ޚަބަރު

ލ.ބޮޑުފިނޮޅު ތަރައްޤީކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ފަށާނަން: ވަޒީރު


  • ބޮޑުފިނޮޅު ތަރައްޤީކުރާނީ ޚާއްސަ ޕްލޭނެއްގެދަށުން

  • ހެރިޓޭޖް ޕްރޮޖެކްޓެއް ހިންގުމަށް ވަނީ ހަމަޖެހިފައި

  • ޕްރޮޖެކްޓްތަކަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް އަވަހަށް ފައްޓަވާނެކަމަށް ވިދާޅުވި

ލ.އަތޮޅު ބޮޑުފިނޮޅު ސަރުކާރަށް ނަގާފައިވާކަމަށާއި އެރަށް ފަތުރުވެރިކަމަށް ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓާވާނެކަމަށް ފަރުވެރިކަމާބެހޭ ވަޒީރު އިބްރާޙިމް ފައިސަލް ވިދާޅުވެއްޖެއެވެ. ފައިސަލް މިހެން ވިދާޅުވީ ލ.ގަމުގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާޙިމް ފައިސަލް ވިދާޅުވީ ހައްދުންމަތީގައި ފަތުރުވެރިކަން ފުޅާކޮށް، އިޤްތިޞާދީގޮތުން ފުދުންތެރި ސަރަޙައްދަކަށް ހެދުމަށް ސަރުކާރުގެ ވަރަށް ގިނަ ޕްލޭންތައް އެބަހުރިކަމަށެވެ. އެގޮތުން 2008ވަނަ އަހަރު އަމިއްލަ ކުންފުންޏަކަށް ޓްރެއިނިން ރިސޯޓް ހަދަން ދޫކޮށްފައި އޮތް ފަޅުރަށް "ބޮޑު ފިނޮޅު"ގައި އެ މަސައްކަތް ކުރިއަށް ނުދާތީ މިދިޔަ ސަރުކާރުގައި އެ ރަށް ސަރުކާރަށް އަލުން އަނބުރާ ނަގާފައިވާކަމަށެވެ. ނަމަވެސް މިހާތަނަށްވެސް މަންފާލިބޭގޮތަށް އެރަށް، ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާކަމަށެވެ.

ޚާއްސަ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއްގެ ދަށުން ބޮޑުފިނޮޅަކީ މަންފާ ލިބޭ ތަނެއްގެ ގޮތުގައި، ތަރައްޤީކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

" ބަދަލުދީ މިދިޔަ ސަރުކާރުގައި އެރަށް ސަރުކާރަށް އޮތީ ނަގާފައި. މިހާރު ޓޫރިޒަމް މިނިސްޓްރީ ދަށަށް ވަނީ ބަދަލުކޮށްފައި. ޚާއްސަ އިސްކަމެއް ދީގެން ޓޫރިޒަމް ޑިވެލޮޕްމަންޓްގެ ބޮޑު ޕްރޮޖެކްޓެއް ހިންގާނަން. އަދި ވިޒިޓަރސް ކައުންސިލުން ފާސްކޮށްފައިވާ ހެރިޓޭޖް ޕްރޮޖެކްޓް ލ.އަތޮޅުގައި ހިންގާނަން." ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާޙިމް ފައިސަލް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އައްސޭރި ޕްރޮޖެކްޓްގެ ނަމުގައި، 700 ޓޫރިސްޓް އެނދު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢެއްވެސް ލ.އަތޮޅުގައި ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށެވެ. މި ޕްރޮޖެކްޓް ވެގެންދާނީ ދުނިޔޭގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ލިބޭނެ މަޝްރޫޢަކަކަމަށް ވިދާޅުވިއެވެ.

ފަތުވެރިކަން ކުރިއެރުވުމުގެ މަސައްކަތުގެ ދަށުން އެ އަތޮޅުގައި ވަން އައިލެންޑް ކޮންސެޕްޓްގެ 4 ރިސޯޓް ތަރައްޤީކުރަން ނިންމާފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ވިދާޅުވިއެވެ. މިއަހަރު ބާއްވާ އިންވެސްޓްމަންޓް ފޯރަމްތަކުގައި ހައްދުންމަތި އިޝްތިހާރުކޮށް އިންވެސްޓަރުން ހޯދާނެކަމަށްވެސް ވިދާޅުވިއެވެ.

"ސިންގަޕޯ، ދުބާއީ، ތައިލެންޑްގައި އިންވެސްޓްމަންޓް ފޯރަމް މިއަހަރު އޮންނާނެ. އެއް މަސައްކަތެއްގެ ގޮތުން މި އަތޮޅުގެ ޕްރޮޖެކްޓްތައް މާކެޓްކޮށް އިންވެސްޓަރުން ހޯދާނަން." ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާޙިމް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ފަތުވެރިކަން ޕްރޮމޯޓްކުރުމުގައި އޮތް އެއް ދަތިކަމަކީ ވައިގެ ދަތުރުފަތުރުގެ ދަތިކަންކަމަށެވެ. އަލަށް ތަރައްޤީކުރުމަށް ނިންމާފައިވާ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު ސަރަހައްދަށް ބޮޑު ބަދަލެއް އަންނާނެކަމަށެވެ. އަދި ފަތުރުވެރިން ގެނައުމުގައި އެއަރ ފެއަރ ބޮޑުވުމުގެ ދަތިކަމަށްވެސް ލުޔެއް ހޯދައިދެއްވާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާޙިމް ފައިސަލް ވިދާޅުވިއެވެ.