ޚަބަރު

މަޖިލިސް އިންތިޚާބާއި ގުޅިގެން 41 ޝަކުވާއެއް؛ 39 ޝަކުވާއަށް ޖަވާބު ދީފި


  • މިވަގުތު ބަލަމުންދަނީ 2 މައްސަލަ

  • ވޯޓަރސް ލިސްޓަށް އިތުރު ބަދަލެއް ދެން ނުގެނެވޭނެ

އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން މިހާތަނަށް 41 ޝަކުވާއެއް ހުށަހެޅިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ޤައުމީ ލަފާދޭ ކޮމިޓީގެ 5 ވަނަ ބައްދަލުވުމުގައި ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ އިންތިޚާބާއި ގުޅޭ 41 މައްސަލައެއް މިހާތަނަށް އެކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. ޒަކަރިއްޔާ ވިދާޅުވީ މިހާތަނަށް އައިރު އޭގެ ތެރެއިން 39 ޝަކުވާ ބަލާ ޖަވާބު ދެވިފައިވާ ކަމަށެވެ. އަދި މިވަގުތު 2 މައްސަލައެއް ބަލަމުންދާކަން ވަނީ ހާމަކޮށްފައެވެ. މިހާތަނަށޤ ހުށަހެޅިފައިވާ ހުރިހާ މައްސަލައަކީވެސް ސީދާ ކޮމިޝަނަށް ހުށަހެޅިގެން ބަލަމުންދާ މައްސަލަތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

  • ކެމްޕޭން ކުރުމާއި ގުޅޭ - 5 ޝަކުވާ
  • މުވައްޒަފުންނާއި ގުޅޭ - 1 ޝަކުވާ
  • ވޯޓުލުމުގެ ހައްޤާއި ގުޅޭ - 26 ޝަކުވާ
  • ރެޖިސްޓްރޭޝަންއާއި ގުޅޭ - 4 ޝަކުވާ
  • ކެނޑިޑެސީއާއި ގުޅޭ - 5 ޝަކުވާ

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓުގައި މިހާރު ކެންޑިޑޭޓުން ސޮއިކޮށް، ވޯޓު ފޮށިތައް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، ޝަރުޢީ މަރުހަލާއިން މެނުވީ ދެން އެލިސްޓަށް ބަދަލެއް ނުގެނެވޭނެ ކަމަށެވެ. އެހެންނަމަވެސް ރީ-ރެޖިސްޓަރ ކުރުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އިޖާބަ ނުދެއްވާ ބައެއް ފަރާތްތަކުން މިހާރު އެ ޝަކުވާތައް ކުރަމުންދާ ކަމަށެވެ.

"މިކަންކަމަކީ އަޅުގަނޑުމެން ތާވަލުކުރި ތަރުތީބުން ކައްސާލައިގެން އޭގެ ފަހަށް އައިސި ކަމަށްވަންޏާ، ދެން އަޅުގަނޑުމެންނަށް އެޔާއި މެދު އިތުރު ކަންކަން ނުކުރެވޭ ކަންކަން. އެހެންވީމަ ވޯޓުލާ ދުވަހުވެސް މިފަދަ ޝަކުވާ އަންނާނެ. އަންނާނެތީ ކުރީބައިގަ މިކަން މައުލޫމާތަށްޓަކައި މިދަންނަވާލީ" ޒަކަރިއްޔާ ވިދާޅުވިއެވެ.

ވޯޓުލާ މިހުންގެ ފައިނަލް ލިސްޓު މިމަހުގެ 25 ވަނަ ދުވަހު އާންމު ކުރުމަށް ފަހު، އެ ލިސްޓުތަކުގައި ކެންޑިޑޭޓުން މިހާރު ވަނީ ސޮއިކޮށްފައެވެ. މިފަހަރު މަޖިލީސް އިންތީހާބުގައި ވޯޓު ލުމުގެ ހައްޤު ޖުމްލަ 284،663 މީހުންނަށް ލިބެއެވެ.