ޚަބަރު

ކުދި ޤައުމުތަކަށް ދިމާވާ މާލީ ދަތިކަމުން އަރައިގަތުމަށް ފިޔަވަޅުތައް އެޅުމަށް ރާއްޖެއިން ގޮވާލައިފި


  • އިޤްތިޞާދީ ކުރިއެރުން ހާސިލްކުރުމަށްޓަކައި އިންވެސްޓްމަންޓްތައް މުހިންމުކަމަށް ވިދާޅުވި

  • ކުދި ޤައުމުތަކަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިންވެސްޓްމަންޓަށް ބޭނުންވާ ފައިސާ ހޯދުންކަމަށް

  • ކުޑަ އިންޓްރަސްޓެއްގައި ލޯނު ނެގޭނެ ލުއިގޮތްތަކެއް ފޯރުކޮށްދިނުން މުހިންމުކަމަށް ވިދާޅުވި

ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިސާދަށް ކުރިމަތިވާ މާލީ ދަތިކަން ހުއްޓުވުމަށް ދަރަނި ލިބޭނެ އުސޫލުތައް ލުއިކުރުމަށް ދުނިޔޭގެ ފެންވަރުގައި ފިޔަވަޅުތައް އެޅުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ. ދިވެހިރާއްޖެއިން މިކަމަށް ގޮވާލީ ދަރަނީގެ ދެމެހެއްޓެނިވިކަމާއި އިޖްތިމާޢީ-އިޤްތިޞާދީ ހަމަހަމަކަމުގެ މައްޗަށް ކުރިޔަށްގެންދިޔަ އދ.ގެ މަތީ ފަންތީގެ މައުޟޫއީ ބަހުސްގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ދެއްވި ތަޤްރީރެއްގައެވެ.

ވަޒީރު ފައިސަލް ވަނީ އިޤްތިޞާދުތަކަށް ކުރިމަތިވެފައިވާ ބޭރުގެ ލޮޅުންތަކުގެ ސަބަބުން ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ނާޒުކު ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިފަދަ މައްސަލަތައް ހައްލުކުރުމަށް ބައިނަލްއަޤްވާމީ މާލީ އެހީތެރިކަން ނުލިބޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރާއްޖެވެސް ހިމެނޭހެން ބައެއް އެހެން ކުދި ޤައުމުތަކުން ލޯނުތައް ނަގާއިރު ދަރަނީގެ މިންވަރު މަތިވެ، އިޤްތިޞާދީ ހާލަތު އިތުރަށް ގޯސްވާކަން ހާމަކުރެއްވިއެވެ. މިކަމުގެ ސަބަބުން އިޤްތިޞާދު ނާޒުކު ހާލަތަށް ވެއްޓި އެކަމުން އަރައިގަތުމަށް ކުރަންޖެހޭ ކަންތައް ގިނަކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ ލޯނު ނެގުމަކީ ޚަރަދު ބޮޑު ކަމެއްކަމުން، އިޤްތިސާދީ ކުރިއެރުމަށް ބޭނުންވާ ތަރައްޤީގެ މަޝްރޫއުތަކަށް އިންވެސްޓް ކުރުމުގެ ގާބިލްކަން ހަނިވެ، ދިގު މުއްދަތުގައި އިޤްތިޞާދީ ދެމެހެއްޓެނިވިކަމަށް ނޭދެވޭ އަސަރުތަކެއްކުރާކަމަށެވެ.

އިޤްތިޞާދީ ކުރިއެރުން ހާސިލްކުރުމަށްޓަކައި އިންވެސްޓްމަންޓްތަކުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ވަޒީރު ފައިސަލް ވިދާޅުވީ މިޖަމްޢިއްޔާގައި ހިމެނޭ ގިނަ ކުދި ޤައުމުތަކަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިންވެސްޓްމަންޓަށް ބޭނުންވާ ފައިސާ ހޯދުންކަމަށެވެ. ވަޒީރު ވަނީ ކުޑަ އިންޓްރަސްޓް ރޭޓެއްގައި ލޯނު ނެގޭނެ ލުއިފަސޭހަ ގޮތްތަކެއް ފޯރުކޮށްދިނުމާއި ފިޔަވަޅުތައް އެޅުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ. މީގެ އިތުރުން، ދުނިޔޭގެ ރިސެޝަން ނުވަތަ ބޭރުގެ ލޮޅުންތައް ކުރިމަތިވާ ދަނޑިވަޅުތަކުގައި ބޮޑު އަގެއްގައި ނަގާ ބޭރުގެ ދަރަނިތަކަކީ ދެމެހެއްޓެނިވި ދަރަނިތަކެއް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވަނީ ދަރަނި އިތުރުވުމުގެ ސަބަބުން ޤައުމަށް އެންމެ ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާ ދޫކުރުމުގެ ޤާބިލުކަން ކުދި ޤައުމުތަކުގެ ދައުލަތްތަކުގައި ނުހުންނަކަން ހާމަކުރައްވާފައެވެ.

އެހެންކަމުން، ކުރިމަތިވެފައިވާ މާލީ ހުރަސްތައް ހައްލުކުރުމުގެ މަގުސަދުގައި ރާއްޖެއިން ވަކާލާތު ކުރަނީ މާލީ ދަތިކަން ކުރިމަތިވާ ޤައުމުތަކަށް އެހީތެރިކަން އިތުރުކުރުމާއެކު ދަރަނި ކުޑަ އިންޓްރަސްޓެއްގައި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުންކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖެއިން ގޮވާލަނީ ޤައުމުތަކުގެ މާލީ ދަތިކަން ބޮޑުނުވާނެ ގޮތަށް ލުއިފަސޭހަ ދެމެހެއްޓެނިވި ހައްލުތަކެއް ފޯރުކޮށްދޭ ސިޔާސަތުތައް ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ މަސައްކަތްތަކެއް ކުރުމަށްކަން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވިއެވެ.