ބ. އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން އެ ރަށުގައި ބާއްވާ "އުރީދޫ އޭދަފުށި ފުޓްސަލް ކަޕް 2024" ގައި ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެ، ކުއާޓާ ފައިނަލުގެ ޖާގައެއް ނަލަ ބްރަދާސްއިން ހޯދައިފިއެވެ.
މި ފަހަރުގެ މުބާރާތުގައި 16 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އާއި ދެވަނަ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހެވެ.
އޭދަފުށީ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް އޭގައި މިރޭ ކުޅުނު މެޗުން ނަލަ ބްރަދާސް މޮޅުވީ ބީކޭ ސްޕޯޓްސް ކުލަބު އަތުން ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ނަލަ ބްރަދާސްގެ ހުޒައިފަތު ރަޝީދު (ހުޒޭ) ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ނަސީރެވެ. މި މެޗުގައި ބީކޭއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ މުޙައްމަދު ވިލްފެވެ.
މި މޮޅާއެކު މުބާރާތުގެ ކުއާޓާގެ ޖާގައެއް ނަލަ ބްރަދާސްއިން ހޯދިއިރު، އެ ޓީމު ވަނީ މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެފައެވެ. އެގޮތުން ފުރަތަމަ މެޗުން ނަލަ ބްރަދާސް މޮޅުވީ ކީވަން އެފްސީއާ ވާދަކޮށް 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މުބާރާތުގައި މިރޭ ކުޅުނު ފުރަތަމަ މެޗުން ގްރޫޕް ސީގައި ހިމެނޭ އެއިޓީފޯ އެފްސީ މޮޅުވީ ކޭބަލް ބްރަދާސް އަތުން ފަހަތުން އަރައި 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ކޭބަލް ބްރަދާސްއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ވާސިފެވެ. އެކަމަކު އޭގެ ފަހުން އެއިޓީފޯ އެފްސީން ވަނީ ކުޅުން ރަނގަޅުކޮށް އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. މި މެޗުގައި އެއިޓީފޯ އެފްސީގެ ލަނޑުތައް ޖަހައިދިނީ ދެ ލަނޑު ކާމިޔާބުކުރި ޝާފީ އަލީ އާއި، އަބްދުﷲ ޖާހް ޖާދުﷲ ގެ އިތުރުން ކެޕްޓަން ހުސެއިން ޝިހުބާންއެވެ.
މި މުބާރާތުގައި މިރޭ ކުޅުނު ދެވަނަ މެޗުން ގްރޫޕް ޑީގައި ހިމެނޭ ވެލާ ސްޕޯޓްސް ކުލަބު ވަނީ ފަސޭހަކަމާއެކު 6-0 ގެ ނަތީޖާއަކުން ފްރެންޑްސް ބަލިކޮށްފައެވެ. މި މެޗުގައި ވެލާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ދެ ލަނޑު ޖެހި ހުސައިން ސުހައިލް އާއި، އަޙްމަދު ޖައުޝަން އަބްދުﷲ އާއި، ރައްޒާން ޖައުފަރާއި، ހަމްދާން އަބްދުލް ސައްތާރުގެ އިތުރުން މުޙައްމަދު ނައުފެވެ.
މީގެ އިތުރުން މި މުބާރާތުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން އެފްރޯ ސްޕޯޓްސް ކުލަބާއި ސީސީ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
އޭދަފުށި ފުޓްސަލް ކަޕުގައި މާދަމާރޭވެސް ހަތަރު މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ގްރޫޕް ސީން މުރިންގް އެފްސީ އާއި އެއިޓީފޯ އެފްސީ ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ގްރޫޕް ޑީގައި ހިމެނޭ އޯލް ވުލްވްސް ނުކުންނާނީ ފްރެންޑްސް ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި ގްރޫޕް އޭއިން ކީވަން އެފްސީ އާއި ޔުނައިޓެޑް ވީ ބައްދަލުކުރާއިރު، ފަހު މެޗުގައި ގްރޫޕް ބީގައި ހިމެނޭ އެފްސީ ސަޑަންލީ ނުކުންނާނީ އެފްސީ މާލިންސްއާ ދެކޮޅަށެވެ.