ޚަބަރު

ކަރަންޓުގެ ޙާލަތު އެންމެ ދަށް 7 ރަށަށް ޖަނަރޭޓަރުތައް ފޮނުވަން ފަށައިފި


  • ކަރަންޓުގެ ޙާލަތު ގޯސްވީ ޤަވާއިދުން މެއިންޓަނަންސް ނުކުރުމުން

  • ސަރުކާރު ބަދަލުވީއިރު ގިނަ ރަށްތަކުގެ ޙާލަތު ދަށް

  • ކަރަންޓުގެ ޔަޤީންކަން ކަށަވަރުކުރުމުގެ މަސައްކަތް ވަނީ ފަށާފައި

އެންމެ ނާޒުކު ޙާލަތުގައި ކަރަންޓުގެ ޚިދުމަތް ދެމުންދާ ރަށްތަކުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ޖަނަރޭޓަރު ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ، ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ފެނަކައިން ގެނައި އައު ޖަނަރޭޓަރުތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. މި ޖަނަރޭޓަރުތައް ފޮނުވުމުގައި، ފެނަކަ ކޯޕަރޭޝަނުން އިސްކަންދެނީ، ކަރަންޓު އެންމެ ނާޒުކު ހާލަތުގައި ހުރި ރަށްތަކަށްކަމަށް އެކުންފުނިން ބުންޏެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ، އަލަށް ގެނެވުނު ޖަނަރޭޓަރުތައް ޖުމްލަ 7 ރަށަކަށް ފޮނުވުމަށް ނިންމާފައިވާކަަމށެވެ. އޭގެ ތެރޭގައި ހިމެނެނީ ށ، ނ، ރ، އަދި ބ.އަތޮޅުގެ ރަށްތަކެކެވެ. ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ރަށްތަކަށް ފޮނުވާފައިވަނީ ތަފާތު ކިލޯ ވޮޓްގެ ޖަނަރޭޓަރުތަކެކެވެ.

އެގޮތުން، ބ.ކިހާދޫ، ށ.މަރޮށި، އަދި ނ.ހެނބަދޫއަށް ފޮނުވަން ނިންމަވާފައިވަނީ 250 ކިލޯ ވޮޓްގެ ޖަނަރޭޓަރުތަކެކެވެ. މީގެ އިތުރުން، ނ. މާފަރު، ބ. މާޅޮސް، އަދި ރ. މާކުރަތަށް ފޮނުވަން ނިންމަވާފައިވަނީ 400 ކިލޯ ވޮޓްގެ ޖަނަރޭޓަރެވެ. އަދި ރ. އަލިފުއްޓަށް ފޮނުވަން ހަމަޖެހިފައިވަނީ 600 ކިލޯ ވޮޓްގެ ޖަނަރޭޓަރެކެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ، އަލަށް އިންސްޓޯލް ކުރެވޭ ޖަނަރޭޓަރުތަކާއި އެކު، ރަށްރަށުގައި ދިމާވާ ކަރަންޓުގެ މައްސަލައަށް ދާޢިމީ ޙައްލެއް ލިބޭނެކަމަށެވެ. އަދި މިފަހަކަށް އައިސް ބައެއް ރަށްރަށުގެ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައިވަނީ އިންޖީނުތައް މަރާމާތުނުކޮށް ގިނަ ދުވަސްވެގެންކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.

ރަށްރަށަށް ކަރަންޓުގެ ޚިދުމަތްދިނުމަށް ބޭނުންކުރާ ޖަނެރޭޓަރު ސެޓުތަކާއި ޖެނެރޭޓަރުތަކުގެ މެއިންޓެނަންސްގެ ކަންކަންވެސް އެދެވޭގޮތެއްގައި މީގެ ކުރިން ބަލަހައްޓާފައިނުވާކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.. އޭގެސަބަބުން ޖަނެރޭޓަރު ސެޓުތައް ބަދަލުކުރަންޖެހޭ ކަމަށާއި އެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ސަރުކާރުން ވިދާޅުވެއެވެ.