ޚަބަރު

ކައްދޫ އެއަރޕޯޓް ރީޖަނަލް އެއަރޕޯޓްސްގެ ދަށަށް، ތަރައްޤީކުރަން ޗައިނާ ކުންފުންޏަކަށް


  • މިއީ ރާއްޖޭގެ ފުރަތަމަ ޑޮމެސްޓިކް އެއަރޕޯޓް

  • މިހާތަނަށް ތަރައްޤީއެއް ގެނެވިފައެއް ނުވޭ

  • މިހާތަނަށް ހިންގީ ކައްދޫ ޑިވެލޮޕްމަންޓް ކޮމްޕެނީގެ ދަށުން

  • ރައީސް ވަނީ ރީޖަނަލް އެއަރޕޯޓްސްގެ ދަށަށް މި އެއަރޕޯޓް ބަދަލުކޮށްފައި

ހައްދުންމަތީ ކައްދޫ އެއަރޕޯޓް ތަރައްޤީކުރުމު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ސީއޭއެމްސީއީ (ކެމްސީ)އާއެވެ.

މިކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ކެމްސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރއެވެ.

މި މަޝްރޫޢޫއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން އެކުންފުނިން ކޮންސެޕްޓް ޑިޒައިންތަކާއި ޚަރަދުތައް އެކުލަވާލާނެކަމަށެވެ. އަދި މަޝްރޫޢުގެ ތަފްސީލް އެކުލަވާލުމާއެކު، ސަރުކާރުން ބެލުމަށް ޓެކްނިކަލް އަދި ކޮމާޝަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް ހުށަހަޅާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަރުހަލާގައި ސަރުކާރުން އެއްވެސް ޚަރަދެއް ނުކުރާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކައްދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މިހާރު ވަނީ އެއަރޕޯޓު ބޮޑުކުރުމަށް ބޭނުންވާ ބިން ހިއްކުމާއި، ހިއްކާ ސަރަަހއްދު ހިމާޔަތްކުރުމުގެ މަސައްކަތް ފަށާފައެވެ.


ކައްދޫ އެއަރޕޯޓް އިންޓަރނޭޝަނަލް ފެންވަރަށް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. މި އެއަރޕޯޓް ތަރައްޤީކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ، ކައްދޫ އެއަރޕޯޓް ޑިވެލޮޕްމަންޓް ކޮމްޕެނީގެ ދަށުގައި އޮތުންކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އެ ދަތިތައް ނައްތާލާ، މިހާރު އެ އެއަރޕޯޓް ހިންގުން ރީޖަނަލް އެއަރޕޯޓްސް ކުންފުނީގެ ދަށަށް ބަދަލުކުރައްވާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އަސްކަރީ ވައިގެ މަރުކަޒެއްގެ ގޮތުގައި ހިންގަމުން އަންނަ ކައްދޫ އެއަރޕޯޓު ތަރައްްީކުރާނީ ޓޫރިޒަމާ އެކުކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ އެއަރޕޯޓުގެ އެއްބައި ޓޫރިޒަމަށް ޚާއްޞަކުރުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.


ކައްދޫ އެއަރޕޯޓަކީ ރާއްޖޭގައި އެންމެ ފުރަތަމަ ތަރައްްޤީކުރި ޑޮމެސްޓިކް އެއަރޕޯޓެވެ. އެ އެއަރޕޯޓް ތަރައްޤީކޮށް ހުޅުވާފައިވަނީ 6 ޑިސެމްބަރު 1986 ވަނަ އަހަރުއެވެ. ނަމަވެސް ފާއިތުވި ދިގު މާޒީގައި އެ އެއަރޕޯޓަށް ތަރައްޤީ އައިސްފައ ނުވުމަކީ ހައްދުންމަތީގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ.

ރައީސް ނިންމަވާފައިވަނީ ކައްދޫ އެއަރޕޯޓް އިންޓަރނޭޝަނަލް ފެންވަރަށް ތަރައްޤީކުރުމުގެ އިތުރުން، ހައްދުންމަތީގައި އިތުރު އެއަރޕޯޓެއްވެސް ތަރައްޤީކުރުމަށެވެ.