ޚަބަރު

"އަޅުކަން ކުރުމަކީ ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނަންވާނެ ކަމެއް ނޫން"


  • ޚުޠުބާގެ މައުޟޫއަކީ ރަމަޟާން މަހަށްފަހު ހެޔޮޢަމަލު ކުރުންމަތީ ދެމިތިބުން

  • ފުރިހަމަ މުއުމިނަކު، ދުވަހަކު ވެސް ހެޔޮޢަމަލު ކުރުމަކަށް އަލްވަދާޢެއް ނުކިޔާނެކަމަށް ވިދާޅުވި

  • ނަމާދުކުރުން ރަމަޟާންމަހަށް ފަހުގައި ވެސް ދެމެހެއްޓުމަށްވަނީ ނަސޭހަތްތެރިވެފައި

ފުރިހަމަ މުއުމިނަކު، ދުވަހަކު ވެސް ހެޔޮޢަމަލު ކުރުމަކަށް އަލްވަދާޢެއް ނުކިޔާނެ ކަމަށާއި، ރަމަޟާން މަސް ނިމުމަށް ފަހުގައިވެސް، ހެޔޮ ޢަމަލު ކުރުންމަތީ ދެމިތިބުމުށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިިފިއެވެ.

މިއަހަރުގެ ރަމަޟާންމަހުގެ ފަހު ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "ރަމަޟާން މަހަށްފަހު ހެޔޮޢަމަލު ކުރުންމަތީ ދެމިތިބުން" މި މަޢުޟޫއަށެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ، އަޅުކަން ކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނަންވާނޭ ކަމެއް ނޫންކަމަށެވެ. އަދި މުއުމިނުންނަކީ، ވަކި މަހެއްގައި، ވަކި މޫސުމެއްގައި، މާތް ﷲ އަށް އަޅުކަން ކުރަން ޖެހޭ ބައެއްނޫން ކަމަށާއި މުޅި ޙަޔާތުގައި ވެސް އަޅުކަން ކުރަންޖެހޭނެކަން ވަނީ ހަނދާންކޮށްދީފައެވެ.

ޚުޠުބާގައި ވިދާޅުވީ މުސްލިމަކު ހެޔޮ ޢަމަލެއް ކުރުމަށް ފަހު، އެންމެ މުހިންމު ކަމަކީ، އެ ޢަމަލު ޤަބޫލުކުރައްވާތޯ ދެންނެވުމާއި، އެ ޢަމަލުކުރުންމަތީ ދެމިހުރުމުގެ ތައުފީޤަށް އެދި ދުޢާ ކުރުން ކަމަށެވެ.

"ގިނަގިނައިން ތައުބާވެ، މާތް ﷲ ގެ ހަޟްރަތުގައި ފާފަފުއްސެވުމަށް އެދި ދަންނަވާށެވެ. އެކަލާނގެއީ ތައުބާ ޤަބޫލުކުރައްވާ، ފާފަފުއްސަވާ ރަސްކަލާނގެއެވެ. އެކަލާނގެއީ އެކަލާނގެ ކޯފާއަށްވުރެ ރަޙްމަތް ތަނަވަސް ރަސްކަލާނގެއެވެ. އެކަލާނގެ ޒާތުފުޅަށް ރަޙްމަތް ލާޒިމް ކުރައްވާފައިވާ ރަސްކަލާނގެއެވެ. އޭ ހެޔޮކަމަށް އެދޭ މީހާއެވެ! އެކަމަށް އަވަސްވެގަންނާށެވެ! އެކަލާނގެ ރަޙްމަތުގެ ދޮރުކޮޅު ވަނީ، އެދޮރުކޮޅުން ވަންނަން ބޭނުން ކޮންމެ މީހަކަށް ހުޅުވިފައެވެ. " ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވަނީ ނިމިގެން މިދާ ރަމަޟާންމަހު ޢަމަލުތައް ހުރިގޮތާމެދު ވިސްނާ، ޤަވާއިދުން ފަރުޟު ފަސްނަމާދު އަދާކުރެވުނު ނަމަ އެ ނަމާދުތައް ކުރުން ރަމަޟާންމަހަށް ފަހުގައި ވެސް ދެމެހެއްޓުމަށްވަނީ ނަސޭހަތްތެރިވެފައެވެ.

އަދި ހެޔޮޢަމަލުކުރުމުގައި ހީވާގިވެ، ކިތަންމެ މަދުން ކުރެވުނަސް ހުއްޓާނުލާއި ކުރުމަކީ ނަބަވީ މަންހަޖެއް ކަމަށް ޙުޠުބާގައި ވިދާޅުވިއެވެ.

" މުސްލިމް އަޚުންނޭވެ! ކުރިން ކުރެވިފައިވާ ހެޔޮޢަމަލުތަކަކީ، ގިނަގުނަ ޢަމަލުތަކެއް ކަމުގައި، އަހަރެމެން ދެކިގެންނުވާނެއެވެ. އެހެނީ ކުރެވުނު ހެޔޮ ޢަމަލުތަކަށްޓަކާ ބޮޑާވެ، އެއީ މާގިނަ ހެޔޮ ޢަމަލުތަކެއް ކަމުގައި ދެކޭނަމަ، އެ ޢަމަލުތައް ބާޠިލުވެދާނެއެވެ. މުސްލިމް އަޚުންނޭވެ! އަހަރެމެންނަށް ހެޔޮކަމެއް ކުރެވުމުން، އެކަމާ ބޮޑާ ނުވެ، އެ ހެޔޮކަމެއް ކުރުންމަތީ ދެމިތިބެން ޖެހެއެވެ. ކުރެވުނު ޢަމަލުގެ ގިނަކަމުން، ސުވަރުގެ ޔަޤީންވީ ކަމަށް އަހަރެމެން ދެކިގެން ނުވާނެއެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ހުކުރު ޙުތުބާގައި ވިދާޅުވީ، ބައްޔެއްގެ ސަބަބުން، ނުވަތަ ދަތުރެއްގެ ސަބަބުން، ނުވަތަ ވަރުބަލިކަމުގެ ސަބަބުން، ނުވަތަ ހަނދާންނެތިގެން ވިޔަސް، ސުންނަތް އަޅުކަމެއް ދޫވެއްޖެނަމަ، އެކަމެއް ފިލައިދިއުމުން، އެ އަޅުކަމެއް ކުރަން އަވަސްވެގަންނަންވާނެ ކަމަށެވެ. އަދި ޢުޛުރަކާހުރެ ދޫވި އަޅުކަންތަކުގެ ސަވާބު، މާތް الله ތައާލާ ފުރިހަމައަށް ދެއްވާނެކަމަށް ޙުޠުބާގައި ވިދާޅުވިއެވެ.