ޚަބަރު

ރިޔާސީ އިންތިޚާބުގައި ޤައުމީ ރޫޙުގައި ކުރި މަސައްކަތް ފުރިހަމަވާނީ އެއްބާރުލުން ދޭނެ މަޖިލީހެއް ހޮވައިގެން: ރައީސް


  • އިސްލާމީ މުޖުތަމައެއްގައި ހުރެގެން ނުވާނެ ސިފަތައް ގިނަވެފައިވާއިރު ބޭނުންފުޅުވަނީ އެކަން ހައްލުކުރަން

  • ސަރުކާރު އެއްބާރުލުން ދޭނެ މަޖިލީހެއް ވަރަށް މުހިންމުކަން ރައީސް ފާހަގަކުރެއްވި

ރިޔާސީ އިންތިޚާބުގައި ރައްޔިތުން، ޤައުމީ ރޫހުގައި ކުރި މަސައްކަތުގެ ނަތީޖާ ފުރިހަމަވާނީ ސަރުކާރަށް އެއްބާރުލުން ދޭނެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް ހޮވައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިރޭ ކުރިއަށްދިޔަ ސިޔާސީ ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރައްޔިތުން އެމަނިކުފާނު އިންތިޚާބުކުރެއްވީ ޤައުމުގެ މިސްރާބު ކައްސާލައި، މިނިވަންކަން ގެއްލި، ހަމަޖެހުން ގެއްލިފައިވަނިކޮށް އެކަންކަން ރަނގަޅު ކުރުމުގެ މަޤްޞަދުގައި ކަމަށެވެ. އެ މަސައްކަތް އެއްކޮށް ފުރިހަމަ ކުރެވޭނީ ސަރުކާރަށް އެއްބާރުލުން ދޭނެ ތަނެއްގެ ގޮތުގައި އޮތް މަޖިލިހަށް ސަރުކާރާ އެއް ވިސްނުމުގެ ބޭފުޅުން އިންތިޚާބު ކުރައްވައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ޖިންސީ ފުރައްސާރައާއި ގެވެށި އަނިޔާއާއި ގަނާ ފަދަ އިސްލާމީ މުޖުތަމައެއްގައި ހުރެގެން ނުވާނެ އެތައް ސިފަތަކެއް ގިނަވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަންކަން ހައްލުކުރުމުގެ ވިސްނުންފުޅު އެމަނިކުފާނު ގެންގުޅުއްވާ ކަމަށެވެ. އެކަންކަން ހައްލުކުރުމަށް ޤާނޫނުތައް އިސްލާހު ކުރުމާއި އައު ޤާނޫނުތައް ހަދަން ޖެހޭއިރު އެކަން ކުރެވޭނީ އެއްބާރުލުން ދޭނެ މަޖިލިސް މެންބަރުންތަކެއް ތިބެގެންކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

"ހަމަޖެހުން އެކު އެކީގައި ގެއްލިފައި ވަނިކޮށް އެ މިސްރާބު ރަނގަޅުކޮށް ދިވެހީންގެ ބަސް ދިވެހި ޤައުމަށް ހިނގާގޮތަށް ދިވެހީންގެ ރާއްޖެއެއް ގާއިމުކުރުމުގެ މަސައްކަތް ކުރައްވަވާ. އެކަމުގެ ފުރަތަމަ މަރުހަލާ ތިޔަ އެންމެ ބޭފުޅުން މިދިޔަ ރިޔާސީ އިންތިޚާބުގައި ކާމިޔާބުކޮށްފައިވާވުން އެންމެ އެދެވޭ ގޮތުގައި ފުރިހަމަ ނަތީޖާއާ ހަމައަށް ގެންދެވޭނީ އޭގެ ދެވަނަ މަރުހަލާކަމުގައިވާ ސަރުކާރަށް އެންމެ މުހިންމު އެއްބާރުލުމެއް ދެވޭނެ އަދި ދޭން ޖެހޭނެ ތަނެއްގެ ގޮތުގައި ޤާނޫނީގޮތުން ވެސް އޮތް ރައްޔިތުންގެ މަޖިލިހުގެ ގޮނޑިތަކަށް ވެސް ހަމަ މިދެންނެވި ވިސްނުމުގައި ތިބި ބަޔަކު ހޮވައިގެން." ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ޤައުމުގެ ހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަށް އެއްބާރުލުން ނުދޭނެ ބަޔަކު މަޖިލީހަށް ހޮވައިފިނަމަ ރައްޔިތުންގެ އުއްމީދުތައް މަޑުޖެހިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެގޮތަށް ރައްޔިތުން ކަންތައް ނުކުރާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.