ޚަބަރު

"ދީނާއި ވަޠަން ރައްކާތެރި ކުރެވޭނީ ނަބަވީ އިރުޝާދުގެ އަލީގައި ދަރިން ތަރުބިއްޔަތު ކޮށްގެން"


  • ދަރުސްގެ މައުޟޫއަކީ ނަބަވީ އިރުޝަދުގެ އަލީގައި ދަރިން ތަރުބިއްޔަތު ކުރުން

  • ދަރުސްދެއްވީ އައްޝައިޚް މުޙައްމަދު ލަތީފް

ދީނާއި ވަޠަން ރައްކާތެރި ކުރެވޭނީ ނަބަވީ އިރުޝާދުގެ އަލީގައި ދަރިން ތަރުބިއްޔަތުކުރެވިގެން ކަމަށް ރޭގެ އިޙްޔާ ފޯރަމްގައި ވިދާޅުވެއްޖެއެވެ.

މި ރަމަޟާން މަހުގެ 7 ވަނަ އިޙްޔާ ފޯރަމްގައި، ނަބަވީ އިރުޝަދުގެ އަލީގައި ދަރިން ތަރުބިއްޔަތު ކުރުމުގެ މައްޗަށް ރޭ ދަރުސްދެއްވީ، ޢިލްމުވެރިޔާ އައްޝައިޚް މުޙައްމަދު ލަޠީފުއެވެ.

އިޙްޔާ ފޯރަމްގައި ތަޤުރީރުކުރައްވަމުން އައްޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވީ، ގެއެއްގައި ހެޔޮލަފާދަރިން ތިބުމަކީ އެގެއަކަށް އުފާވެރިކަން ގެނެސްދޭކަމެއްކަމަށެވެ. އަދި އެކުދިންނަކީ ދީނީ ގޮތުންނާއި ދުނިޔަވީ ގޮތުން އުންމަތަށް އަންނަ ނުރައްކާތެރިކަން ދިފާއުކުރާނެ އައްޑަނަތަކެއްކަމަށް ޝައިޚް ލަޠީފް ވިދާޅުވިއެވެ.

ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދީފިނަމަ އެކުދިން އަޅުގަނޑުމެންގެ ދީނާއި ވަޠަން ރައްކާތެރިކުރާނެ ކަމަށާއި އޭގެ ސަބަބުން މުޖުތަމަޢުއަށް ފައިދާކުރާނެކަމަށް ޝައިޚް ވިދާޅުވިއެވެ. އަދި އިސްލާމްދީނުގައި ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަށް ބާރު އަޅާފައިވާ ސަބަބަކީ އެއީ ކަމަށްވެސް ވިދާޅުވިއެވެ.

ޝައިޚް ވިދާޅުވީ، ދަރިން ތަރުބިއްޔަތުކުރަން ޖެހޭނީ ނަބަވީ އިރުޝާދުގެ އަލީގައި ކަމަށެވެ. އިސްލާމީ ތާރީޚަށް އަލިއަޅުއްވާ މިސާލު ނަންގަވާ ޝެއިޚް ވިދާޅުވީ، ނަބަވީ އިރުޝާދުގެ އަލީގައި ދަރިންތަރުބިއްޔަތު ކުރި ޒަމާނުގައި އިސްލާމްދީން ދިފާއުކުރުމަށް މުސްލިމް ދަރިން މަސައްކަތްކުރިކަމަށެވެ.

ނަމަވެސް މިހާރު ދުނިޔޭގައި ދެ ބިލިއަނަނަށް ވުރެ ގިނަ މުސްލިމުން އުޅޭއިރު އަދި ފައިސާގެ ގޮތުންވެސް ކުރީ ޒަމާނަށް ވުރެ މާ ތަނަވަސްއިރު، މުސްލިމް ދަރިނަށް ދީނާއި އުންމަތުގެ ދިފާއުގައި ކަމެއްނުކުރެވޭ ސަބަބަކީ ނަބަވީ ތަރުބިއްޔަތުން ނެތުންކަމުގައި ޝައިޚް ވަނީ ފާހަގަކުރްވާފައެވެ.

ޝައިޚް ލަޠީފް ވިދާޅުވީ، އިސްލާމްދީނުގެ އަލީގައި އަދި ނަބަވީ އިރުޝާދުގެ އަލީގައި ދުނިޔެއާއި އާޚިރަތަށްޓަކައި ފައްކާވެފައިވާ، މުސްލިމް އިންސާނަކު ބިނާކުރުމަކީ ތަރުބިއްޔަތުގެ މަފްޙޫމް ކަމުގައެވެ.

ތަރުބިއްޔަތުގެ ބައިތަކަށް އަލިއަޅުއްވާ ޝައިޚް ވިދާޅުވީ، ތަރުބިއްޔަތުގެ ވަރަށް ގިނަ ބައިތައް ހިމެނޭ ކަމަށެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ އީމާންތެރިކަން ކަމަށާއި، ދެވަނަ ކަމަކީ އަޚްލާޤީ ތަރުބިއްޔަތު ކަމަށް ވިދާޅުވެ ރަސޫލާގެ ހަދީޡްފުޅުން މިސާލު ނެންގެވިއެވެ.

"ކީރިތި މާތް ނަބިއްޔާ އަށް ދެންނެވުނީ އެންމެގިނައިން މީސްތަކުން ސުވަރުގެ ވައްދަވާނީ ކޮންކަމަކުންތޯއޭ؟ ހަދީޡްފުޅު ކުރެއްވީ ތަޤްވާވެރިކަމާއި ރިވެތި އަޚްލާގޭ، ތަޤްވާވެރިކަމަކީ ﷲ އަށް ހެޔޮކަންތައް ކުރުން، ނަހީ ކުރެއްވި ކަންތަކުން ދުރުވުން، ރިވެތި އަޚްލާގް، މީހުންނާއި މުޙާތަބްކުރާއިރުގައި، ހިނިތުންވުމާއި އެކީގައި މުޚާތަބްކުރުމާއި ހަރުކަށި މިޒާޖުގެ ގޮތް ދޫކޯށްލުމާއި، ހެޔޮބަސް ބުނުމާއި، އުފާވެރިކަން، ސުލްހަ މަސަލަސް ކަމަށް ލޯބިކުރުން، މީހުންގެ ތެރޭގައި ފިތުނަ އުފެދޭ ކަންކަން ނުކުރުން، މިއީ ރީތި އަޚްލާޤަކީ." ޝައިޚް ވިދާޅުވިއެވެ.

މިދަރުސްގައި ޝެއިޚް ލަތީފް ވަނީ އިސްލާމް ދީނުގައި ދަރިން ތަބިއްޔަތުކުރުމަށް ދީފައިވާ އަޙަމިއްޔަތުކަމާއި ދަރިން ތަރުބިއްޔަތު ކުރާނެ ގޮތުގެ މައްޗަށް، އިސްލާމީ ތާރީޚުން މިސާލު ނަންގަވާ ވަރަށް ތަފްޞީލުކޮށް ވާހަކަދައްކަވާފައެވެ.