ޚަބަރު

މަޖިލިސް އިންތިޚާބުގައި 8 ވޯޓު ފޮށްޓެއް ބަހައްޓާ ތަނަށް ބަދަލުތަކެއް


  • މިފަހަރުގެ އިންތިޚާބުގައި 602 ވޯޓު ފޮށި ބަހައްޓާ

  • ބަދަލު އައި ވޯޓު ފޮށިތަކުގެ މަޢުލޫމާތު ވަނީ ގެޒެޓުކޮށްފައި

  • ވޯޓުލާންޖެހޭ ތަން ދެނެގަތުމަށް (Vr(space)id number) ޖެހުމަށްފަހު 1414 މެސެޖުކުރެވޭނެ

އަންނަ އާދިއްތަ ދުވަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ބައެއް ދާއިރާތަކުގެ ވޯޓު ފޮށި ބަހައްޓާ ސަރަޙައްދަށް އިލެކްޝަންސް ކޮމިޝަނުން ބަދަލުގެނެސްފިއެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި 602 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ގެޒެޓުކޮށްފައިވާ އިޢުލާނުގައިވަނީ 8 ވޯޓު ފޮށްޓެއް ބަހައްޓާ ސަރަޙައްދަށް ބަދަލު ގެނެސްފައިވާކަމަށެވެ. އަދި ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން ހިމެނޭހެން ވޯޓުފޮށި ބަހައްޓާ ތަނާއި ސަރަހައްދަށް އައި ބަދަލުވަނީ ގެޒެޓުކޮށްފައެވެ.

ބަދަލުގެނެސްފައިވާ ވޯޓު ފޮށްޓާއި މިހާރު ފޮށި ބަހައްޓާ ސަރަޙައްދު:

ނ. ވެލިދޫ-1 - ނ. ވެލިދޫ، ނ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޑީ ބްލޮކް އިމާރާތް
ތ. ގުރައިދޫ-1 - ތ. ގުރައިދޫ، ތ. އަތޮޅު މަދަރުސާގެ ލައިބްރަރީ
ތ. ގުރައިދޫ-2 - ތ. ގުރައިދޫ، ތ. އަތޮޅު މަދަރުސާގެ އޭ.ވީ ރޫމް
ތ. ތިމަރަފުށި-1 - ތ. ތިމަރަފުށި، ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މަލްޓިޕާޕަސް ހޯލް
ގަލޮޅުދެކުނު-5 - މާލެ، އިމާދުއްދީން ސްކޫލް ކްލާސްރޫމް 8 ބީޓެކް
ރ. އަތޮޅު، މާލެ-2 - އިސްކަންދަރު ސްކޫލްގެ ކްލާސް ރޫމް 3B
ދ. އަތޮޅު، މާލެ-1 - މާލެ، މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޮމްޕައުންޑް އޭރިއާ
ލ. އަތޮޅު، މާލެ-5 - މާލެ، ރިހިޖެހިކޮށި އިމާރާތުގެ ގްރައުންޑް ފްލޯގަ އޮންނަ ހުސް ޖާގަ

މިގޮތަށް ބަދަލުގެނެސްފައިވަނީ ވޯޓުލާ މަރުކަޒުތަކުގައި ތޮއްޖެހުން ކުޑަކޮށް، ވޯޓުލާން ދާ މީހުންނަށް ލުއިފަސޭހަކުރުމަށެވެ.

ވޯޓުލާން ދިއުމުގެ ކުރިން، ވޯޓުލާންޖެހޭ ތަން ޔަގީންކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. ވޯޓުލާންޖެހޭ ތަން ޔަގީންކުރާނީ (Vr(space) id number) ޖެހުމަށްފަހު 1414 އަށް މެސެޖުކޮށްގެންނެވެ. އަދި 1414އަށް ގުޅައިގެންނާއި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުންވެސް އިތުރު މަޢުލޫމާތު ހޯދޭނެއެވެ.

މަޖިލިސް އިންތިޚާބުގައި 602 ވޯޓުފޮށި ބަހައްޓާއިރު މާލެ ސަރަހައްދުގައި 241 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލޭގައި 181 ފޮށި، ހުޅުމާލޭގައި 51 ފޮށި އަދި ވިލިމާލޭގައި 9 ވޯޓު ފޮށްޓެވެ.

މި އިންތިޚާބުގައި އަތޮޅުތަކުގައި 319 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި ރާއްޖޭން ބޭރުގެ 3 ޤައުމެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާއިރު ރިސޯޓުތަކުގައި 34 ވޯޓު ފޮށި އަދި ޖަލުތަކުގައި 5 ވޯޓު ފޮށި ބެހެއްޓުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.