ޚަބަރު

އޭޝިއާ ބައްރުގެ އެންމެ ބޮޑު ޑައިވް އެކްސްޕޯގައި މިއަހަރުވެސް ރާއްޖެ ޕްރޮމޯޓުކޮށްފި


  • އެކްސްޕޯގައި ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 12އިން 14އަށް

  • ފަތުރުވެރިންނަށް ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދީފައިވޭ

އޭޝިއާ ބައްރުގެ އެންމެ ބޮޑު ޑައިވް އެކްސްޕޯކަމަށްވާ އެޑެކްސް އޯޝަން މިޝަން 2024ގައި މިއަހަރުވެސް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީން ރާއްޖެ ޕްރޮމޯޓުކޮށްފިއެވެ.

އެޑެކްސް އޯޝަން މިޝަން އެކްސްޕޯއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިންވެސްޓަރުންނާއި ސައިންސްވެރިންނާއި ކަނޑުތަކާއި ފަރުތައް ހިމާޔަތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ކަނޑު އަޑީގެ މަންޒަރުތައް ފޮޓޯ ނަގާ ވީޑިއޯކުރާ ފަރާތްތައް އެއްތާކުން ބައްދަލުކޮށްލުމަށް މަގުފަހިކޮށްދޭ ތަނެކެވެ. އަދި މި އެކްސްޕޯގައި ޑައިވް އޮޕަރޭޓަރުންނާއި ޑައިވް އިކުއިޕްމަންޓް އުފައްދާ ފަރާތްތަކާއި ޤައުމުތަކުގެ ޓޫރިޒަމް ބޯޑުގެ މެންބަރުންވެސް ބައިވެރިވެއެވެ. މި އެކްސްޕޯ ބާއްވާތާ 26 އަހަރު ވަނީ ވެފައެވެ.

އެމް.އެމް.ޕީ.އާރު.ސީން ޚާއްސަ އިސްކަމެއްދީގެން އަބަދުވެސް ރާއްޖެ ޕްރޮމޯޓުކޮށް ބޭރު ދުނިޔެއަށް ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރެއެވެ. މި އެކްސްޕޯ ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 12 އިން 14 ވަނަ ދުވަހާ ހަމައަށެވެ. އެކްސްޕޯ ބާއްވާފައިވަނީ ސިންގަޕޫރުގެ ސަންޓެކް ސިންގަޕޫރު ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރގައެވެ.

މި އެކްސްޕޯއާ ގުޅޭގޮތުން އެމް.އެމް.ޕީ.އާރު.ސީން ބުނީ މި އިވެންޓުގައި ރާއްޖޭގައި ޑައިވްކުރުމަށް ޝައުގުވެރިވާ ފަތުރުވެރިންނާއި ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށް ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ރާއްޖެއަކީ ޑައިވް ކުރުމަށް އިސްކަންދޭ ތަނެއްގެ އިތުރުން ކަނޑުއަޑީގެ ރީތިކަން ޙިމާޔަތްކުރުމަށް ބާރުއަޅާ މަންޒިލެއްގެ ގޮތުގައި ފަތުރުވެރިންގެ މެދުގައި ހޭލުންތެރިކަން އުފައްދާފައިވާކަމަށްވެސް އެ ކޯރޕަރޭޝަނުން ބުނެއެވެ.

އެމް.އެމް.ޕީ.އާރު.ސީން ބުނީ ދެކުނު އިރުމަތީ އޭޝިއާގައި ބާއްވާ މިފަދަ އެކްސްޕޯތަކުގައި ބައިވެރިވުމުގެ މަޤުޞަދަކީ ދެކެނު އޭޝިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ ފަތުރުވެރިކަމުގެ އެންމެ މަޤްބޫލު މަންޒިލަށް ހެދުން ކަމަށެވެ.

ނިމިދިޔަ އަހަރު ދެކުނު އިރުމަތީ އޭޝިއާ މާކެޓުން ޖުމްލަ 58,947 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފެބްރުއަރީ މަހުގެ ނިޔަލަށް މި މާކެޓުން 7,481 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މި ހިނގާ 2024 ވަނަ އަހަރު ދެކުނު އިރުމަތީ އޭޝިއާގެ މާކެޓަށް އަމާޒުކޮށްގެން އެމް.އެމް.ޕީ.އާރު.ސީން ގެންދަނީ ބޮޑެތި ސްޓޭކް ހޯލްޑަރުންނާއެކު ޖޮއިންޓް މާކެޓިން ކެމްޕޭންތަކާއި އައުޓްޑޯ އިޝްތިހާރު ކެމްޕޭންތައް ހިންގަމުންނެވެ.