ޚަބަރު

ދިވެހި ޤައުމިއްޔަތުގެ ފުރާނައަކީ ކީރިތި ޤުރުއާން، ހަށިގަނޑަކީ މޫރިތި ސުންނަތް: އާދަމް ނަޞީރު


  • ޤުރުއާނުގެ ފުން މާނައާ މެދު ވިސްނައި ފިކުރުކުރުން މުހިންމުކަން ފާހަގަކުރެއްވި

  • ޤުރުއާނުގެ ޢިލްމް އިތުރަށް ދެނެގަތުމަށް ގަދައަޅައި މަސައްކަތްކުރުމަށްވެސް ބާރުއެޅުއްވި

ދިވެހި ޤައުމިއްޔަތުގެ ފުރާނައަކީ ކީރިތި ޤުރުއާން ކަމަށާއި، ދިވެހި ޤައުމިއްޔަތުގެ ހަށިގަނޑަކީ މޫރިތި ސުންނަތް ކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ކުޑަހުވަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރު ވަނީ ދިވެހިރާއްޖެ އިސްލާމްދީނާއި ޤައުމިއްޔަތަށް ތަފާތު ދެ ނަޒަރުން ބައްލަވައި ދެކަމެއް ފާހަގަކުރައްވާފައެވެ. ފުރަތަމަ ކަމަކީ، މީގެ 30 އަކަށް އަހަރު ކުރީގެ ދިވެހީން، ކީރިތި ޤުރުއާނަށް އިސްކަން ދިން މިންވަރާއި އޭރުގެ ދިވެހީންގެ އަޚްލާޤާއި ހުރި ގުޅުމެވެ. ދެވަނަ ކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ، ކީރިތި ޤުރުއާން ކިޔެވުމުގައި މިހާރު އިތުރަށް ދާންވީ ފުން މިނަކީ ކޮބައިކަމާ މެދު ވިސްނައި، ޤުރުއާން ތަދައްބުރުކުރުމުގެ މުހިންމު ކަމާ އޭރުގެ އެ ރިވެތި ސަގާފަތާއި ހުރި ގުޅުމެވެ.

"ފިލާގައި މަށި ހާކައިގެން ގެންނަ ހުދު ކުލައަށް ފަހު، ލިޔަން ބަލާ އިރު، ގަލަމެއް އެއިރަކު ނުހުރޭ. ލިޔުމަށްޓަކައި، އޮނު ހޯދަން ޖެހޭ. މިކަމަށްޓަކައި، ވަކި ކަހަލަ ފަތެއް ހޯދައިގެން، އެ އަންދައިގެން އެއިން ދެލި ތައްޔާރުކޮށްގެންގެން ލިޔެވޭނީ. މިހާ ދަތި ޙާލުން ކިޔަވައިގެން ވެސް، ޤުރުއާނަށް، ޤުރުއާނުގެ ޢިލްމަށް ދިވެހީން އިސްކަން ދިން"، ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ޤުރުއާނަށް އޭރު އޮތް ލޯތްބާއެކު، ޤުރުއާން ބާވައިލެއްވި މަޤްޞަދުތައް މި މުޖުތަމައުން ޙާސިލް ވެފައިވާ
ކަމުގެ ހެކިތައް ފެންނަން ހުރި ކަމަށެވެ. ޤައުމިއްޔަތުގެ އަޚްލާޤުކަމުގައާއި ޤައުމިއްޔަތުގެ ސުލޫކުގެ ގޮތުގައި އޭރުގެ ދިވެހީންގެ ހީވާގިކަމާއި މުރާލިކަމާއި ހިތްވަރުގަދަކަން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

އެކަންކަމަށް އަލުން ރުޖޫޢަވުމަށް މިހާރުގެ ކިޔަވާ ކުދިން ޤުރުއާން ކިޔެވުމުގައި ތަދައްބުރުކޮށް، ޤުރުއާނުގެ ފުން މާނައާ މެދު ވިސްނައި، ޤުރުއާނުގެ ޢިލްމް އިތުރަށް ދެނެގަތުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޝަރަފުވެރިކޮށްދެވި އެ މުބާރާތުގައި ޖުމްލަ 121 ބައިވެރިން ކިޔެވިއެވެ. މި މުބާރާތުގެ އެއް ވަނަ ޙާސިލްކޮށްފައިވަނީ ލިވާ އަޙްމަދު ޝަނޫނެވެ.