އޭދަފުށީގައި 1000 ހައުސިން ޔުނިޓުއެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަން ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ޢިއުލާންކުރެއްވީ މަޖިލިސް އިންތިޚާބުގައި ސަރުކާރު ކޯލިޝަނުން އޭދަފުށީ ދާއިރާއަށް ވާދަކުރައްވާކެނޑިޑޭޓުގެ ކެމްޕޭން ޙަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ބ. އަތޮޅުގަ ވެރިކަންކުރާ އޭދަފުއްޓަކީ ސަރުކާރުން އަރބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްޤީކުރަން އިއުލާންކުރައްވާފައިވާ 7 ރަށުގެ ތެރޭގައި ހިމެނޭ ރަށަކަށްވާއިރު އޭގެ ތެރެއިން ވަރަށް ގިނަ ކަންތައްތަކެއް އޭދަފުށީގައި ކުރެވިގެންދާނެކަން ފާހަގަކުރައްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ،
ލަސްތަކެއް ނުވެ މިހާރުވެސް އޭދަފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކުރައްވާ މަސައްކަތްތައް ޢަމަލީގޮތުން ފެށިގެންދާނެކަމަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހަޢްލުކުރުމަށް އޭދަފުށީގައި ތަރައްޤީކުރެވޭ ހައުސިންގ ޔުނިޓަކުގެ ސަބަބުން އެރަށުގެ އިތުރުން އެދާއިރާ އާއި ޖުމްލަކޮށް މުޅިއަތޮޅަށްވެސް އޭގެ އެދެވޭ ފައިދާކުރާނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
"ވަރަށް ގިނަ ކަންކަން އެބަހުރި، އެންމެ މުހިއްމީ ގެދޮރުވެރިކަން. އޭދަފުއްޓަކީ އަރބަން ސެންޓަރެއްގެ ގޮތޮގައި ކަނޑައެޅުމާ އެކީގައި، އަދި ރަށުގައި މިކަމުގެ އޮތް މުޙިއްމުކަމަށް ބަލާއިރުވެސް ވަރަށް މުހިއްމުކަމެއް ގެދޮރުވެއިކަމުގެ މައްސަލައަކީ. އިރާދަކުރެއްވިޔާ މިހާރު ކުރިއަށްދާ މަސައްކަތްތަކާއެކު ދާދި އަވަހަށް ހުރިހާ ޙުއްދައެއް ސަރުކާރުންދީ، ވަރަށް އަވަހަށް އޭދަފުށީގައި 1000 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް ފަށާނަން" ރައީސް ވިދާޅުވިއެވެ.
ގެދޮރުވެރިކުމުގެ މަޝްރޫޢުގެ އިތުރުން މުޙިއްމު އެހެންދާއިރާތަކުންވެސް އޭދަފުށި ދާއިރާއަށް ސަރުކާރުންފައިވާ މުހިއްމު ވަޢުދުތަކާ އެއްގޮތަށް ކަންކަން ފުރިހަމަކުރުމަށް މަޖިލީހުން ހުއްދަތަކެއް ބޭނުންވާކަމަށާއި 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ވިސްނުމުގެ މެންބަރުން އިޚްތިޔާރުކުރުން މުހިއްމީ އެސަބަބައްޓަކައިކަމަށް ރައީސް ވިދާޅުވިއެވެ.
އޭދަފުށި ދާއިރާގެ އިތުރުން ޖުމަލަކޮށް ރާއްޖޭގެ ހުރިހާ ދާއިރާއަކަށްވެސް އެމަނިކުފާނު ވެވަޑައިގެންވެވި ވަޢުދުތައް ފުއްދަވަން ސަރުކާރުން ކުރަންޖެހޭ ކަންކަން އިންތިޒާމުކުރެވިގެންދާނެކަމަށާއި ބޭނުންވަނީ މަޖިލީހުގެ އެއްބާރުލުމާއެކު ރައްޔިތުން އެދޭ ނަތީޖާތަށް ނެރެދިނުމަށްކަމަށް ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވިއެވެ.