ޚަބަރު

ސަރުކާރުން އިތުރު 11 ރަށެއްގައި އައިސްޕްލާންޓް ޤާއިމްކުރަން ތައްޔާރުވެއްޖެ


  • އައިސްޕްލާންޓް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށަންވަނީ ތައްޔާރުވެފައި

  • 6 ޕްލާންޓް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ޚަރަދުގައި

  • އައިސް ލިބުމަށް ހުރި ދަތިތަކަށް ހައްލު ލިބޭނެ

އިތުރު 11 ރަށެއްގައި އައިސް ޕްލާންޓު ގާއިމްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިއީ މަސް ދޯނިތަކަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިމަޝްރޫއުގެ ދަށުން ހއ.ދިއްދޫ، ހދ.ކުޅުދުއްފުށި، ށ.ފުނަދޫ، ށ.ކޮމަންޑޫ، ޅ.ނައިފަރު، އއ.ރަސްދޫ، މ.ވޭވަށް، ދ.ބަނޑިދޫ، ދ.މީދޫ އަދި ގދ.ރަތަފަންދޫގައި އައިސް ޕްލާންޓު ގާއިމްކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެތެރެއިން 5 އައިސް ޕްލާންޓަކަށް ފަންޑު ހަަމަޖެހިފައިވަނީ ސައުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓުންނެވެ. އަދި ބާކީ 6 ޕްލާންޓް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ޚަރަދުގައެވެ.

މި 11 ރަށުގެ އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ޙަވާލުކުރުމަށް ނިންމާފައިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއާ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ސަރުކާރުން މުޅިން އަލަށް 11 އައިސް ޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތް ފަށާއިރު، މިހާރު ގާއިމްކޮށްފައިވާ ބައެއް އައިސް ޕްލާންޓުތަކުން ޚިދުމަތް ދިނުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ، އެކަންކަމަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތްތައްވެސް މިނިސްޓްރީއާއި މިފްކޯ ގުޅިގެން ކުރަމުންދާކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

އިތުރު 11 އައިސް ޕްލާންޓެއް އައުމަކީ މަސްވެރިންނަށް އަމާޒުކޮށްގެން ގާއިމްކުރެވިފައިވާ އައިސް ޕްލާންޓުތަކުގެ ނެޓުވޯކުގެ ކެޕޭސިޓީ ވަރަށް ބޮޑުތަނުން އިތުރުވެގެން ދާނޭކަމެކެވެ. މިހާރުވެސް 25 ރަށެއްގައި އައިސް ޕްލާންޓުތައް ގާއިމްކޮށްފައިވެއެވެ.

ސަރުކާރުންވަނީ ފެނަކަ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރަމުންދާ އައިސްޕްލާންޓްތައް މިފްކޯއާއި ހަވާލުކުރުމުގެ މަސައްކަތްވެސް ކުރައްވަމުން އަންނަކަން ހާމަކުރައްވާފައެވެ.