ޚަބަރު

ކޯވިޑާ ގުޅިގެން ދޫކުރި ލޯނުތަކުގެ ހުރިހާ އިންޓްރެސްޓެއް ރައީސް މަޢާފްކޮށްދެއްވައިފި


  • ކޯވިޑްގައި ދޫކުރި ލޯންތަކަށް ބޮޑެތި އިންޓަރެސްޓްތަކެއް އަރާފައިވޭ

  • އެ ހުރިހާ އިންޓްރަސްޓެއް ރައީސް ވަނީ މަޢާފްކޮށްދެއްވާފައި

  • ސަރުކާރު ހުޅުވުމުން އެކަމަށް އެޕްލައި ކުރެވޭނެ

ކޯވިޑާއި ގުޅިގެން ކުރީގެ ސަރުކާރުން ދޫކުރި ލޯނުތަކުގެ ހުރިހާ އިންޓްރެސްޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެއްކޮށް މަޢާފްކޮށްދެއްވައިފިއެވެ.

ހައްދުންމަތީ ފޮނަދޫގައި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކޮވިޑްގެ ތެރޭގައި އެތައް ބަޔަކު ހާލުގައި ޖެހުނުކަމަށެވެ. އެއާއެކު ވަރަށް ގިނަ ބަޔަކު ލޯނު ނެގިކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީން ގިނަ އަދަދެއްގެ ފަރާތްތަކަށް ދޫކުރި ލޯނު، އެތައް ބަޔަކަށް ނުދެއްކި އިންޓްރެސްޓް އަރައިގެން ގޮސްފައިވާކަމަށާއި، ކުރީ ސަރުކާރުން އެ އިންޓަރެސްޓް މަޢާފްކޮށްދޭނެކަމަށް ވަޢުދުވެ އެކަން ކޮށްފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ.

ކޯވިޑް ލޯނުގެ އިންޓްރެސްޓް އިތުރުވަމުންގޮސް ރައްޔިތުންނަށް ނުކަތާވަރަށް އަރައިގެން ގޮސްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ 4 މަސްދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން އެ އިންޓްރެސްޓް މަޢާފްކޮށްދެއްވުމާ ހަމައަށް އާދެވިފައިވާކަމަށާއި، މި ޢީދު ބަންދަށްފަހު ސަރުކާރު ހުޅުވޭއިރު އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާނެކަމަށެވެ.

"އިރާދަކުރެއްވިއްޔާ ޢީދު ބަންދަށްފަހު ހުޅުވޭ ދުވަހުން ފެށިގެން އެޕްލައިކުރުމުގެ ފުރުޞަތު ދޭނަން. ކޮވިޑްުގެ ލޯން ނަގައިގެން އެރި އިންޓަރެސްޓް ސަރުކާރުން މިހާރު ވަނީ ނިންމާފައި. އެއީ ހުރިހާ ލޯނެއްވެސް މަޢާފްވާނެ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވަނީ ލޯން ނަގާފައިވާ ފަރާތްތަކުން ސަރުކާރު ހުޅުވުމުން އެސްޑީއެފްސީއަށް އެކަމަށް އެޕްލައި ކުރުމަށް އެދިވަޑައިގެންފައެވެ.

ހަމަމިއާއެކު ކޯވިޑާގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެޗްޑީއެފްސީން ނަގާފައިވާ ހައުސިންގ ލޯނުގެ އިންޓްރެސްޓް މަޢާފްކޮށްދިނުމަށް ނިންމާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެ ލޯނު ނެގި ފަރާތްތަކަށް އޭރު މޮރިޓޯރިއަމްއަކުން ލޯނު ދެއްކުން ފަސްކޮށްދިންނަމަވެސް އިންޓަރެސްޓް އިންތިހާއަށް ބޮޑުވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"އެވެސް މަޢާފްކޮށްދޭނެކަމަށް އެސަރުކާރުން ވާހަކަދެއްކި. އަޅުގަނޑުމެން މިހާރު އެ މަސައްކަތްވެސް ކޮށްފިން. އިދާރީ ހުރިހާ މަސައްކަތްތަކެއް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއްވެސްކަމެއް އިންތިޚާބެއް ބޯމަތިވުމުން ކުރުމަށް ނުބާއްވާކަމަށާއި، ފުރަތަމަ ދުވަހުންފެށިގެން އެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އަދި ސަރުކާރަށް މިވީ 4 މަސްދުވަސްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް ލުއި ދޭންކަމަށެވެ.

ފައިސާ ޗާޕްނުކޮށް ރައްޔިތުންނަށް ލުއިދެމުން، ބޭރުގެ ދަރަނި އަދާކުރަމުން، އެތެރޭގެ ކުންފުނިތަކށް ސަރުކާރުން ދަރާފައިވާ ދަރަނި ދައްކަމުން ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދަމުން ރާއްޖޭގެ ފުދުންތެރިކަން އިތުރުކުރުމަކީ ސަރުކާރުގެ ސިޔާސަތުކަމަށާއި އެނޫންގޮތަކަށް ކުރިއަށް ނުގެންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވެރިކަން ބަދަލުވިއިރު، ސަރުކާރުގެ ހުރިހާ ކުންފުންޏެއް ދަރަނިވެރިވެފައިއޮތް ނަމަވެސް މިހާރު ހުރިހާ ކުންފުންޏެއް އަމިއްލަ ފައިމައްޗަށް ތެދުވަމުންދާކަމަށް ވިދާޅުވިއެވެ. އެގޮތުން އެކުންފުނިތަކުން މިހާރު ދަރަނިތައް ދައްކަމުން، ލޯން އަދާކުރަމުން އަދި ކުންފުންޏަށް އާމްދަނީ އިތުރުކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. މިއީ އިޚްލާސްތެރި މަސައްކަތްތަކެއްކަމަށާއި، ރައްޔިތުންނަށް މިކަމުގައި ދެވޭނެ އެހީތެރިކަމަކީ، އެކަމަށް އެއްބާރުލުން ދޭނެ މަޖިލީހެއް ހޯދައިދިނުންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.