ޚަބަރު

މަސައްކަތް އަވަސްކުރަން ހުޅުމާލެ ބިން ހިއްކަން އިތުރު ޑްރެޖަރެއް


  • ފޭސް 3ގެ ބިން ހިއްކަން އެއް ފަހަރާ 2 ޑްރެޖަރު ބޭނުންކުރާނެ

  • ކުރިން ބޭނުންކުރީ 12000 ކޮޑިމީޓަރު ވެލި އުފުލޭ ޑްރެޖަރެއް

  • އަލަށް ގެނައީ 22000 ކޮޑިމީޓަރު ވެލި އުފުލޭ ޑްރެޖަރެއް

ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް އިތުރު ޑްރެޖަރެއް ގެނެސްފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނީ މިމަހުގެ 4 ވަނަ ދުވަހު ފެށި ބިން ހިއްކުމުގެ މަސައްކަތުގައި މިހާތަނަށް ބޭނުން ކުރަމުން އައީ 12000 ކޮޑި މީޓަރުގެ ވެލި އުފުލޭ ޑްރެޖަރެއް ކަމަށެވެ.

މަސައްކަތް އަވަސްކުރުމަށް ގެނައި ދެވަނަ ޑްރެޖަރަކީ، "ޓީއެސް އެޗްޑީ ޕްރިންސް ޑި ނެޑަރލެންޑެން" ކިޔާ ޑްރެޖަރެކެވެ. މި ޑްރެޖަރަކީ ކުރީގެ ޑްރެޖަރަށްވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރަށް ވެލި އުފުލޭ ޑްރެޖަރެއް ކަމަށް އެޗްޑީސީން ބުނެއެވެ. އެއީ 22،000 ކޮޑިމީޓަރުގެ ވެލި ކަމަށް އެކުންފުނިން ބުނެއެވެ.

އެޗްޑީސީން ވަނީ މި ދެ ޑްރެޖަރު ބިން ހިއްކުމުގެ މަސައްކަތާއި ގުޅުމުން މަސައްކަތް ވަރަށް ބޮޑުތަން ހަލުވި ވެގެންދާނެކަމަށް ބުނެފައެވެ.

ހުޅުމާލެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތުގެ ދަށުން ފުރަތަމަ މަރުހަލާގެ 10 ހެކްޓަރުގެ މަސައްކަތް ނިންމުމަށް ފަހު ދެވަނަ މަރުހަލާ ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގައެވެ. ދެވަނަ ފިޔަވަހީގައި ހިއްކަން ހަމަޖެހިފައިވާ ޖުމްލަ 29 ހެކްޓަރުގެ ތެރެއިން 5 ހެކްޓަރު މިހާރު ވަނީ ހިއްކާފައެވެ. އަދި 3 ވަނަ މަރުހަލާގައި ހިއްކުމަށް ހަމަޖެހިފައިވާ 24 ހެކްޓަރުގެ ބިމާއެކު ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

ހުޅުމާލެއިން އަލަށް ހިއްކާ ބިމުން ގެދޮރުވެރިކަމުގެ ބޭނުންތަކަށާއި ސިނާޢީ ބޭނުންތަކަށާއި މެރީނާގެ ބޭނުމަށް ބިން ބޭނުންކުރާނެކަމަށް އެޗްޑީސީން މީގެކުރިން ވަނީ ބުނެފައެވެ. އަދި އަލަށް ހިއްކާ ސަރައްދުން މާލޭ ރައްޔިތުންނަށް ޚާއްޞަކޮށްގެން ގޯތި ދިނުމަށްވެސް ވަނީ ނިންމާފައެވެ.