފައެވެ. އެގޮތުން ފުލުހުންގެ އެލަރޓް ދަރަޖަ އެންމެ މަތިކޮށް، "އޮޕަރޭޝަން ބްލޫ ޓައިޑް"ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. އަދި ސަލާމަތީ ކަންކަން އިތުރަށް ފުރިހަމަކުރުމަށްޓަކާ މިފަހަރުގެ އިންތިޚާބުގައިވެސް ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކުރުމަށް ވަނީ ނިންމާފައެވެ.

ފުލުހުންގެ ޚިދުމަތުގެ ކޮމާންޑަރ ޢަބްދުﷲ ޝަރީފް ވިދާޅުވީ، އިންތިޚާބާ ގުޅިގެން ވޯޓު ފޮށި ބަހައްޓާ މަރުކަޒުތައް ބެލެހެއްޓުމަށް ބޭނުންވާ ފުލުހުން އެކި ސަރަޙައްދުތަކަށް މިހާރު ފޮނުވާފައިވާކަމަށެވެ. އަދި ވޯޓުލާ ވަގުތު ފުލުހުން ޓްރެފިކަށް ގެންނަ ބަދަލުތަކަށް އާއްމުން އެއްބާރުލުން ދިނުމަށް ވަނީ އެދިފައެވެ. މާދަމާ މަގުތަކުގައި ބަރު އުޅަނދުތައް ދުއްވުންވެސް ވަނީ މަނާކޮށްފައެވެ.

"އަތޮޅުތަކަށް އިތުރަށް 322 ފުލުހުން ވަނީ ފޮނުވާފައި. އަދި މާލޭގައިވެސް އިތުރު 266 ފުލުހުން އޮޕަރޭޝަނަށް ވަނީ ނެރެފައި. އެލަރޓް ސްޓޭޓަސް ވަނީ އެންމެ މަތިކޮށްފައި. އަދި އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދެންޖެހޭ ޙާލަތަކަށް އެމްއެންޑީއެފްވެސް ވަނީ އެލަރޓަށް ގެނެސްފައި." ފުލުހުންގެ ޚިދުމަތުގެ ކޮމާންޑަރ އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

ވޮޓުލާން ދާއިރު، ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނާއި މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުން އަދި އެކިއެކި ޔުނިފޯމް ބޮޑީތަކުގައި މަސައްކަތް ކުރާ މީހުން ކިއުގައި ޖެހޭކަށް ނުޖެހޭނެއެވެ. އަދި ވޯޓުލާން ދާއިރު ކާކުކަން އަންގައިދޭ ރަސްމީ ލިޔެކިޔުން ގެންދިއުމަށް އީސީން ވަނީ ހަނދާންކޮށްދީފައެވެ.

ވޯޓު ގުނަން ފަށާނީ އެ ފޮއްޓަކަށް ވޯޓުލާ ނިމުމަށްފަހު 30 މިނެޓި ފަހުންނެވެ.