ޚަބަރު

ބަދަލުދެމުން އަންނަނީ ކުރީ ސަރުކާރުގެ އެއްބަސްވުންތަކަށް، އައު ބަޔަކަށް ބަދަލެއް ނުދެން: ވަޒީރު


  • މިދިޔަ އަހަރު ބަދަލުގެ ގޮތުގައި 556 މިލިއަން ރުފިޔާ ދޫކުރި

  • ބަދަލު ދިނުމަށް ބަޖެޓުކޮށްފައިވަނީ 101 މިލިއަން ރުފިޔާ

  • މިސަރުކާރުން އައު އެއްވެސް ބަޔަކަށް ބަދަލު ނުދޭ

  • ބަދަލު ދެނީ ކުރީގެ އެއްބަސްބުންތަކުގެ ދަށުން ޖޫރިމަނާ އަރާނެތީ

މިސަރުކާރުން އަލަށް އެއްވެސް ފަރާތަކަށް ބަދަލުގެގޮތުގައި ފައިސާ ދޫކުރުމަށް ނިންމާފައިނުވާނެކަމަށާއި، މިހާތަނަށް ބަދަލުގެ ގޮތުގައި ފައިސާ ދޫކޮށްފައިވާނީ ކުރީ ސަރުކާރުން ހިންގާފައިވާ އެކި މުއާމަލާތްތަކަށްކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ.

މާލީ ވުޒާރާއިން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ މާރިޗު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ބަދަލުގެ ގޮތުގައި ޖުމްލަ 81.8 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވީ، މިސަރުކާރު އައިސް ސެޓްލްމަންޓް ކޮމެޓީ އުވާލި ފަހުން އެއްވެސް އައު ބަޔަކަށް ބަދަލު ދީފައިނުވާނެކަމަށެވެ. މިހާރު ބަދަލު ދެމުން އަންނަނީ، ކުރީ ސަރުކާރުގެ ސެޓުލްމެންޓް ކޮމިޓީން ބައެއް ޕޭމެންޓްތައް ދޫކޮށްފައި ހުރި ފަރާތްތަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެ ފައިސާ އެފަރާތްތަކަށް ދެމުން އަންނަނީ، އެ ފައިސާ ނުދީފިނަމަ ނުވަތަ ލަސްކޮށްފި އިތުރު ޖޫރިމަނާތަކެއް ދައްކަން ޖެހޭގޮތަށް ހުރި އެއްބަސްވުންތަކަށްކަމަށްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އަދި އެފަރާތްތަކަށް ބަދަލުދެމުން ދަނީ ބަންޑާރަ ނައިބުގެ ލަފާގެ މަތިންކަމަށާއި، ފައިސާ ދެނީ ކޮންމެހެން ބަދަލު ދޭންޖެހޭކަމަށް ބަންޑާރަ ނައިބު ލަފާ ދެއްވާ ފަރާތްތަކަށް އެކަނިކަމަށްވެސް ޑރ. ޝަފީޤް ވިދާޅުވިއެވެ.

"ކުރީގަ އެބަހުރި ބައިވަރު ފަރާތްތަކަށް ބައެއް ޕޭމަންޓުތައް ހަދާފަ. މިކޮޅުން ޭޖީގެ ލަފައަކަށް މި ބަލަނީ ކޮންބަޔަލަށްތޯ ދޭންޖެހޭނީ. އެގޮތަށް ދޭންޖެހޭ ފަރާތަށް ކޮންމެހެން އޭޖީ ލަފާ ދީފިއްޔާ ކޮންމެހެން މިދެނީ. މިސަރުކާރުން އައު ބަޔަކަށް އެއްވެސް ބަދަލެއް ދިނުމަށް ނިންމާފައެއް ނެތް." މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ބަދަލުގެ ގޮތުގައި ގިނަ ފަރާތްތަކަށް ބޮޑެތި ޢަދަދުތަކުން ފައިސާ ދޫކޮށްފައިވާކަން މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން މިދިޔަ 2023 ވަނަ އަހަރު ބަދަލު ދިނުމަށް 101 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައި ވީނަމަވެސް ބަދަލުގެ ގޮތުގައި 550 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި މިއަހަރުގެ ބަޖެޓުގައިވެސް ބަދަލު ދިނުމަށް 101 މިލިއަން ރުފިޔާ ވަނީ ބަޖެޓު ކޮށްފައެވެ.

މިއަހަރު މިހާތަނަށް 81.8 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދޫކޮށްފައިވާއިރު އެއީ އެއް ފަރާތަށް ދޫކޮށްފައިވާ ފައިސާކަމަށްވެސް މާލީ ވުޒާރާއިން ވިދާޅުވިއެވެ.


ކުރީ ސަރުކާރުގައި ސެޓްލްމަންޓް ކޮމިޓީ އުފެއްދީ ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށެވެ. ކުރީ ސަރުކާރުގައި ޝަރީޢީ މަރުހަލާގައި ހުރި ބައެއް މައްސަލަތައް ކޯޓުން ބޭރުން ޙައްލުކުރުމަށް ބަދަލުގެ ގޮތުގައި ފައިސާ ދޫކޮށްފައިވަނީ، ބަންޑާރަ ނާއިބު އޮފީހުގެ އެއްވެސް ލަފައެއް ހޯދުމެއް ނެތި، އަދި ބަންޑާރަ ނާއިބުގެ ފަރާތްޕުޅުން ޝަރުޢީ މަރުޙަލާގައި ފާހަގަކުރައްވަމުން ގެންދެވި ނުކުތާތަކަށްވެސް ރިޢާޔަތްކުރެއްވުމަކާ ނުލައި، އަދި އޮޑިޓަރ ޖެނެރަލް ދެއްވާފައިވާ ރައުޔާވެސް ޚިލާފަށްކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ކުރީ ސަރުކާރުގައި އުފެއްދި ސެޓްލްމަންޓް ކޮމެޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ގައި އުވާލައްވާފައެވެ.