ޚަބަރު

އެމްޑީޕީ ސަރުކާރުގެ ތަޞައްވުރާ އެއްގޮތަށް އައްޑޫ ކުރިއަރުވަން މިފަހަރުވެސް މެޖޯރިޓީ ލިބޭނެ: ރައީސް ޞާލިޙް


  • އައްޑޫ ސިޓީ ގައި ކުރިން އުޅެމުން އައީ ފުއްދުން ތެރި ރައްޔިތެއް ކަމަށް ރައީސް ޞާލިޙް ވިދާޅުވި

  • އައްޑޫގެ ރައްޔިތުންނަށް އެމްޑީޕީއިން އުންމީދުތަކެއް ގެނުވިކަމަށް ރައީސް ޞާލިޙް ވިދާޅުވި

އެމްޑީޕީގެ ވެރިކަމުގައި އައްޑޫ ސިޓީއަށް ތަސައްވުރެއް އޮތްކަމަށާއި އެސިޓީއަށް މިހާތަނަށް ނުލިބިވާ ކުރިއެރުންތައް ގެނައުމަށް އައްޑޫގެ މެޖޯރިޓީ އެމްޑިޕީއަށް ލިބޭނެކަން ޔަގީންކުރައްވާކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އައްޑޫގެ ދާއިރާތަކަކަށް ވާދަކުރައްވާ ކެނޑުޑޭޓުންގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން، ރައީސް ޞާލިޙް ވިދާޅުވީ އައްޑޫއަކީ ކުރިން ހަމަޖެހޭ ފުއްދުންތެރި ރައްޔިތެއް ދިރިއުޅެމުން ދިޔަ އަތޮޅެއް ކަމަށާއި، ހަތްދިހައިގެ އަހަރުތަކުގައި ސަރުކާރުގެ ސިޔާސަތުތަކަށް ގެންނެވި ބަދަލުތަކާއެކު ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ، އޭރުންސުރެ އައްޑޫސިޓީގެ އޮތް ވިރާނާކަން ނިމުމަކަށް ގެނައުމަށް ފެހި ޤާނޫނު އަސާސީ އައުމުން، އުންމީދުތައް އާވިކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ، މުޅިރާއްޖެއަށް އެދެވޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށައިގަތީ އެމްޑީޕީއިން ކަމަށާއި އެމްޑީޕީއިން ކުރި މަސައްކަތުގެ އެންމެ އިސް ސަފުގައި، އައްޑޫ ސިޓީގެ ރައްޔިތުން ހަރަކާތްތެރިވިކަމަށެވެ.

"ތާރީޚުގައި އޮތް އުފާވެރިކަމާއި ހަމަޖެހުން ގެނައުމަށް، އެމްޑީޕީގެ،ކޮންމެ ސަރުކާރެއްގައި މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ކުރެވުނު، އައްޑޫ ސިޓީ ރައްޔިތުންގެ ތާއީދާއެކު ގެނެވުނު އެމްޑީޕީގެ ނިމިދިޔަ ސަރުކާރުންވެސް މަސައްކަތްތަކެއް ކުރެވުނު" ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިހް ވިދާޅުވީ އައްޑޫ ސިޓީއަށް މި ވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި ވެސް ހަގީގަތުގައި ތަރައްގީގެ މަސައްކަތެއް ކުރެވިފައި އޮތީ އެމްޑީޕީގެ ވެރިކަމެއްގައި ކަމަށާއި ޚާއްސަކޮށް މި ވޭތުވެދިޔަ 5 އަހަރު ކުރެވުނު މަސައްކަތްތައް އައްޑޫ ރައްޔިތުން ފާހަގަކުރާނެ ކަމަށެވެ.

ރައީސް ޞާލީޙްވަނީ މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ، އަދުގެ ސަރުކާރުން އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރު ފެއްޓެވި މަޝްރޫޢުތައް ހުއްޓާލާފައިވާކަމަށް ތުހުމަތުކުރައްވައި ވިދާޅުވާ ވާހަކަތައް ތަކުރާރުކުރައްވާފައެވެ.