ކުޅިވަރު

އޭދަފުށި ފުޓްސަލް ކަޕް: އޯލް ވުލްވްސް އާއި ސީސީއަށް މޮޅެއް


ބ. އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން އެ ރަށުގައި ބާއްވާ "އުރީދޫ އޭދަފުށި ފުޓްސަލް ކަޕް 2024" ގައި މިރޭ ކުޅުނު މެޗުތަކުން އެންމެ ފަހުގެ ރަނަރަޕް އޯލް ވުލްވްސް އާއި ސީސީ ސްޕޯޓްސް ކުލަބު މޮޅުވެއްޖެއެވެ.

މި ފަހަރުގެ މުބާރާތުގައި 16 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އާއި ދެވަނަ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހެވެ.

އޭދަފުށީ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިރޭ ކުޅުނު ފުރަތަމަ މެޗުން ގްރޫޕް ޑީގައި ހިމެނޭ އޯލް ވުލްވްސް މޮޅުވީ ފަހު ވަގުތު ޖެހި ލަނޑާއެކު އެފްސީ ދުންތަރި އަތުން 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު މުޙައްމަދު ޝުއާއު ޝައްމޫނު ވަނީ އޯލް ވުލްވްސްއަށް ލީޑު ނަގައިދީފައެވެ. އެކަމަކު ދެވަނަ ހާފުގެ ކުރީކޮޅު ދުންތަރި ޓީމުގެ ޝާފިއު މުޙައްމަދު ކާމިޔާބުކުރި ދެ ލަނޑާއެކު އެ ޓީމުން ވަނީ ފަހަތުން އަރައި ލީޑު ނަގާފައެވެ. ނަމަވެސް އޭގެ ފަހުން އިމްތިޝާލް އަބްދުލް ރަހީމް ވަނީ އޯލް ވުލްވްސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗު ނިމެން ގާތްވެފައި ވަނިކޮށް އެ ޓީމު މޮޅުވީ ކެޕްޓަން އީގާން އަބްދުލް މަޖީދު ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މުބާރާތުގައި މިރޭ ކުޅުނު ފަހު މެޗުން ގްރޫޕް ބީގައި ހިމެނޭ ސީސީ މޮޅުވީ އެފްސީ މާލިންސް އަތުން ފަސޭހަކަމާއެކު 7-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ސީސީގެ މުއާޒް އަލީ ވަނީ ހެޓްރިކެއް ހަދާފައެވެ. ދެ މި މެޗުގައި އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އުނައިސް ޒުބައިރާއި، އަލީ ފާސިރު (ސެންޓޭ) އެވެ. މި ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ. މި މެޗުގައި މާލިންސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ އަލީ ރީހާނެވެ.

މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް އޭގައި މިރޭ ބީކޭ ސްޕޯޓްސް ކުލަބާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗުގައި ޔުނައިޓެޑް ވީން ކާމިޔާބުކުރި ދެ ލަނޑަކީވެސް ބީކޭގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ލަނޑުތަކެވެ. ބީކޭއިން މެޗުގައި ޖެހި ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޝަޒާން އާއި، މުޙައްމަދު ޝާން އަބްދުލް ޣަފޫރެވެ.

އޭދަފުށި ފުޓްސަލް ކަޕުގައި މާދަމާރޭ ހަތަރު މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ގްރޫޕް ސީން އެއިޓީފޯ އެފްސީ އާއި ކޭބަލް ބްރަދާސް ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ގްރޫޕް ޑީގައި ހިމެނޭ ފްރެންޑްސް ނުކުންނާނީ ވެލާ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި ގްރޫޕް އޭއިން ނަލަ ބްރަދާސް އާއި ބީކޭ ސްޕޯޓްސް ކުލަބު ބައްދަލުކުރާއިރު، ފަހު މެޗުގައި ގްރޫޕް ބީގައި ހިމެނޭ އެންމެ ފަހުގެ ޗެމްޕިއަން އެފްރޯ ސްޕޯޓްސް ކުލަބު ނުކުންނާނީ ސީސީއާ ދެކޮޅަށެވެ.