ޚަބަރު

ސަރުކާރުގެ ވިސްނުމަކީ ކުށްކުރާ ކުޑަކުދިން އިޞްލާހުކުރަން ޚާއްޞަ ފެސިލިޓީއަށް ވަކިރަށެއް ތަރައްޤީކުރުން: އިޙްސާން


ސަރުކާރުގެ ވިސްނުމަކީ، ކުށުގެ މާހައުލަށް ހުށައެޅޭ ކުޑަކުދިން ރީހެބިލިޓޭޓުކުރުމަށްޓަކައި ޚާއްޞަ ފެސިލިޓީއެއް ހެދުންކަމަށާއި، އެކަމުގެ މަސައްކަތްތައް ކެބިނެޓުގައި ކުރަމުން އަންނަކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ކުޑަކުދިން ގަނާއިން ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޓާސްކްފޯހުން އިސްކަންދަރު ކޮށީގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ކުށްކުރާ ކުޑަކުދިން ރީހެބިލިޓޭޓުކުރުމަށްޓަކައި ކުޑަކުދިންގެ ޢަދުލާބެހޭ ޤާނޫނުގެ ދަށުން ހަދަންޖެހޭ، މަރުކަޒުތަކާއި، ޤާއިމުކުރަންޖެހޭ ނިޒާމު މިސަރުކާރު ވެރިކަމާ ޙަވާލުވީއިރު އޮތީ ފުރިހަމަނުކޮށްކަމަށެވެ. އެކަން ފުރިކަމަކޮށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

އިޙްސާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ކުށުގެ ވެށްޓަށް ހުށައެޅިފައިވާ ކުޑަކުދިންނާއި، އަޚްލާގީ މައްސަލަތައް ހުރި ކުދިން މުޖުތަމަޢުން އެކަހެރިކޮށް، ފަރުވާދެވޭނެ ޚާއްޞަ ފެސިލިޓީއެއް ޤާއިމްކުތުންކަމަށެވެ. އެގޮތުން އެކަމަށް ވަކި ރަށެއް ކަނޑައަޅަން ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އިޙްސާން ވިދާޅުވީ، ކުށުގެ ވެށީފައިވާ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭނީ ކޯޓު ޢަމުރަކުންކަމަށާއި، އެފަދަ ޢަމުރަކުން އެފަދަ ކުދިން ނެގުމަށްފަހު އެ ފެސިލިޓީގައި އިސްލާހީ ޕްރޮގްރާމްތައް ހިންގޭނެކަމަށެވެ.

ރާއްޖޭގައި ކުށުގެ ވެށިން ސަލާމަތްކޮށް ފަރުވާންދޭންޖެހިފައިވާ 200 އެއްހައި ކުދިން އެބަތިބިކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މިހާތަނަށް ރާއްޖޭގައި އެކުދިންނަށް ފަރުވާދެވޭނެ އެއްވެސް ފެސިލިޓީއެއް ނެތްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ކުޑަކުދިންގެ ޢަދުލާބެހޭ ޤާނޫނުގައި ލޯންގް ޓާރމް ރެސިޑެންޝަލް ކެއަރ ފެސިލިޓީއެއް ޤާއިމްކުރުން ލާޒިމްކުރާކަމަށާއި، އެ ފެސިލިޓީއަކީ ކުށަށް ހުށައެޅޭ ކުދިން މުޖުތަމަޢުގައި ތިބެގެން ކުދިންނަށް ފަރުވާ ނުދެވިދާނެކަމަށް ޤަބޫލުކުރެވޭތީ ދިގުމުއްދަތަކަށް މުޖުތަމަޢުން ވަކިން މަރުކަޒުކުރެވިގެން ފަރުވާދެވޭނެ މަރުކަޒެއްކަމަށެވެ.

"އަދުގެ ސަރުކާރުގެ ވިސްނުންފުޅަކީ މި ފެސިލިޓީއަށްޓަކައި ވަކިރަށެއް ޑިވެލޮޕްކުރުން. އެޓް ރިސްކުގައި ތިބި ކުދިން އާއިލާތަކުން ނުބެލެހެއްޓި ނުވަތަ އަޚްލާޤީގޮތުން އަޅުގަނޑުމެންނަށް މުޖުތަމޢުން އެކަހެރިވެގެންދާނެ ފެނި، އަދި އެކި ކުށްތަކަށް އަރައިގަންނަ ފަރާތްތަކާ އެކީ އުޅޭ ކުށުގެ ވެށިން ތަކުރާރުކޮށް ފުލުހުންނާ މި ޚިދުމަތް ދޭ ފަރާތްތަކާ ދިމާވާކުދިން އަޅުގަނޑުމެން ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން. އެނެގޭ ނެގުން އަންނާނީ ޤާނޫނު ބުނާގޮތުން ކޯޓު ހުކުމެއްގެ ތެރެއިން." ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ކުށުގެ ވެށިން ނެގޭކުދިން 18 އަހަރު ފުރެންދެން ދައުލަތުން ބެލެހެއްޓުންކަމަށެވެ.

"އެ ސެންޓަރުގައި ކުރެވޭނެ ކަންކަމަކީ ދީނީ ގޮތުން ކުރަންޖެހޭ ކަންކަން އެކުދިންލައްވާ ކުރުމާއި، އެކުދިންނަށް ޢުމްރާ ގުޅޭގޮތުން ރަސްމީ ތަޢުލީމް ދިނުމާ، އޭގެއިތުރުން އަޚްލާގީގޮތުން އެކުދިންނަށް ދޭންޖެހޭ ފަރުވާ ދިނުމާ އެއާއެކު ސްކިލްސް ޑިވެލޮޕްމަންޓާ، ކޮންމެ ކުއްޖަކަށް ދޭންޖެހޭ ވަކި ސައިކޯ ސޯޝަލް އިންޓެވެންޝަން ޕްރޮގްރާމެއް ހެދި އެކުދިންނަށް ކަސްޓަމައިޒްޑް އިންޓެވެންޝަން ޕްރޮގްރާމެއް ހެދުން." ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

މިފަދަ ފެސިލިޓީއެއް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ވިސްނުންފުޅެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަން ކުރުމަށް ސޯޝަލް ކައުންސިލުން ފާސްކޮށް، މިހާރު ކެބިނެޓަށް ހުށައަޅާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެފަދަ ފެސިލިޓީއެއް ޤާއިމްކުރެވުމުން ޤާނޫނުން ބުނާ ފުރިހަމަ ޙައްލު ލިބޭނެކަމަށްވެސް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.